ކ. މާލެ
|
20 ފެބްރުއަރީ 2025 | ބުރާސްފަތި 17:42
މިނިސްޓަރ އާދަމް ޝަރީފް ރަށު އެކްސްޕޯ 2025 ގައި
މިނިސްޓަރ އާދަމް ޝަރީފް ރަށު އެކްސްޕޯ 2025 ގައި
އެކްސް
ލޯކަލް ގަވަރންމަންޓް މިނިސްޓްރީ
ރޯދަ އަށް މިނިސްޓްރީ ވަރަށް ބިޒީ – ކުރާ ކަމަކީ އީދު ބޮކި ބެހުމާއި މަސްދަޅު ބެހުން: މިނިސްޓަރު
އީދު ލައިޓަކީ އިސްލާމީ ވަހުދަތު ރައްކައުތެރި ކުރުމަށް ރައީސް ދެއްވާ އަހަންމިއްޔަތު ތެރެއިން ބައްސަވާ އެއްޗެއް ކަމަށް މިނިސްޓަރ ވިދާޅުވި
މިނިސްޓަރ ވިދާޅުވީ އޮބި ނޯންނަ ވަރަށް އީދު ލައިޓުގެ ޑިމާންޑް އެބައޮތް ކަމަށް
ބޮކި ބަހަން މިނިސްޓްރީއެއް ނެތަސް ކައުންސިލަށް ބަޖެޓު ދިނަސް މިކަން ކުރާނެ ނޫންތޯ ދެންނެވުމުން މިނިސްޓަރު އެއްޗެއް ވިދާޅެއް ނުވި

ރަމަޟާން މަސް އަންނަ އިރު މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރަންމަންޓް އެންޑް ޕަބްލިކް ވޯރކްސް "ވަރަށް ބިޒީ" ކަމަށާއި، އެއީ ރަމަޟާން މަހާއި އީދު ހަދިޔާ ބަހަންޖެހޭތީ ކަމަށް އެ މިނިސްޓްރީގެ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝަރީފް ވިދާޅުވީ، މިދިޔަ އަހަރުވެސް ރޯދަ މަހު މިނިސްޓްރީ ވަރަށް ބިޒީވި ކަމަށާއި އެއީ ރޯދަ ހަދިޔާ ބެހުމުގެ އިތުރުން އީދު ލައިޓު ބަހަން ޖެހުމުން ކަމުގައެވެ.

މިކަންކަން މިހެން ހުރުމާއެކު ލޯކަލް ގަވަންމަންޓް މިނިސްޓްރީ އިން ދެކެނީ ރޯދަ މަހަކީ އެމިނިސްޓްރީ ވަރަށް ބިޒީވާ މަހެއްގެ ގޮތުގައެވެ.

ރަށްރަށުގެ ކައުންސިލަށް ބެޖެޓު ދިނުމުން ރަށްރަށުންވެސް ބޮކި ގަންނާނެ ނޫންތޯ އާއި ރަށްރަށް ބޮކި ބަހަން މިނިސްޓްރީ އެއް ހުންނަން ޖެހޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް މިނިސްޓަރ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ޝަރީފް ވިދާޅުވީ، މިފަހަރު ވެސް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި އޮތީ، 1446 ވަނަ އަހަރުވެސް އީދު ލައިޓު ދިއްލުމައްޓަކައި، ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް ކަމުގައެވެ.

ޝަރީފް ވިދާޅުވީ ދިއްލޭ ބޮކި ރަށްރަށަށް ފޮނުވުމަށް ކަމާ ބެހޭ މަޝްވަރާ ތަކާ ބައްދަލުވުންތައް މިހާރު ވާނީ ފަށާފައި ކަމަށެވެ.

އެ ގޮތުން ސްޓެލްކޯ އާއި ފިނޭންސް މިނިސްޓްރީ އާ މަޝްވަރާ ކުރެވި، ލިޔެކިޔުންތައް ބަދަލު ކުރެވި، ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ފެށިފައވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު 36 ރަށަކަށަ އީދު ލައިޓް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އަށް އާންމު ގޮތެއްގައި ވެސް ވަރަށް ޚުޝާމަދު ކުރައްވާ މިނިސްޓަރ ޝަރީފް ވަނީ މިއީ ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން "ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން" ފޮނުވާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ރޯދަ އަށް މުއިއްޒު ދެއްވާ މަސްދަޅު ބެހުމުގެ މަސައްކަތުގައި ވެސް އެ މިނިސްޓްރީގެ ވަރަށް މުހިންމު ދައުރެއް އެބައޮތް ކަމަށާއި، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވިފައިވާ ކަމަށާއި ހުކުރު ވިލޭރޭން ފެށިގެން މާލޭގައި މަސްދަޅު ކޭސް ބަހަން ފަށާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އީދު ލައިޓަކީ އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އީދުލައިޓުތަކަށް އޮބި ނޯންނަ ވަރަށް ރަށްރަށުން އެދެމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ ތިން ދުވަހަށް މިހާ ބޮޑު ހޭދަ އެއް ކޮށްގެން ޚަރަދު ކުޑަކުރަން ޖެހޭ ދަނޑިވަޅެއްގައި ކީއްކުރަން ކުރާ ކަމެއްތޯ ދެންނެވުމުން މިނިސްޓަރ ވިދާޅުވީ، އީދު ލައިޓުގެ ބައިތައް ނަގައިގެން ޖުލައި 26 ފަދަ މުނާސަބަތުތަކުގައި ބޭނުން ކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އީދު ބޮކި ގެނެސް ރަށްރަށުގައި ދިއްލުމަކީ މި ވަގުތައް ކުރުން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

- ކޮމެންޓް