ކ. މާލެ
|
20 ފެބްރުއަރީ 2025 | ބުރާސްފަތި 12:54
ރ. މަޑުއްވަރީ ކައުންސިލް އައު އިމާރާތުގެ ބިންގާ، މިނިސްޓަރު އަޅުއްވައިދެއްވަނީ
ރ. މަޑުއްވަރީ ކައުންސިލް އައު އިމާރާތުގެ ބިންގާ، މިނިސްޓަރު އަޅުއްވައިދެއްވަނީ
ީމިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް، ޕަބްލިކް ވޯކްސް
ކައުންސިލް އިދާރާތައް އަލުން އިމާރާތްކުރުން
ކައުންސިލް އިދާރާތައް އެޅުމަަަށް ހަވާލުކުރީ އިއުލާން ނުކޮށް، މަޝްރޫއުގެ އަގަކީ 36 މިލިއަން ޑޮލަރު
ބުރާސްފަތި ދުވަހު މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު އަށް އެ ކުންފުނި ހޮވާފައި ވަނީ އެ ކުންފުނީގެ ފަރާތުން ހުށަހެޅި ޕްރޮޕޯޒަލް އަކާއި އެކުގައި ކަމަަަށް
މަސައްކަތް ރަނގަޅަށް ކުރިއަށް ގޮސްފި ނަމަ, 2028 ގައި ހުރިހާ ފައިސާ ދައްކައި ނިމޭނެ

ރަށް ރަށުގެ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރީ 36 މިލިއަން ޑޮލަރުގެ އަގަކަށް، އިއުލާންކުރުމަކާއި ނުލާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 36 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 554,400,000 (ފަސް ސަތޭކަ ފަންސާސް ހަތަރު މިލިއަން ހަތަރު ލައްކަ) ދިވެހި ރުފިޔާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ބުރާސްފަތި ދުވަހު މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު އަށް އެ ކުންފުނި ހޮވާފައި ވަނީ އެ ކުންފުނީގެ ފަރާތުން ހުށަހެޅި ޕްރޮޕޯޒަލް އަކާއި އެކުގައި ކަމަަަށެވެ. އެހެންނަމަވެސް "ހެކްސްޓަރ ގްލޯބަލް" އާއި މަސައްކަތް ހަވާލު ކުރީ އެ ކުންފުންޏަށް އެފަދަ މަސައްކަތެއް ކުރެވިދާނެތޯ ބަލާ އެކަމާއި ގުޅޭ ރިޕޯޓެއް އެކުލަވާލުމަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަޝްރޫޢު އަށް އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކުރިތޯ ނުވަތަ ނޫންތޯ ވަޒީރު ހާމައެއް ނުކުރައްވައެވެ.

ފައިސާ ދައްކަން ޖެހެނީ މަސައްކަތް ނިމޭތާ ހަ މަސް ދުވަސް ފަހުން. އެހެންވީމަ އެކަށީގެންވާ ވަގުތު ލިބޭނެ. އަދި މަސައްކަތް ރަނގަޅަށް ކުރިއަށް ގޮސްފި ނަމަ, 2028 ގައި ހުރިހާ ފައިސާ ދައްކައި ނިމޭނެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު

މީގެ އިތުރުން ހެކްސްޓަރ އަކީ ބޭރުގެ ކުންފުންޏަކަށް ވާއިރު އެ ކުންފުނީގެ ފަރާތުން ދިވެއްސަކު ސޮއިކުރި ސަބަބު މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. އެ އެއްބަސްވުމުގައި ދިވެއްސަކު ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވާ އޮފް އެޓާނީ އޭނާ އަށް ދީފައިވާތީ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި އެކަން ކޮށްފައި ވަނީ އިޖުރާއަތުތައް ފުރިހަމަކޮށް، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރުގެ އެޕްރިލް މަހު ފެށޭ އިރު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި މަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަވެސް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި 55 އިމާރާތުގެ ތެރެއިން 39 ކައުންސިލް އިމާރާތުގައި 2 ފަންގި ފިލާ ހުންނަ އިރު އޭގެ ތެރެއިން ކޮންމެ އިމާރާތެއްގައި ކައުންސިލުގެ ރައީސް ކޮޓަރި އާއި ނައިބު ރައީސް ކޮޓަރި އަދި ސެކެޓްރީ ޖެނެރަލް ކޮޓަރީގެ އިތުރުން ކައުންސިލް މެންބަރުންގެ މަސައްކަތް ކުރާނެ ޖާގަ އާއި އެހެނިހެން މަސައްކަތްތައް ކުރާނެ ޖާގަ ހިމެނޭނެ އެވެ.

ހެކްސްޓާއިން ހިންގާ މަޝްރޫއުގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ވެސް 50 ކައުންސިލެއް އިމާރާތްކުރުމަށް ނިންމާ މި ސަރުކާރުން ވަނީ އެކަން ހާމަކޮށްފައެވެ.

- ކޮމެންޓް