އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޔުކްރެއިން ސަފީރު ކީތް ކެލޮގް، ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާ ބައްދަލުކުރައްވައި ވާހަކަތައް "އަޑުއެއްސެވުމަށް" ބުދަ ދުވަހު ކީވް އަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ރައީސް ގެ މަންދޫބު ކީވް އަށް ވަޑައިގެންނެވި އިރު ރަޝިޔާ އާ ދެކޮޅަށް ކުރެވޭ ހަނގުރާމަ އަށް 3 އަހަރު ވާން ވަނީ ގާތްވެފައެވެ.
ކެލޮގް ޔޫކްރެއިން އަށް ޒިޔާރަތް ކުރެއްވީ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން އެމެރިކާ އާއި ރަޝިޔާ މަޝްވަރާ ކުރުމަށް ރިޔާޟް ގައި ބައްދަލުކުރި ދުވަހުގެ ފަހު ދުވަހުއެވެ. އެ ބައްދަލުވުމުގައި ޔުކްރެއިން ބައިވެރި ކޮށްފައެއް ނުވެއެވެ.
"މިއީ...ރަނގަޅު، އަދި މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުޞަތެއް ލިބޭނެ ޒިޔާރަތެކެވެ،" ކެލޮގް ވިދާޅުވިއެވެ. އަދި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ހަފްތާ ބަންދުގައި ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އިތުރަށް އޭނާ ވިދާޅުވިއެވެ.
"ސަލާމަތީ ގެރެންޓީތަކުގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް އެނގޭ،" ކަމަށް ކެލޮގް ނޫސްވެރިންނަށް ވިދާޅުވިއެވެ. އަދި އޭނާގެ މި މިޝަންގެ ބައެއްގެ ގޮތުން "އިށީނދެ އަޑުއެހުން" ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ސުލްޙަ އެއްބަސްވުމަކަށް ވާސިލުވުމަށްފަހު، ރަޝިޔާ އިން އަލުން ހަމަލާއެއް ދިނުން ހުއްޓުވުމަށްޓަކައި އެމެރިކާ އިން ސަލާމަތީ ގެރެންޓީ ބޭނުންވާކަން ޔުކްރެއިނުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
ކެލޮގް ވިދާޅުވީ އޭނާ ހޯއްދަވާ މައުލޫމާތު ޓްރަމްޕް އާއި އޭނާގެ ޓީމާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ބުދަ ދުވަހަށް ހަމަޖެހިފައިވާ ސައުދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުފުޅު ޒެލެންސްކީ ފަސްކުރެއްވީ އަންގާރަ ދުވަހު ރިޔާޟް ގައި ބޭއްވުނު އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުންގެ ބައްދަލުވުމަށް "ދައުވަތު" ނުދިނުމަށް ކަމަށް ދެ މަސްދަރަކުން ރޮއިޓަރސް އަށް ކުރިން ބުނެފައިވެއެވެ.
ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން އެމެރިކާ އާއި ރަޝިޔާގެ މެދުގައި ކުރެވޭ މަޝްވަރާ ތަކުން ޔުކްރެއިން އެއްކިބާ ކުރުމާ ގުޅޭގޮތުން ޔުކްރެއިނުން ފާޅުކުރި ކަންބޮޑުވުންތައް ޓްރަމްޕް ވަނީ ބަލައިނުގަނެ ދޫކޮށްލައްވާފައެވެ. ކީވް އަށް ކުރިން ރަޝިޔާ އާއެކު އެއްބަސްވުމަކަށް އާދެވުނީސް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.