ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަން ނިންމައި، މާލެ ފިޔަވައި އެހެން ރަށްރަށުގައި ވަޒީފާއަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށް މުހުލަތެއްދީފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން ބުނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި ބުދަ ދުވަހު ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައު ސައިޓް ރަޖިސްޓްރޭޝަން، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ދޫނުކުރާނެކަން އާންމުކޮށް އަންގާ އިއުލާންކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މި ފިޔަވަޅުން އިސްތިސްނާވާނެއެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރައެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް 2025 މާރިޗް 1 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާ، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ވުޒާރާއިން ވަނީ އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.