ކ. މާލެ
|
17 ފެބްރުއަރީ 2025 | ހޯމަ 13:10
ޤާނޫނީ ވަކީލް މަހްފޫޒް ސައީދު
ޤާނޫނީ ވަކީލް މަހްފޫޒް ސައީދު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މެމްބަރުކަމުގެ ގޮނޑި ގެއްލުން
"މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ރިޔާސީ ނިޒާމް ވެސް ގަޑުބަޑުވެގެން ދޭ"
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ ސަބަބުން މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށް ލިބޭ
ރާއްޖޭގެ ޤާނޫނުއަސާސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ވަކި ޕާޓީއަކަށް މެމްބަރަކު ނިސްބަތްވުމަކީ ސަރުކާރު އެކުލަވާލުމާއި، ސަރުކާރު ހިންގުމަށް ބަދަލު އަންނަ ކަމެއް ނޫން
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަކީ ޤާނޫނުއަސާސީގެ ރޫހާއި އަސާސީ ހަމަތަކާއި ވެސް ޚިލާފު އިސްލާހެއް ކަމަށް މަހްފޫޒް ވިދާޅުވި

ޕާޓީ ބަދަލުކުރުމުން މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ ސަބަބުން މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށް ލިބޭ ކަމަށާއި އެކަމުގެ ސަބަބުން ރިޔާސީ ނިޒާމް ގަޑުބަޑުވެގެން ދާ ކަމަށް ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސިޔާސީ ޕާޓީއަކުން މަޖިލީހުގެ މެމްބަރަކު ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކާލާތުކުރައްވަމުންނެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިންއެވެ.

މަހްފޫޒް ވަނީ ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް އޮތް އިސްލާހު ޤާނޫނުއަސާސީ އާއި ޚިލާފުކަމަށް ކަނޑައަޅާ 4 ސަބަބެއް ހާމަކުރައްވާފައެެވެ.

މަހްފޫޒް ވިދާޅުވީ ރާއްޖޭގެ ޤާނޫނުއަސާސީ ފައްކާ ކޮށްފައި ވަނީ ރިޔާސީ ނިޒާމަކަށް ކަަމަށެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ވަކި ޕާޓީއަކަށް މެމްބަރަކު ނިސްބަތްވުމަކީ ސަރުކާރު އެކުލަވާލުމާއި، ސަރުކާރު ހިންގުމަށް ބަދަލު އަންނަ ކަމެއް ނޫންކަމަށް މަހްފޫޒް ވިދާޅުވިއެވެ.

މަހްފޫޒް ވަނީ ޕާޓީއަށް ބާރު ލިބިދީގެން މެމްބަރުން ވަކިކުރުމަކީ ރިޔާސީ ނިޒާމްގެ ސިފައެއް ނޫން ކަމަށް ފާހަގަކުރައްވާފައެވެ. މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަކީ ޤާނޫނުއަސާސީގެ ރޫހާއި އަސާސީ ހަމަތަކާއި ވެސް ޚިލާފު އިސްލާހެއް ކަަމަށް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.

ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިން، އަސާސީ އޮނިގަނޑު ނެގެހެއްޓުމުގެ މަހްފޫމާވެސް ޚިލާފުވޭ. މި ހުރިހާ ސަބަބެއް ހުރުމުން މި އެދެނީ މިއި މަޖިލީހަށް ނުގެނެވޭނެ ބަދަލެއް ކަަމަށް ކަނޑައަޅާދިނުމަށް. ޤާނޫނުއަސާސީ އެކުލަވާލި އިރު ބޭއްވި ޚާއްސަ މަޖިލީހުގައި މަޝްވަރާކުރި ޤާނޫނުއަސާސީގައި ހިމަނާނެ ކަންކަމާއި މެދު. އަސާސީ އޮނިގަނޑާއި މެދު ވިދާޅުވި 3 ބާރު ވަކިވާން ވާނެ ވާހަކަ. ރައީސް އައްޔަންކުރާ މެމްބަރުން ތިބެގެން ނުވާނެއޭ. އޭރުން ރާއީސް ބުނާ ގޮަތަށޭ ހަދާނީ. ބާރުތައް މަސްހުނިވެއޭ. އެ ދުވަހު ޚާއްސަ މަޖިލީހުގެ މެމްބަރުން ފާޅުކުރި ކަންބޮޑުވުން މިއަދު އައިސްފައި މިއޮތީ.

ޤާނޫނީ ވަކީލް މަހްފޫޒް ސައީދު

ޤާނޫނުއަސާސީގައި ބުނާގޮތުން ދައުލަތުގެ ހުރިހާ ބާރެއްގެ ފެށުމާއި ދެމި އޮތުން ބިނާވެގެން ވަނީ އާއްމު ރައްޔިތުންނަށް ކަމަށް ފާހަގަކުރައްވާ މަހްފޫޒް ވިދާޅުވީ ރައްޔިތުން އިންތިޚާބު ކުރާ މެމްބަރުންނަށް ޤާނޫނުތައް ހެދުމުގެ ބާރު ދީފައިވާ މައިގަނޑު ސަބަބަކީ ވެސް ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުން ކަމަށެވެ.

އެގޮތުން ޤާނޫނު އަސާސީގައި އެންމެ މުހިންމު ކަމެއް ދީފައިވާނީ އާއްމުންގެ ހައްގުތައް ދަމަހައްޓާ ހިމާޔަތްކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމަށް ވުމާއި އެކު މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސިޔާސީ ޕާޓީތަކުން ވެސް އަދި އެހެނިހެން ބަޔަކު ވެސް ނުފޫޒު ފޯރުވުމަށް ފުރުސަތު ލިބިދީގެން ނުވާނެ ކަމަށް މަހްފޫޒް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަޖިލިސް މިނިވަން ކަމާއި އެކު މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީގެ އެންމެ އަސާސީ އެއް ސިފަ ކަމަށް މަހްފޫޒް ވަނީ ވިދާޅުވެފައެވެ. މަހްފޫޒް ވަނީ މިހާރު މި މައްސަލަ އޮތް ގޮތުން އާޚިރު ނަތީޖާ އަކީ ރައްޔިތުންގެ ބާރުތަކާއި ހައްގުތައް ނެތި ދިއުންކަމަށް ފާހަގަކުރައްވާފައެވެ.

މަހްފޫޒް އިތުރަށް ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށް ދީފައިވާއިރު ޕާޓީގެ ވިޕްލައިން ފަދަ، ޕާޓީގެ އުސޫލުތަކަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވަނީ މި އިސްލާހުގެ ސަބަބުން އިމްތިޔާޒަށް ނުފޫޒު ފޯރުވުމަށް ޖާގަ ލިބިފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް ޖާގަ ލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ނިޒާމަށް ގެނައި ބަދަލު އޭގެ ޒާތުގައި ވެސް ހަމައެއް ނުޖެހޭ. މަޖިލީހުން ކުރި ކަންކަން ކަމު ނުދާ ސަބަބު މި ފާހަގަކުރީ. ޤާނޫނުއަސާސީގެ އެތައް މާއްދާތަކަކާއި ޚިލާފުވޭ. ޤާނޫނީ އުސޫލަކީ މިހެން ގެންނަ ބަދަލުތައް ރަޖުއީކޮށް ތަބްދީއު ނުކުރުން. މި ޤާނޫނުގެ އާއްމު މަބްދައުއަކީ އުސޫލެއްގެ ގޮތުން ހުރިހާ ޤާނޫނީ ގާއިދާތަކެއްގެ މައްޗަށް ހިނގާނެ ކަމެއް ކަމަށް ސުޕްރީމްކޯޓުން އެބަވޭ ކަނޑައަޅާފަ. މިހާރު އިންތިޚާބުވެފައިވާ މެމްބަރުންގެ މައްޗަށް މިކަން ހިނގައިގެން ނުވާނެ.

ޤާނޫނީ ވަކީލް މަހްފޫޒް ސައީދު

ފްލޯކްރޮސްކުރުން ނުވަތަ މެމްބަރުން އިންތިޚާބު ވާ ޕާޓީ ދޫކޮށް ދިއުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަންވާނީ ވެސް ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބޭ ބާރުތައް ނުގެއްލޭ ގޮތަށް ކަމަށް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. އަދި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.

- ކޮމެންޓް