ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސް މިނިސްޓްރީގެ ސްޓާފްނައިޓް ބާއްވައިފިއެވެ.
ރާއްޖެއެމްވީ އަށް ލިބިފައިވާ ވީޑިއޯތަކާއި މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފިނޭންސް މިނިސްޓްރީގެ އަހަރީ ސްޓާފް ނައިޓް ބާއްވާފައި ވަނީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކަމަށް ބެލެވެއެވެ. އެ ހަފްލާގެ ބައިވެރިންނަށް ޚާއްސަކޮށްގެން ރަތް ދޫލަ އަޅާ ވޯކްވޭ އެއް ހަދާފައިވާ އިރު އެ ވޯކްވޭގެ ވަށައިގެން ބޮލީވުޑްގެ ފަންނާނުން ފެންނަ ފޮޓޯތައް ހަރުކޮށްފައިވާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.
ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި ވަނިކޮށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ދައުލަތުގެ އިދާރާތަކުން ހަފްލާތައް ބާއްވަމުންދާތީ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ސްކޫލްތަކުގައި ވެސް ކޮންމެހެން ބާއްވަން ޖެހޭ ހަފްލާތައް ނޫނީ ނުބޭއްވުމަށް އިރުޝާދު ދީފައި ވާ ދަނޑިވަޅެއްގައި މުއައްސަސާތަކާއި އިދާރާތަކުން މިފަދަ ބޮޑެތި ހަފްލާތައް ބޭއްވުމުން އެކަމަށް ފާޑުކިޔާ މީހުން ގިނައެވެ.
ވީޑިއޯތަކުން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެ ހަފްލާ ބޭއްވި ތަނުގެ ސްޓޭޖް ޒީނަތްތެރިކުރުމުގެ އިތުރުން މޭޒުތައް އަތުރާފައިވާ ގޮތާއި، އިވެންޓްގެ ކޭޓަރިން އަށް ވެސް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އިވެންޓް އިންތިޒާމްކުރުމާއި އިވެންޓްގެ ސައުންޑްގެ ކަންކަން ހަމަޖެއްސުމަށް ރާއްޖޭގެ އިވެންޓް ކުންފުންޏަކަށް ދީފައިވާކަމަށް ވެސް މި ނޫހަށް ވަނީ އެނެގިފައެވެ.
މި އިވެންޓް ބޮލީވުޑް ތީމަށް ބޭއްވުމުން އެކަމަށް ވެސް އާއްމުން ދަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ މި ސަރުކާރަކީ "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހިންގައިގެން އެ ވާހަކަދައްކައިގެން ވެރިކަމަށް އައި ބަޔަކަށް ވުމެވެ. މި އިވެންޓްގެ ތެރޭގައި ދީފައިވާ ބައެއް އެވޯޑްތައް ވެސް ދީފައި ވަނީ ހިންދީ ބަހުން ނަންދީގެންނެވެ. އޭގެ ތެރޭގައި "އޭކްދަމް ޖަކާސް އެވޯޑް"، "ޗަޕަޑް ޗަޕަޑް އެވޯޑް" ފަދަ އެވޯޑްތައް ހިމެނެއެވެ.
މީގެ އިތުރުން މި ހަފްލާގައި ހިންދީ ލަވަ އާއި މިއުޒިކާއި އެކު ތަފާތު އެކި ހުށަހެޅުންތައް ހުށަހަޅާދީފައިވެއެވެ. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ހިމެނިވަޑައިގަންނަވާހެން މި ހަފްލާގެ ބައިވެރިން ތިބީ އިންޑިއާ ހެދުމުގައެވެ. އެގޮތުން ފިނޭންސް މިނިސްޓަރ ޒަމީރު ހުންނެވީ ކުރުތާ އެއް ތުރުކުރައްވައިގެންނެވެ. އެ ހަފްލާގެ ގިނަ އަންހެން ބައިވެރިން ތިބީ ސާޅީ އާއި ސަލްވާރް ކަމީސް، ލެހެނގާ، ޕަންޖާބް ސޫޓް ފަދަ އިންޑިއާގެ ސަޤާފަތް ދައްކުވާދޭ ހެދުމުގައެވެ. އަދި ފިރިހެން ބައިވެރިން ވެސް ހެދުން އަޅައިގެން ތިބީ އިންޑިއާގެ ސަޤާފީ ކުލަތައް ފެންނަ ގޮތަށެވެ.
ފިނޭންސް މިނިސްޓްރީގެ އެކި ބޭފުޅުންނާއި ގުޅައިގެން މި ހަފްލާ އަށް ހޭދަވީ ޚަރަދު ސާފުކުރުމަށް ރާއްޖެއެމްވީން ވާނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ ވުޒާރާއިން އެ ތަފްސީލްތައް ހިއްސާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީގެ މި އިވެންޓަށް ދައުލަތުގެ ބަޖެޓުން އެއްވެސް މިންވަރަކަށް ފައިސާ ހޭދަ ނުކުރާ ކަމަށް އެ ވުޒާރާއިން ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ހާމަކޮށްފައެވެ.
ނާޗަރަންގީ ސަރުކާރު - ޖަނަވަރީ މަހުގެ އާމްދަނީ 874 މިލިއަން އަށް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސުން ހާމަ ކުރުމާއެކު އެތައް ލައްކަ ރުފިޔާ އިން ޚަރަދު ކޮށް "ފިނޭންސް ސްޓާފް ނައިޓް" މަޖަލާއި، ނެށުންތަކާއި ލަވަތަކާއެކު ބާއްވައފި! pic.twitter.com/tDQwZl33Y5
— RaajjeTV (@Raajje_tv) February 16, 2025
މިއަހަރުގެ ފުރަތަމަ މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ 874 މިލިއަން ރުފިޔާ ދަށް ވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
އެގޮތުން ބަލާއިރު ޓެކްސް އާމްދަނީ އާއި، ޓެކްސް ނޫން އާމްދަނީ އާއި، އިމްޕޯޓު ޑިއުޓީން ލިބިފައިވާ އާމްދަނީ އާއި އަމިއްލަ ފަރާތްތަކުން ދައްކާ އިންކަމް ޓެކްސް އާއި ވިޔަފާރި ފައިދާ އިން ދައްކާ ޓެކްސް ވަނީ ދަށްވެފައެވެ. ހަމައެހެންމެ ޖީއެސްޓީ އާއި ޑިޕާޗާ ޓެކްސް އާއި އެއަރޕޯޓު ޑިވެލޮމްޕަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ފީ ތަކާއި ކުލިން ލިބޭ ފީ ވެސް ވަނީ ދަށަށް ގޮސްފައެވެ.
މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 4.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަނީ ލިބިފައިވެއެވެ.
އާމްދަނީ މިހާ ބޮޑަށް ދަށްވި ސަބަބަކީ ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ދިއުމެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 589 މިލިއަން ރުފިޔާ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 3.35 ބިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ފައިސާގެ ގޮތުގައި 3.94 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިމްޕޯޓު ޑިއުޓީ އާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ ދަށްވެފައެވެ.