ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަނައިގައި ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.
އޮސަސޫނާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ރެއާލް އިންނެވެ. ނަމަވެސް އޮސަސޫނާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ރެއާާލަށް ކުރި ހޯދައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާާޕޭ އެވެ. އެއީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގައި ރެއާލަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އެ ޓީމުގެ ޖޫޑް ބެލިންހަމް އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއީ ރެފްރީއާ ބޭއަދަބީ ބަހުން ވާހަކަ ދައްކައިގެން ބެލިންހަމް އަށް ދެއްކި ކާޑެކެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ރެއާލް ކޮޅަށް ލަނޑު ޖަހައި، އޮސަސޫނާ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީންެނެވެ. އެއީ ރެއާލްގެ އޭރިޔާ ތެރެއިން އޮސަސޫނާގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އެ ޕެނަލްޓީ ކާމިޔާބުކޮށް، އޮސަސޫނާ އަށް މެޗުގެ ނަތީޖާ ހަމަހަަމަ ކޮށްދިނީ އަންޓޭ ބުޑިމީރް އެވެ.
މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު ރެއާލް އެއް ވަަނައިގައި އޮތީ، މިހާތަނަށް ކުޅެފައިވާ 24 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 50 ޕޮއިންޓެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި ބާސެލޯނާ އަށް ލިބެނީ 48 ޕޮއިންޓެވެ.
އެހެންކަމުން ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ.