އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.
ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އޮމަރު މާމޫޝް އެވެ. އެއީ ސިޓީގެ ގޯލު ކީޕަރު އެޑާސަން ސައްޕެއްގައި ޖެހި ބޯޅަ، ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ.
އޭގެ ފަަސް މިނެޓު ފަހުން ސިޓީގެ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި މާމޫޝް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާމޫޝް ވަނީ ތިން ވަނަ ލަނޑެއް ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.
މެޗުގައި ސިޓީން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ނޯވޭގެ އާލިން ހާލަންޑު ތަނަވަަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޖޭމްސް މެކްއަޓީ އެވެ.
މޮޅާއެކު ސިޓީން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 44 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މީގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ލީގުގެ ގަދަ ހަތަރެއްގައި އޮތުމަށެވެ.