ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 15:37
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ަމަގޭ ރިޕޯޓު
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
މިއަދު ކުރީގެ ސަރުކާރުތަކުގެ ވާހަކަ އަދި ވަކިން ޚާއްސަކޮށް 2018 އިން 2023 އަށް އޮތް އެމްޑީޕީގެ ސަރުކާރުގެ ވާހަކަ ދައްކަވައި، އެ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމަށް ޤާސިމް ވިދާޅުވަމުން ގެންދަވާއިރު، ޤާސިމް ވެސް އެ ސަރުކާރެއްގައި ހިއްސާ އޮތްއިރު، ޤާސިމްގެ ޒިންމާއެއް ނެތްތޯ ގިނަ ދިވެހިން ސުވާލު އުފައްދަ އެވެ!

މިފަހަކަަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، މަޖިލީހުގެ ކޮމެޓީތަކާއި އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވާތީ އަޑު އިވެ އެވެ.

އިޤްތިޞާދީ ގޮތުން އަދި މާލީ ގޮތުން ރާއްޖެ އަށް މިވަރުގެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިގެން އުޅޭ ސަބަބެވެ. ނުވަތަ ސަބަބުތަކެވެ. މިކަމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެމުން އަންނަ ގޮތާއި، ޤާސިމް ދެކިލައްވާ ގޮތް ވެސް ވަރަށް ތަފާތެވެ.

ޤާސިމަކީ އިޤްތިޞާދީ މާހިރެކެވެ. ސިޔާސީ ގޮތުން ވެސް ޙިކުމަތްތެރި އަދި ދުރުވިސްނޭ ބޭފުޅެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފިޔަވައި، އެ ނޫން ހުރިހާ މަޤާމެއް ޤާސިމް ވަނީ ފުރުއްވައިފަ އެވެ.

ސަރުކާރެއްގައި މާލީ ވަޒީރުކަން ކުރައްވައިފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަނަރުނަރުކަން ކުރައްވައި، ދިވެހި ފައިސާގައި ސޮއި ކުރެއްވުމުގެ ފަޚުރުވެރި ޝަރަފު ވެސް ހޯއްދެވި އެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް ކަަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފި އެވެ. ދައުލަތުގެ އެއްބާރުގެ ވެރިޔާ އަށް ވެއްޖެ އެވެ.

މިހާރު ޤާސިމަކީ މާލިއްޔަތު ކޮމެޓީގެ މުޤައްރިރެވެ. އެއާއެކު ޤާސިމަށް ދެން ދިވެހި ދައުލަތުގައި ނުފުރުއްވި އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމެވެ. އެއީ ރައްޔިތުން ލާ ވޯޓަކުން ލިބޭ މަގާމަކަަށް ވާތީ، އަދި ޤާސިމަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެ އެވެ. އެ މަޤަމަކީ ވެސް އައްޔަން ކުރައްވާ މަގާމަކަަށް ވެއްޖެ ނަަމަ، މިހާރު ޤާސިމް އެކަން ވެސް ފުރިހަމަ ކުރައްވައިފީހެވެ.

މިފަހަކަށް އައިސް ޤާސިމް ވިދާޅުވަނީ ޤައުމު މި ޙާލަތަށް ދިޔުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ. ޚާއްސަކޮށް ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވާހަކަ ޤާސިމް މި ފަހަކަށް އައިސް ވަރަށް ބޮޑަށް ދައްކަވަ އެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޤައުމަށް ދިން ގެއްލުމެއް ގޮތަށް ޤާސިމް އެކަން ސިފަ ކުރަން އުޅޭ ކަހަލަ އެވެ.

އެކަމާ އެއްޗެއް ބުނާކަށް ނޫނެވެ. އެކަމަކު، އަޅުގަނޑުގެ ކޮށި ވިސްނުމުން ވިސްނާލީމާ ވެސް، ފަހުމުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ އެ ވިދާޅުވާ ކުރީ ސަރުކާރުތައް ގެނައުމަށް ޤާސިމަށް ވުރެ ބޮޑަށް މަސައްކަތް ކުރެއްވި އެހެން ބޭފުޅަކު ނުހުންނާނެ އެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި މާލީ ވަޒީރަކަށް ޤާސިމް ހުންނެވި އެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޤާސިމް އެވެ.

2008 ވަަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޤާސިމް ތާއީދު ކުރެއްވީ ރައީސް ނަޝީދު އަށެވެ. އެއާއެކު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރެއްވި ރައީސް ނަޝީދު ވެގެން ދިޔައީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސަށެވެ.

އެކަމަކު، މާ ގިނަ ދުވަހު ޤާސިމަށް ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ޤާސިމް ނިކުންނެވި އެވެ. ޤާނޫނީ ގޮތުން އެފެދިފައި އޮތް ސަރުކާރެއް ޤާނޫނާ ޚިލާފަށް މަގު މަތިން ވައްޓާލީ ޤާސިމް އަދި އެހެން ސިޔާސީ ވެރިން ކުރި "ބަޣާވާތަކުން" ކަމަަށް މިއަދު ވެސް ގިނަ މީހުން ޤަބޫލު ކުރެ އެވެ.

ދެން އުފެދުނު ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ވެސް ޤާސިމްގެ ނުފޫޒު ގަދަ އެވެ. އޭގެ ތިން އަހަރު ފަހުން، 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ކާމިޔާބު ކުރެވުނީ ވެސް، ދެ ވަނަ ބުރުގައި ޤާސިމްގެ ތާއީދާ އެކު އެވެ.

އެވެރިކަމުގެ ފުރަތަމަ އަހަރުގައި ސަރުކާރާ މައްސަލަ ޖެހި، މަޑު މަޑުން ޤާސިމް ފެޔަށް ވަޑައިގެންނެވި އެވެ. ސަރުކާރާ ދެކޮޅު މަސައްކަތްތަކެއް ފައްޓަވައި، 2018 ވަނަ އަހަރު އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ވެރިކަން ހޯއްދަވައި ދެއްވަން ޤާސިމް މަސައްކަތް ކުރެއްވި އެވެ.

އޭގެ ފަަސް އަހަރު ފަހުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ފާޅުގައި އެއްވެސް ކެންޑިޑޭޓަކަށް ޤާސިމް ތާއީދު ނުކުރެއްވި ނަަމަވެސް، ސިއްރިޔާތުގައި މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ހެއްދެވި ޑީލުގެ ދަށުން، މިހާރު ޤާސިމް އެ ހުންނެވީ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ކަމުގަ އެވެ. މަޖިލިސް އިންތިޚާބުގައި ޕީއެންސީން މާމިނގިލީ ދާއިރާ އަށް ވާދަ ނުކުރަން ނިންމީ ވެސް، ޤާސިމް އަށްޓަކަ އެވެ.

ކޮންމެ ވެރިކަމެއްގައި ވެސް ޤާސިމްގެ ނުފޫޒު އޮވެ އެވެ. ޤާސިމްގެ ބާރުވެރިކަން އޮތޭ ވެސް ބުނެވިދާނެ އެވެ. ޤާސިމް ކުރައްވަން ބޭނުންވާ ކަންކަން ސަރުކާރުތަކުގެ ތެރެއިން ފަސޭހަ ކަމާ އެކު ކުރެވެ އެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ސަރުކާރާ މައްސަލަ ޖެހުމާ ހަމައަށް ކަން އޮތީ އެހެންނެވެ.

ވީއިރު، މިއަދު ކުރީގެ ސަރުކާރުތަކުގެ ވާހަކަ އަދި ވަކިން ޚާއްސަކޮށް 2018 އިން 2023 އަށް އޮތް އެމްޑީޕީގެ ސަރުކާރުގެ ވާހަކަ ދައްކަވައި، އެ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމަށް ޤާސިމް ވިދާޅުވަމުން ގެންދަވާއިރު، ޤާސިމް ވެސް އެ ސަރުކާރެއްގައި ހިއްސާ އޮތްއިރު، ޤާސިމްގެ ޒިންމާއެއް ނެތްތޯ ގިނަ ދިވެހިން ސުވާލު އުފައްދަ އެވެ!

- ކޮމެންޓް