ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 16:55
މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 4 މީހުން، މި މައްސަލައިގައި ކުޑަކުއްޖަކުވެސް ހިމެނޭ
މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 4 މީހުން، މި މައްސަލައިގައި ކުޑަކުއްޖަކުވެސް ހިމެނޭ
ޕޮލިސް
ރަހީނުކުރުމުގެ މައްސަލަ
މީހަކު ރަހީނުކޮށް ބޯބާލައި އަނިޔާކުރި މައްސަލަ - 4 މީހަކާއި ކުޑަކުއްޖަކު އަތުލައިގަނެފި
އެ ސަރަޙައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައި ހުއްޓާ 37 އަހަރުގެ މީހަކު ފެނިފައިވޭ
ސަމާޙު ތައުފީޤް އާއި އަޝްރަފް މުޙައްމަދު 15 ދުވަހަށް، މުޙައްމަދު ޔައީޝް އަޒާދު އާއި ޢަލީ މާޒިން ޙަސަން 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް އާއިލާއާ ވަނީ ހަވާލުކޮށްފައި

ސ. ހިތަދޫ، މައިލޯ ދަނޑު ސަރަހައްދުގައި މީހަކު ރަހީނުކޮށް ބޯބާލައި އަނިޔާކުރި މައްސަލައިގައި ކުށުގެވެށިން 4 މީހަކާއި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 1:35 ގައި ސ. ހިތަދޫ، މައިލޯ ދަނޑު ސަރަޙައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަޙައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.

އެހެންކަމުން، އިތުރަށް ބެލިބެލުމުން އެ ސަރަޙައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނިޔާކޮށްފައި ހުއްޓާ ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 4 މީހަކާއި 15 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޝަން ޑްރީމް / ސ. ހިތަދޫ، ސަމާޙު ތައުފީޤް (20އ) އާއި ގްރޭސް / ސ. ހިތަދޫ، މުޙައްމަދު ޔައީޝް އަޒާދު (19އ) އާއި ނޫތަރި / ސ. ހިތަދޫ، އަޝްރަފް މުޙައްމަދު (22އ) އާއި މެރީ ގާޑަން / ސ. ހިތަދޫ، ޢަލީ މާޒިން ޙަސަން (20އ) އަދި 15 އަހަރުގެ ކުއްޖެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަމާޙު ތައުފީޤް އާއި އަޝްރަފް މުޙައްމަދު 15 ދުވަހަށް، މުޙައްމަދު ޔައީޝް އަޒާދު އާއި ޢަލީ މާޒިން ޙަސަން 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

- ކޮމެންޓް