އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވުނު ބައްދަލުވުމުގައި ޣައްޒާގެ ފަލަސްޠީނު ރައްޔިތުން އެތަނުން ބޭލުމަށް ވަރަށް ބޮޑަށް ދެކޮޅުހައްދަވާ އެކަން އެ ގޮތައް ނުކުރުމަށް ބާރުއަޅުއްވާފައިވާނެ ކަމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ 2 ވަނަ ވިދާޅުވެއްޖެއެވެ.
އަދި މި ސްޓޭންޑަކީ އަރަބި ދުނިޔޭގެ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ސްޓޭންޑެއްކަން ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވައިޓް ހައުސް އަށް ޒިޔާރަތްކުރެއްވި ފުރަތަމަ އަރަބި ލީޑަރު ކަމުގައިވާ އަބްދުﷲ ރަސްގެފާނު ވިދާޅުވީ، "އެންމެ އިސްކަމެއް ދޭންވާނީ ޣައްޒާގެ މީހުން އެތަނުގައި ބައިތިއްބައިގެން އެތަން އަލުން ބިނާކުރުމަށެވެ." އަދި އިތުރަށް ވިދާޅުވީ ދެ ދައުލަތުގެ ހައްލެއްގެ ތެރެއިން އިންސާފުވެރި ސުލްހައެއް ހޯދުމަކީ ސަރަހައްދުގެ ހަމަޖެހުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، މި މަސައްކަތުގައި އެމެރިކާގެ ލީޑަރޝިޕް ގެ އެހީތެރިކަން ކޮންމެހެން ބޭނުންވާނެކަން ފާހަގަކުރައްވާ ކަމަށެވެ. "ރައީސް ޓްރަމްޕަކީ ސުލްހައަށް ލޯބިކުރައްވާ ބޭފުޅެކެވެ،" ރަސްގެފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެ ދެ ބޭފުޅުންގެ ބައްދަލުވުން ވަރަށް ރަނގަޅު ކަމަށެވެ.
ބައްދަލުވުމުގެ ކުރިން، ޓްރަމްޕް ވަނީ ޣައްޒާ ގެ ރައްޔިތުން އެ ދެ ގައުމަށް ބަދަލު ކުރުމަށް އުރުދުން އަދި މިސްރަށް ކުރައްވަމުން ގެންދަވާ ޕްރެޝަރު އިތުރުކުރައްވާފައެވެ. ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށް އިޢުލާނުކުރައްވައި، ޣައްޒާގެ ފަލަސްތީނު ރައްޔިތުން މަޖުބޫރުން އެ ދެ ގައުމަށް ގެންދިއުމަށް ޓްރަމްޕް ގެންދަވަނީ ކެނޑިނޭޅި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރަމްޕް ވައިޓް ހައުސްގައި އަބްދު ﷲ ރަސްގެފާނަށް މަރުހަބާ ދެންނެވުމާއެކު، ޣައްޒާ އާ ބެހޭ ގޮތުން އޭނާ ގެންގުޅުއްވާ ޕްލޭން ވަނީ ހާމަ ކުރައްވާފައެވެ.
ޓްރަމްޕް ބައްދަލުވުމުގެ ކުރިން ޣައްޒާ އާ ބެހޭ ގޮތުން ވިދާޅުވެފައިވަނީ "އަހަރެމެން ޣައްޒާ އަތުލާނަން، އަހަރެމެން އެތަން އަހެރެމެންގެ ތަނެއްގެ ގޮތުގައި ބާއްވާނަން." ކަމަށެވެ.
އަބްދުﷲ ރަސްގެފާނު ޓްރަމްޕް އަށް ޖަވާބުދެއްވީ އެއްބައިވަންތަ އަރަބި އަދި މުސްލިމް ސްޓޭންޑެއް ފާހަގަކުރައްވަމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ރަސްގެފާނު ވިދާޅުވީ ސިއްހީ އެހީތެރިކަމަށް ބޭނުންވާ ޣައްޒާގެ 2،000 ފަލަސްތީނު ކުދިން، އުރުދުން އިން ބަލައިގަންނާނެ ކަމަށެވެ. މެދުއިރުމަތީގައި ހަމަޖެހުމާއި، ސުލްހަ އާއި، ފާގަތިކަން ގެނެސްދިނުމަށް "މަނިކުފާނަށް އަޅުގަނޑުމެން ނިންމާ ރޮނގާ ހަމައަށް ގެންދެވޭނެ" ކަމަށް ރަސްގެފާނު ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"އެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް މަނިކުފާނަށް އެހީތެރިވެ، ސަޕޯޓްކޮށް، މަނިކުފާނާ އެކު މަސައްކަތްކުރުމަކީ... މެދުއިރުމަތީގައި އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުﷲ ރަސްގެފާނު ވިދާޅުވީ މިސްރުން އެ ގައުމުގެ ވިސްނުން ހިއްސާކުރަންދެން ޓްރަމްޕްގެ ހުށަހެޅުންތަކާ ގުޅޭގޮތުން އިތުރަށް އެއްޗެއް ވިދާޅުނުވާނެ ކަމަށެވެ. މިސްރުގެ އިސް ޑިޕްލޮމެޓް ހޯމަ ދުވަހު ސްޓޭޓް ޑިޕާޓްމަންޓްގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ބައްދަލުކުރެއްވިއެވެ. އަލް އަރަބިއްޔާއިން ރިޕޯޓުކުރި ގޮތުގައި މިސްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީ އަންނަ ހަފްތާގައި ވޮޝިންގްޓަނަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވަނީ ކުއްލި ގޮތަކަށް ފަސްކުރެވިފައެވެ.
އެމެރިކާއިން ޣައްޒާގެ ކޮންޓްރޯލް ނަގައި ފަލަސްޠީނު ރައްޔިތުން އެތަނުން ބޭލުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން އަރަބި ދުނިޔެއާއި ޔޫރަޕުގެ ގިނަ ބައެއްގެ ފަރާތުން އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެހެން ނަމަވެސް ޓްރަމްޕްގެ މި ހުށަހެޅުއްވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މިއީ މޮޅު ވިސްނުންފުޅެއް ކަމަށް ވިދާޅުވެފައެވެ.