އިންޑިއާ އަށް ޒިޔާރަތްކުރައްވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާ، އެތަނުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރެވެމުންދާ ގޮތަށް ތައުރީފް ކުރައްވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންފިއެވެ.
އަބްދުއްރަޙީމް އަބްދުﷲ އަންގާރަ ދުވަހު އޭނާގެ އަރިހުގައި ދަތުރުކުރައްވާ ބޮޑު ވަފުދަކާ އެކު އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގޭގެ ޖަލްސާ އެއް ހިނގަމުންދާ ގޮތް ބައްދަލަވާލަންވަން ވަނީ ޒިޔާރާތް ކުރައްވާފައެވެ.
ލޮކް ސަބާގެ ސްޕީކަރު އޯމް ބިރުލާ އަދި ރަޖިޔަ ސަބާގެ ޗެއަރމަން ޖަގްދީޕް ދަންކަރު ވަނީ ރާއްޖޭގެ ވަފުދަށް މަރުޙަބާ ވިދާޅުވެފައެވެ.
ލޮކް ސަބާ އަދި ރަޖިޔަ ސަބާގެ ޖަލްސާތައް ބައްލަވާލެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތާއި ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުންކުރަމުންދާ ގޮތައް ތަޢުރީފުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އާކައިވްސް ޑިޖިޓަލައިޒްކުރުމަށް އެހީތެރިވުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ލޯކް ސަބާގެ ސްޕީކަރު އޯމް ބިރުލާގެ އަރިހުން އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.
ބިރުލާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ވަފުދާއެކު އޮތް ބައްދަލުވުމުގައި، ބިރުލާ ވަނީ ޖެނީވާގައި އައިޕީޔޫ އެސެމްބްލީގައި ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު އަބްދުއްރަޙީމް އާ ބައްދަލުކުރެއްވާ ދެކެވުނު ވާހަކަފުޅުކުގެ މަތިން ހަނދުމަފުޅު އާ ކުރައްވާފައެވެ.
ބިރުލާ ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއަކީ ޤަރުނުތަކެއް ވަންދެން ޘަޤާފީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އޮތް ދެ ޤައުމު ކަމަށެވެ.
"ދިވެހިރާއްޖެއަކީ އިންޑިއާގެ ރަޙްމަތްތެރި އަވައްޓެރިއެއް އެކަންޏެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި 'ވިޝަން ސާގަރ' ގެ މުހިންމު ތަނބެކެވެ،" އޭނާ ވިދާޅުވިއެވެ.
ލޮކް ސަބާގެ ސްޕީކަރު ވަނީ އިންޑިއާގެ ޕާލިމަންޓުގެ މަސައްކަތްތަކުގައި ބޭނުންކުރާ ޑިޖިޓަލް ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތު އަބްދުއްރަހީމުގެ ވަފުދަށް ދެއްވާފައެވެ.