ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ޚާއްސަ ކަމެއް އޮތްކަން ސާބިތު ކޮށްދޭން ޖެހޭ ކަމަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޭނާ މިހެނެ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް މެޗުގައި ރެއާލާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ގާޑިއޯލާ ބުނީ، ސިޓީ އޮތީ އެ ޓީމު އޮންނަން ޖެހޭ ހިސާބުގައި ކަމަށެވެ. ސިޓީގެ ޓީމުގައި ވަރަށް ތަފާތު ޚާއްސަ ކަމެއް އޮންނާނެ ކަމަށާއި، ރެއާލާ ދެކޮޅަށް ކުޅޭ އެ މެޗުގައި އެކަން ސާބިތު ކޮށްދެވޭނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގައި ތިބި ބައެއް ކުޅުންތެރިންނަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ޓީމުގައި ތިބި ކުޅުންތެރިން ކަމަށާއި، އެ ޓީމުގެ ކުޅުންތެރިންނަށް އޭނާ ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށެވެ. ޚާއްސަކޮށް ސިޓީގެ ކުޅުންތެރިންނަކީ އެ ޓީމަށް ކާމިޔާބީތަކެއް ހޯދައި ދިނުމުގައި ގިނަ ޤުުރުބާނީތަކެއް ވެފައިވާ ކުޅުންތެރިން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މި ސީޒަންގައި ހަމަޖެހިލުމަށް ސިޓީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިއަށް ބަލާއިރު ސިޓީން އެއް ސީޒަނެއްގައި ގިނަ ތަށިތަކެއް ކާމިޔާބު ވެސް ކޮށްފައިވާ ކަމަށާއި، އެ ޓީމަކީ ފުރިހަމަ ތާރީޚެއް ވެސް އޮތް ޓީމެއް ކަމަށް ގާޑިއޯލާ ބުންޏެވެ. އެކަމަކީ ސިޓީ އަށް ވަރަށް އުނދަގުލުން ކާމިޔާބު ކުރެވުނު ކަންތައްތައް ކަމަށާއި، ނަމަވެސް މިއަދު ސިޓީ އޮތީ އުނދަގޫ ޙާލަތެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ސިޓީގައި މިވަގުތު ވެސް އަނިޔާގެ މައްސަލަތަކެއް އުޅޭކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ރެއާލް މެޗަށް ޓީމު ފައިނަލް ކުރާނީ އެންމެ ފުރިހަމަ އަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެ މެޗަށް ނެރޭނީ މޮޅުވެ، ކުރިއަށް ދެވޭ ފެންވަރުގެ ޓީމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރެއާލާ ދެކޮޅަށް އެ ޓީމުން ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.