ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 19:34
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ ގްރެފިކްސް
ރައީސްގެ ހެޔޮފުޅުކަން
މިހާވަރުން ދަންޏާ ތޮއްޑޫ ކަރައާއި ކަނޑޫދޫ މިރުހުގެ އަގުވެސް ކަނޑައަޅުއްވާނީ ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެޔޮފުޅު ކަމުން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުވާ ޤައުމަކަށް މި ޤައުމު ވީތޯއެވެ؟ ކަނޑައެޅިފައި ހުންނަ އުސޫލުތަކާއި، ކަންކުރަން އޮންނަ ގޮތާއި، ބަޖެޓާއި، ބަޖެޓް ކޯޑާއި، މާލިއްޔަތާ ބެހޭ ޤާނޫނުތައްވެސް ނެތް އެއްޗަކަށް ވީތޯއެވެ؟ ކަނޑައެޅިގެން ހައްޤުވާ މިންވަރާ، ރައްޔިތު މީހާއަށް ލިބެން ޖެހޭ އަސާސީ ހައްޤަކީވެސް ރައީސްގެ ހެޔޮފުޅުކަމުން ލިބޭ އެއްޗަކަށްވެ ނިމުނީތޯއެވެ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެޔޮފުޅު ކަމުން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުވާ ޤައުމަކަށް މި ޤައުމު ވީތޯއެވެ؟ ކަނޑައެޅިފައި ހުންނަ އުސޫލުތަކާއި، ކަންކުރަން އޮންނަ ގޮތާއި، ބަޖެޓާއި، ބަޖެޓް ކޯޑާއި، މާލިއްޔަތާ ބެހޭ ޤާނޫނުތައް ވެސް ނެތް އެއްޗަކަށް ވީތޯއެވެ؟ ކަނޑައެޅިގެން ހައްޤުވާ މިންވަރާ، ރައްޔިތު މީހާއަށް ލިބެން ޖެހޭ އަސާސީ ހައްޤަކީވެސް ރައީސްގެ ހެޔޮފުޅުކަމުން ލިބޭ އެއްޗަކަށްވެ ނިމުނީތޯއެވެ؟

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޑު އިވުނީ ރައީސްގެ ހެޔޮފުޅު ކަމުން ރޯދަމަހު ގޭގެއަށް މަސްދަޅު ކޭސް ބައްސަވާ ވާހަކައެވެ. މަސް ގަންނަނީވެސް، މަސްދަޅު އުފައްދަނީވެސް ރައްޔިތު މީހާގެ ޓެކްސް ފައިސާއިންނެވެ. އެކަމަކު ހަދިޔާކުރައްވަނީ ރައީސެވެ. އެކަމަކު ރައީސްގެ މުސާރަ އިން މަސްދަޅު ގަނެފައި ރައްޔިތުންނަށް ބައްސަވަނީއެއް ނޫނެވެ.

މިއަދު މި އިވުނީ އަދި މާ އާދަޔާ ޚިލާފު ވާހަކައެކެވެ. ރޯދަމަހު އުމްރާއަށް ދާ މީހުންނަށް އެހީތެރިވެދެއްވުމުގެ ގޮތުން ކޮންމެ މީހަކަށް 1500 ޑޮލަރު، ބޭންކް ރޭޓުގައި ލިބޭ ގޮތް ހަމަޖައްސައިދިނުމަށް ބީއެމްއެލްއާއި އެމްއެމްއޭގައި ރައީސް އެދިވަޑައިގެންނެވި ވާހަކައެވެ. މީހަކު އަޖައިބުވެ އަންތަރީހެއް ނުވާނެހެއްޔެވެ؟ ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 އެކެވެ. ރޭޓު ކަނޑައެޅީ އެމްއެމްއޭ އިންނެވެ. ޑޮލަރު ދޫކުރަނީ ޤައުމީ ބޭންކުންނެވެ. ޑޮލަރު ގަންނަން ފައިސާ ޚަރަދު ކުރަނީ ރައްޔިތު މީހާގެ ޖީބުންނެވެ. ކޮންމެ މީހަކަށް ވިއްކޭނެ ވަރު ކަނޑައަޅާނީ ބޭންކަން ޑޮލަރު ލިބޭ މިންވަރަކުންނެވެ. އެކަމަކު ރައީސްގެ ހެޔޮފުކަން ދައްކަން މި ހުރިހާ ތަނަކާ އެތަންތަނަށް ކަނޑައަޅާފައި ހުންނަ އުސޫލުތައް މުގުރާ ލައްވާ، އެހެރަ ކަން ކުރައްވަނީއެވެ. މިއީ ދެން ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ؟ އެމްއެމްއޭ އަކީ މިނިވަން ތަނެކެވެ. ބީއެމްއެލް އަކީ ވަކި ބޯޑަކުން ހިންގާ މިނިވަން ތަނެކެވެ. އެކަމަކު ވަކި ބަޔަކަށް ވަކި ދުވަސްވަރެއްގައި ވަކި ރޭޓަކުން ޑޮލަރު ވިއްކަން އަންގަނީ ރައީސުލްޖުމްހޫރިއްޔާ އެކްސް ގައި ކުރައްވާ ޕޯސްޓަކުންނެވެ. މިހާވަރުން މިކަން ދަންޏާ ރަމްޟާން މަހު ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ކޮންމެ ދިވެއްސަކަށް އިތުރަށް ކަރައެއް ދޭންވެސް ތޮއްޑޫ ދަނޑުވެރިން ގާތުވެސް ރައީސް އެދިވަޑައިގަންނަވާނެއެވެ. ކާށިދޫއިން މާލެ ގެންނަ ކުރުނބާގެ އަގާއި ކަނޑޫދޫއިން ގެންނަ މިރުހުގެ އަގާއި ރޯމަސް މާރުކޭޓުގައި ވިއްކާ ކަނޑުމަހުގެ އަގުވެސް ކަނޑައަޅުއްވާނީ ރައީސެވެ. އެވެސް ރައީސްގެ ހެޔޮފުޅުކަމުންނެވެ.

ކަން މިހެން ހިނގަމުންދާއިރު ރައްޔިތުން ބޭސް ނުލިބިގެން ރަށުތެރޭގައި ދުވަނީއެވެ. އާސަންދަ ނުލިބިގެން ތެޅި މަރުވަނީއެވެ.

ރަމްޟާން މަހު އުމްރާ އަށް ދާ މީހުންނަށް ބޭންކް ރޭޓުން 1500 ޑޮލަރު ހަމަޖައްސާލުމަށް ރައީސް އެންގެވި އިރު އެ ނޫން މަސްތަކުގައި އުމްރާއަށް ދާ މީހުން އުޅޭ ކަމެއް ހަނދުމަފުޅެއް ނެތެވެ؟ ޑޮލަރު ގަންނަންވީ ކޮން ރޭޓަކުން ކޮންތަނަކުންތޯއެވެ؟ ޤާނޫނަށް ބަދަލު ގެންނަވައިގެން ރާއްޖޭގެ މަދު ރިސޯޓެއް ފިޔަވާ ހުރިހާ ރިސޯޓަކުން ބޭންކަށް ޑޮލަރު މާރު ކޮށްގެން އިންތިހާއަށް ޑޮލަރު ލިބޭ ވާހަކަވެސް ދައްކަވަނީ ރައީސް އެވެ. ފުރަތަމަ ފަހަރަށް ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ވޭތުވެދިޔަ އަހަރު އައި ކަމުގެ މެޑަލްވެސް ޖައްސަވަނީ ރައީސްއެވެ. އެކަމަކު ހަމަ އެ ނޭވާ ގައި ބޭންކް ރޭޓުން ވަކި ދުވަސްކޮޅެއްގައި ޑޮލަރު ވިއްކަންވެސް ރައީސް އަންގަވަނީއެވެ. މިއީ ދެން ވަރަށް ބޮޑު ޖޯކެއް ނޫންތޯއެވެ؟ ތަހުޒީބް ޤައުމް ތަކުގައި ހުންނަ ހުރިހާ ނިޒާމެއް މި ކުޑަކުޑަ ރާއްޖެއަށް ގެނެސްގެން، ފެހި ޤާނޫނު އަސާސީއެއްގެ ފޮނި މީރުކަން ލިބިގަނެގެން، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ގޮތް ހަދައިގެން، ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނުތައްވެސް ލިޔެގެން ދިވެހިން ހިތުން މިއުޅެނީ އެކާވީސް ވަނަ ޤަރުނުގައި ވަރަށް ތަހުޒީބު ކޮށެވެ. އެކަމަކު ވެރިކަމުގައި ހުންނެވި ބޭފުޅާއަށް ހީފުޅު ވެލައްވައިގެން އުޅުއްވަނީ މިއީ އެބޭފުޅާއަށް ވިރާސީ ގޮތުން ވާރުތަވި ރަސްކަމެއްގެ ގޮތުގައެވެ. މުޅި މިލްކިއްޔާތަކީ މި މަނިކުފާނު ހިތްޕުޅާވި ގޮތަކަށް ހަދަން އޮންނަ އެއްޗެއް ކަމަށެވެ.

ރެންޑަމް ނިންމުންތައް ނިންމާލަނީ ހަމަ ހަގީގަތުގައި ވެސް މާ ހެޔޮފުޅުކަން ދައްކަވާށެވެ. އެކަމުގެ އާޚިރުގައި ވެގެން މިދާ ގޮތަކީ ހެޔޮވެރިކަމުގެ ހުރިހާ ސިފަތަކެއް ގެއްލި ދަނީއެވެ.

- ކޮމެންޓް
10 ފެބްރުއަރީ 2025 | ހޯމަ 19:48
ޙަބީބު.
ފިސޯޓު މުވައްޒަފުންގެ ސާވިސްޗާޖުގެ ފަންސާސް އުނިކުރުރީ ތިޔަނުލަފާ މުއިއްޒު ދުވަހަކުވެސް ވޯޓެއް ނުދޭނަން ސާވިސްޗާޖަކީ މުވައްޒަފުންގެ ހައްގެއް ސަރުކާރުން އަރައި ގަންނާކައް ނުޖެހޭ