ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 12:28
ފަލަސުރުހީ ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ބޭހުގެ ކޮލިޓީއާ މެދު ސުވާލު އުފެދުން
މި ސަރުކާރުގައި އެތެރެކުރާ އިންސިއުލިން ޕެންއާމެދު ޑޮކްޓަރުންގެ ވެސް ކަންބޮޑުވުން އެބަހުރި، ކޮލިޓިއާމެދު ޔަގީންކަމެއް ނެތް: އާދިލް
މި އިންސުލިން ޕެން ބޭނުން ކުރުމުގެ ހުއްދަ އޮތް ނަމަވެސް މި ބޭނުންކުރުމަށް ޑޮކްޓަރުން ރިކޮމެންޑެއް ނުކުރާނެ
ނޭޝަނަލް ޑައިބެޓިކްސް ސެންޓަރުގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި
ރައްޔިތުން އިތުރަށް ސަމާލުވާންޖެހޭ

މިސަރުކާރުގައި ރާއްޖެއަށް އެތެރެކުރާ އަގުހެޔޮ އިންސިއުލިން ޕެންއާމެދު ޑޮކްޓަރުން ވެސް ސުވާލު އުފައްދާފައިވާ ކަމަށާއި، ކޮލިޓިއާމެދު ޔަގީންކަމެއް ނެތް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާދިލް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ ފެންވަރު ރަނގަޅު އިންސިއުލިން ކަމަށާއި، ނަމަވެސް މިސަރުކާރުގައި އަގުހެޔޮކޮށް އެތެރެކޮށްފައިވާ އިންސިއުލިން ޕެންއާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. މި އިންސިއުލިން ޕެންއަކީ ކުރީގައި ލިބޭ އިންސިއުލިންއަށް ވުރެ މާ އަގުހެޔޮކޮށް ލިބޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ މި އިންސިއުލިން ޕެން ބޭނުން ކުރުމުގެ ހުއްދަ އޮތް ނަމަވެސް މި ބޭނުންކުރުމަށް ޑޮކްޓަރުން ރިކޮމެންޑް ނުކުރާ ކަމަށެވެ. އަދި ނޭޝަނަލް ޑައިބެޓިކްސް ސެންޓަރުގެ ވެސް ކަންބޮޑުވުންތަކެއް ހުރި ކަމަށް އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ އިންސިއުލިން މި ޕެންއަކީ ދުނިޔޭގެ ފަގީރު 40 ގައުމަކަށް އެތެރެކުރާ އެއްޗެއް ކަމަށާއި، މި އުފައްދަނީ މެޑިކަލް ބޭހަށް އެކްސަސް ނުވާ ނިކަމެތި ފަގީރު ގައުމުތަކުގެ މީހުން ބޭނުން ކުރުމަށް ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ އެފަދަ ދަރަޖާގައި އޮތް ގައުމެއް ތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މި އިންސިއުލިންގެ މިހާރުގެ އާސަންދައިގެ ޕްރައިޒްއަކީ 53 ރުފިޔާ ލާރިކޮޅެއް. ކުރީގައި މިހުރީ 230 ރުފިޔާއަށް. އެއީ ދުނިޔޭގައި ފެންވަރު ރަނގަޅު އެއްޗެއް އެނގޭތޯ. މި ޕެން ބޭނުންކުރީމަ ވަރަށް ބޮޑުތަން ވެސް އެބަ އެނގުންވޭ. އެހެންނަމަވެސް މިއާ ދެތެރޭގައި މާލޭގައި ތިއްބަވާ ބައެއް ޑޮކްޓަރުން މިއާ ދޭތެރޭގައި ޔަގީންކަމެއް ނެތް. އަޅުގަނޑު ގައިމު ވެސް އަޅުގަނޑުގެ އާއިލާ މީހަކަށް މީގެ ބޭހެއް ބަލްކްޕްރޮކިއުމަންޓްގައި މިސަރުކާރުން ގެނެސްފައި ހުރި ބޭހާއި ދޭތެރޭގައި އަޅުގަނޑުގެ އެއްވެސް ކަހަލަ ޔަގީންކަމެއް ނެތް. މި ޓެސްޓު ވެސް އެބަޖެހޭ ކުރަން. މިއާބެހޭ ގޮތުން އިންސުލިން ޕެންއާ ބެހޭ ގޮތުން ދަންނަވާ ކަމަށްވަންޏާ އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭޝަނަލް ޑައިބެޓިކްސް ސެންޓަރުގެ ފަރާތުން އެބޭފުޅުންގެ ކަންބޮޑުވުންތަކެއް މިއަލަށް ގެނައި އެއްޗަކާ ދޭތެރޭގައި. މީގެ ރީސާޗް ހެދީ ކިހާވަރަކަށްތޯ އެބަހުރި ކަންތައްތައް. އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައިނުވާނަމަ މި ޕެން ބޭނުން ކުރުމަށް 18 އަހަރުން ދަށުގެ ކުދިންނާ އަދި މާބަނޑު އަންހެނުން އަދި ގާތުން ދޭ އަންހެން ބޭފުޅުން މި ގެނެސްފައި ހުރި ޕެން ބޭނުންކުރުމަށް އެބޭފުޅުން އެބަ ސަމާލު ކަމަށް ގެންނަވާ.
ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް

ބަލްކް ޕްރޮކިއުމަންޓްގައި މިގެންނަ ބޭހަށް އިޝާރާތް ކުރައްވައި އާދިލް ވިދާޅުވީ އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެވިދާޅުވާ ފެންވަރު ރަނގަޅު ބޭހެއް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުން އެކަމަށް ސަމާލުވެ އިތުރަށް ބަލަންޖެހޭ ކަމަށް އާދިލް ވިދާޅުވިއެވެ.

- ކޮމެންޓް