ހޮނިހިރު ދުވަހު ހެނދުނު އަލީ ޝިމާން ނަސީރު (41އ.) ގެއިން ނުކުތީ އާދައިގެ މަތިން އޭނާ ކާންބޯން ކުރާ މަސައްކަތުގައި މަސްއޫލުވެ އުޅުމަށެވެ. އާދައިގެ މަތިން ޓެކްސީ ކުރުމަށް އޭނަ ނުކުތީ އެހެން ދުވަހެކޭ ވެސް އެއްފަދައިން އޭނާގެ ދުވަހުގެ މަސައްކަތް ފުރިހަމަ ކުރުމަށް ހިތުލައިގެންނެވެ. އެހެންނަމަވެސް ގެއިން ނުކުމެގެން މާ ދުރަށް ނުދެވެނީސް އޭނާ ދުއްވަމުން ދިޔަ ވޭން އެކްސިޑެންޓްވާ ގޮތް ވިއެވެ.
މަންޒަރު ދުށް މީހަކާއި ހަވާލާދީ ރާއްޖެއެމްވީ އަށް މައުލޫމާތުދިން މީހަކު ކިޔާދިން ގޮތުގައި ޝިމާން ދުއްވަން އިން ވޭން އެންމެ ފުރަތަމަ އެކްސިޑެންޓްވެފައި ވަނީ ހުޅުމާލެ ފޭސް 2 އާއި ފޭސް 1 ގުޅުވާދޭ ބްރިޖް، ވެމްކޯ ބްރިޖަށް އެރުމަށް އޭނާ ދަތުރުކުރަމުން ދަނިކޮށެވެ. ހަމައެހެންމެ ބްރިޖަށް އަރަން ޓެކްސީ ގައި ދުއްވާފައި ދަނިކޮށް ބްރިޖްގެ މެދުގައި އިން ކޮންކްރީޓް ޓަވަރުގަ ޖެހުމަށް ފަހު އޭނާ ދުއްވަން އިން ވެހިކަލް ކޮންޓްރޯލް ނުވެ ގޮސް އެޕޯލޯ ޓަވަރ ކައިރީގައި ހުރި ގަސް އިންދާފައިވާ ތަނުގައި ހުރި ވަޅުގަނޑެއް ތެރެއަށް ކުރީ ފުރޮޅު ވަތް ކަމަށް ވެސް މި ނޫހަށް މައުލޫމާތުދިން މީހާ ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ހެނދުނު 10:13 ހާއިރެވެ. އެކްސިޑެންޓްވި ސީނަށް އެޓެންޑުވި ފުލުހުން ޝިމާން ހައްޔަރުކޮށްގެން ގެންދިޔައީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. އާދިއްތަ ދުވަހު ފުލުހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުން ޝިމާން އެކްސިޑެންޓްވި ސީނަށް ފުލުހުން އައީ ވެސް "މަސްތުގެ ހާލަތުގައި ހުރެ މީހަކު އުޅަނދު ދުއްވި ކަމަށް ލިބިފައިވާ ރިޕޯޓް"އަކާއި ގުޅިގެންނެވެ. އަދި ސީނަށް އެޓެންޑުވެ އޭނާ ހައްޔަރުކޮށްގެން ހުޅުމާލެ ޕޮލިސްޓޭޝަނަށް ގެންދިޔައީ 10:30 ވާން އުޅެނިކޮށެވެ. ފުލުހުން ބުނެފައި ވަނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ފަހު، އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައި ނެތްކަން އެނގުމުން އޭނާ ދޫކޮށްލާފައިވާކަމަށެވެ.
އެހެންނަމަވެސް ޝިމާންގެ އާއިލާގެ ވާހަކަތަކާއި އޭނާ ހައްޔަރުކުރި ވަގުތާއި، ދޫކޮށްލި ވަގުތަށް ބެލުމުން މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ތުހުމަތުކުރެވޭ އެތައް ކަމެއް އެބަ ހުއްޓެވެ. ސާފުކޮށް އެނގޭ ކަމަކީ ޝިމާންގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓްކުރުމަށް ފޮނުވާފައިވާ ކަމަށް ބުނެ އޭނާގެ އާއިލާ އަށް ފުލުހުން ދޮގު މައުލޫމާތު ދީފައިވާ ކަމެވެ. ސަބަބަކީ ހޮނިހިރު ދުވަހު 11:00 ހާއިރު ފުލުހުން ޝިމާންގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓްކުރަން ފޮނުވާފައިވާ ކަމަށް ބުނި ނަމަވެސް ފަހުން އޭނާ ކުޑަކަމުދާތަކެތި ދޭން ދެކޮޅު ހަދާފައިވާ ކަމަށް ޝިމާންގެ އާއިލާ އަށް ފުލުހުން އަންގާފައިވުމެވެ. އެހެންކަމުން ދެފަހަރު ދެގޮތަށް ދައްކާފައިވާ ވާހަަކަތަކުން އެންމެ ފުރަތަމަ ކުޑަކަމުދާތަކެތި ނަގާފައިވާ ކަމަށް ބުނެ ފުލުހުން ދޮގުހަދާފައިވާކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
ޝިމާން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓާފައި ހުރި އިރު ޝިމާން ވާހަކަދައްކަން ދެކޮޅު ހަދާ ކަމަށް ފުލުހުން ފަހުން ވަނީ އާއިލާ އަށް މައުލޫމާތު ދެމުން ބުނެފައެވެ. ޝިމާން އަކީ ހަކުރު ބައްޔާއި، ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ މީހަކަށް ވުމާއި އެކު އޭނާގެ ބަލި ހާލަތު ބަލައި ދިނުމަށް އާއިލާ އިން އައީ ތަކުރާރުކޮށް އެދެމުންނެވެ. އޭނާގެ ސިއްހީ ލިޔެކިޔުންތައް ފޯރުކޮށްދިނުމުންވެސް ޝިމާން ސިއްހީ ފަރުވާދޭ ތަނަކަށް ގެންގޮސްދީފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ހަވީރު 3 ޖަހަނިކޮށް، ޝިމާންގެ ކުޑަކަމުދާތަކެތީގެ ޓެސްޓުގެ ނަތީޖާ ލިބުމާއި އެކު އޭނާ މަސްތުވާތަކެތި ބޭނުން ނުކުރާކަން ހާމަވިއެވެ. އެ ހިސާބުން ވެސް ޝިމާން ފުލުހުންގެ ބަންދުން ވީއްލޭ ގޮތެއް ނުވިއެވެ. އެންމެ ފުރަތަމަ ފުލުހުން ބުނީ ބަންދުން މީހުން ދޫކުރާ ޗިޓުގައި ސޮއިކުރާނެ ވެރިއަކު ނެތިގެން އޭނާ ދޫކޮށް ނުލެވިވާ ކަމަށެވެ. ފަހުން ބުނީ ޝިމާންގެ ސޮއި ނުލިބިގެން އޭނާ ދޫ ނުކުރެވިވާ ކަމަށެވެ. އާއިލާގެ އެދުމުގެ މަތިން ޝިމާންގެ އަނބި މީހާ އާއި އޭނާގެ މަންމަ އަދި އާއިލާގެ އެހެން މީހަކާއި ބައްދަލުކުރުމަށް ފުލުހުން ފުރުސަތު ދިން ހިސާބަކީ އެއީއެވެ. އާއިލާ އަށް ޝިމާން ފެނުމާއި އެކު އޭނާ އަށް ސްޓްރޯކެއް ޖެހިފައިވާ ކަމުގެ ނިޝާންތައް މޫނުމަތިން ފެންނަން ހުރިކަން އެނގުނެވެ. އަދި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ޝިމާން ބަންދުން ދޫކޮށްލުމާއި އެކު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ހަދަން ޖެހޭ ޓެސްޓުތައް ފުރިހަމަކުރުމުން، ޝިމާން އަށް ސްޓްރޯކެއް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މި ހާދިސާ ރިވިއުކުރަމުންދާ ކަަމަށް ފުލުހުން ބުނެފައިވާ އިރު ޝިމާންގެ ބަައްޕަ އަހުމަދު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ ފުލުހުން ޝިމާންގެ ހާލަތު އޮޅުން ފިލުވާފައި ނުވާ ކަމަށެވެ. އަދި ޝިމާންގެ މިހާރު ހާލަތުގެ ވާހަކަ އޭނާގެ ބައްޕަ މި ނޫހާއި ހިއްސާކުރީ އަސަރާއި އެކުގައެވެ. އޭނާ ކިޔާދިން ގޮތުގައި ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުގެ ސަބަބުން އޭނާ އަށް ވާހަކަ އެއް ނުދެއްކެއެވެ. އެހެން މީހުން ދައްކާ ވާހަކަ އެނގުނު ނަމަވެސް ޖުމްލަތައް ގުޅުވައިގެން ކިޔުމުގެ ޤާބިލްކަމެއް މިވަގުތު ޝިމާންގެ ކިބަޔަކު ނެތެވެ. ދަރިފުޅު އެ ހާލުގައި އޮންނަތަން ބަލަން ޖެހުމުން ލިބޭ ހިތްދަތިކަން އިތުރުވަނީ އެތައް އިރެއް ވަންދެން އެހީތެރިކަމެއް ނެތި ފުލުސް ސްޓޭޝަންގައި ޝިމާން ހުންނާނެ ހާލަތު ތަސައްވުރު ކުރެވުމުން ކަަމަށް އޭނާގެ ބައްޕަ ބުނެއެވެ.
ވާހަކަ ނުދެއްކޭ ހާލަތުގައި، ކުށްވެރިއެއްގެ މޭރުމުން ޝިމާން އާއި މެދު އަމަލު ކުރުމުން ނަފްސާނީ ގޮތުން އޭނާ އަށް ލިބޭނެ ނިކަމެތިކަން ހިތަށް ގެނެވުނަސް ހިތަށް ތަދުވާކަމަށް އޭނާގެ ބައްޕަ ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނެފައެވެ. އަދި ޝިމާންގެ ކުށެއް ނެތި، ކުށްވެރިއެއްގެ މޭރުމުން އޭނާ އާއި އެކު އަމަލުކުރަން ޖެހުނު ސަބަބާއި މެދު އޭނާގެ ބައްޕަ ސުވާލު އުފައްދައެވެ. ސްޓްރޯކެއް ޖެހި އެހެން މީހެއްގެ އެހީއަށް ބޭނުންވި ވަގުތު ޝިމާން އާއި މެދު ކަންކަން ވެގެންދިޔަ ގޮތުގެ ޒިންމާ އުފުލާނީ ކާކުތޯ، އެކަމާއި މެދު ޖަވާބުދާރީ ވާނީ ކާކުތޯ ވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.
ފުލުހުންނެއް ނާދޭ، އިންޓަގްރިޓީ ކޮމިޝަނުން އައި. އެކަމަކު ކާކުތޯ ޒިންމާ ވާނީ މިކަމާ. އެކްސިޑެންޓެއް ވެގެން އޭނާ ގެންދިޔައީ. މިވަރު ވާނެ ކަމަކަށް ހީނުކުރާނެތާ. ކެތް ނުކުރެވިގެން މި އުޅެނީ މިކަމާ. މިހެން ކަން ކުރަން ހެޔޮ ނުވާނެ ނޫންތޯ؟ އޭނާ ދުއްވަނިކޮށް ވީ ކަމެއް. ޝިމާން އަށް ވާހަކަ ނުދެއްކޭ. ބައެއް ބަސްބަސް ކިޔޭ ވަރަށް އުނދަނގުލުން. އަބަދަށް ސޯޝަލީ ޑިސްއޭބަލް މީހަކަށް އޭނާ ވުމުގެ ފުރުސަތު ލަސްވުމުން އެބަ އާދޭ ނޫންތޯ އަމުދުން. އޭނާ ކުރި އެކްސިޑެންޓެއް ނޫން. މީހެއްގެ ގައިގަ ޖެހުނީކީ ނޫން. މީނަ ބޭލި އިރު ވެސް ބަލި މީހަކު ދަމައިގަނެވުނީއޭ ބުނި ކަމަށް ސީނުގަ ތިބި މީހުން އެބަ ބުނޭ. ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކުރި މީހެއް ނޫން އޭނާ އަކީ. ގޭތެރޭގަ ވެސް ހަމަޖެހުމެއް ނުލިބޭ. ޝިމާންގެ ކުދިންނަށް ކޮން ޖަވާބެއްތޯ އަޅުގަނޑުމެން ދޭނީ. ކިހާބޮޑު ހިތްދަތި ކަމެއްތޯ މިއީ.ޝިމާންގެ ބައްޕަ، އަހުމަދު ނަސީރު
އެތައް އިރެއް ވަންދެން ފުލުސް ސްޓޭޝަނުގައި މަޑުކުރަން ޖެހުމުން އޭނާ އަށް ލިބުނު ގެއްލުން ސިއްހީ ގޮތުން އަދި ސާފު ނުވި ނަމަވެސް އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަ ޝިމާން އަށް މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅަށް އެކަށީގެންވާ އަވަސް ފަރުވާ ލިބުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެ ފުރުސަތު ޝިމާން އަށް ގެއްލުނީ މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތުމުން ކަމަށް އޭނާގެ އާއިލާ އިން ޤަބޫލުކުރެއެެވެ. ޝިމާންގެ ސިއްހީ ހާލަތުގެ ނާޒުކުކަން ފުލުހުންގެ ސަމާލުކަމަށް އާއިލާއިން ގެނައުމުން ވެސް އޭނާ އާއި މެދު ފުލުހުން ބެހެއްޓި އަޅާލުން ކުޑަ މިޒާޖަކީ ބަލައިގަލެވޭނެ ކަމެއް ނޫންކަމަށް އޭނާގެ އާއިލާއިން ދަނީ ބުނަމުންނެވެ.
ޝިމާންގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލަށް ނުގެންދެވި ލަސްވުމުން އޭނާގެ ރިކަވަރީ އަށް ދިމާވާނެ ގޮންޖެހުމެވެ. ޝިމާންގެ އާއިލާއިން ބުނާގޮތުން ޝިމާން އަކީ ޒިންމާދާރު ބައްޕައެކެވެ. ކުޑަކުޑަ ތިން ކުދިންގެ އާއިލާ އެއް ބަލަމުން އައި މީހަކަށް މިފަދަ ކުއްލި ކަމެއް ދިމާވި އިރު ދައުލަތުގެ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ހުރެ އޭނާ އަށް ލިބެންވާ އަޅާލުން ނުލިބުމުން އެކަމާއި ޒިންމާ ވާ މީހުން ހޯދާ ޖަވާބުދާރީވުމަކީ އާއިލާ އިން އެދޭ އެދުމެވެ. ޝިމާން އަށް ދިމާވި ފަދަ ކަމެއް މާދަމާ އެހެން މީހަކަށް ދިމާވާން ފަހަރެއްގާ ވެސް އޭނާގެ އާއިލާއަކުން ނޭދެއެވެ. އެކަން ނުހިނގާކަން ކަށަވަރު ކުރެވޭނީ މިފަދަ މައްސަލަތައް ބަލާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ކަމަށް ޝިމާންގެ އާއިލާ އިން ވެސް އަދި އާއްމުންވެސް ޤަބޫލުކުރެއެވެ.