ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 14:28
ޕޮލިސް ހެޑް ކުއަރޓަރސް
ޕޮލިސް ހެޑް ކުއަރޓަރސް
ރާއްޖެއެމްވީ
ސްޓްރޯކެއް ޖެހުނު މީހަކު ބަންދުގައި 5 ގަޑި އިރު
ސްޓްރޯކެއް ޖެހުނު މީހަކު ބަންދުގައި 5 ގަޑި އިރު - ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ ބަލަނީ
އައިޖީއެމްއެޗް އިން ހެދި ޓެސްޓް ތަކުން ޝިމާން އަށް ސްޓްރޯކެއް ޖެހިފައިވާކަން ވަނީ ކަށަވަރުވެފަ
ތަކުރާރުކޮށް އެދިގެން ވެސް އޭނާ އަށް ސިއްހީ ފަރުވާ ދިނުމަށް ގެންގޮސްފައި ނުވާކަމަށް އާއިލާ އިން ބުނޭ

ސްޓްރޯކެއް ޖެހުނު ކަމަށް ބެލެވޭ މީހަކު، މަސްތުވެގެން ކަމަށް ތުހުމަތުކޮށް ފަރުވާ ނުދީ ފުލުހުންގެ ބަންދުގައި 5 ގަޑި އިރު ބެހެއްޓި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ރިވިއު ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަލީ ޝިމާން ނަސީރު (41އ.) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓަކާއި ގުޅިގެންނެވެ.

ފުލުހުން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:13 ހާއިރު މަސްތުގެ ހާލަތުގައި ހުރެ މީހަކު އުޅަނދެއް ދުއްވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ސީނަށް އެޓެންޑްވެ ބެލި އިރު އެ މީހާ ދުއްވި ވޭން ހުޅުމާލެ ފިތިރޯނު މަގު އަރިމައްޗަށް އަރާ އެކްސިޑެންޓްވެފައިވާ ކަމަށް ފާހަގަކުރެވުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީ އަށް ވިދާޅުވީ މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބެލި ބެލުމުން ހުޅުމާލެ ފޭސް 2 އާއި ފޭސް 1 ގުޅުވާދޭ ބްރިޖްގައި ވެސް އުޅަނދު ޖެހިފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ. އެހެންނަމަވެސް ހައްޔަރުކުރި މީހާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ފަހު، އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ނެތްކަން އެނގުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަމަލުކުރި ގޮތް ރިވިއުކުރަމުންދާ ކަމަށާއި އުސޫލާއި ޚިލާފަށް ކަމެއް ހިނގާފައިވާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޝިމާން ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ އާއިލާ އިން ފުލުހުންނާއި ސުވާލުކުރުމުން މެންދުރު 11 ޖެހި އިރު ފުލުހުން ވަނީ ވީހާވެސް އަވަހަކަށް ކުޑަކަމުދާތަކެތި ޗެކްކުރުމަށް ފަހު ޓެސްޓެ ނެގެޓިވް ނަމަ ޝިމާން ދޫކޮށްލާނެ ކަމަށް އޭނާގެ އާއިލާ އަށް އަންގާފައެވެ. އެހެންނަމަވެސް 3 ޖެހި އިރު ވެސް އޭނާ ދޫކޮށްނުލައިގެން އާއިލާ އިން ސުވާލުކުރުމުން ޝިމާން ކުޑަކަމުދާތަކެތި ދޭން ދެކޮޅު ހަދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އާއިލާއިން ވަނީ ކުރިން ފުލުހުން އޭނާގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓްކުރުމަށް ފޮނުވާފައިވާ ކަމަށް ބުނި ވާހަކަ އާއި ފަހުން ދެއްކި ވާހަކަ އާ ދިމާ ނުވާކަން ފާހަގަކޮށްފައެވެ. އާއިލާއިން ފުލުހުންނާއި އިތުރަށް ސުވާލުކުރުމުން ޝިމާން ވާހަކަދައްކަން ދެކޮޅު ހަދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޝިމާންގެ އާއިލާ އިން ބުނިގޮތުގައި އޭނާ އަކީ ހިތުގެ މައްސަލަ ހުންނަ މީހެކެވެ. އަދި އޭނާ އަކީ ހަކުރު ބަލި ހުންނަ މީހެކެވެ. އެކަން ޝިމާންގެ އާއިލާ އިން ވަނީ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ފުލުހުން ޝިމާންގެ ސިއްހީ ރެކޯޑްތައް ހިއްސާކުރުމަށް އެދުމުން އެކަން ވެސް އާއިލާ އިން ވަނީ ކޮށްފައެވެ.

އެހެންނަމަވެސް ތަކުރާރުކޮށް އެދިގެން ވެސް އޭނާ އަށް ސިއްހީ ފަރުވާ ދިނުމަށް ގެންގޮސްފައި ނުވާކަމަށް އާއިލާ އިން ބުނެއެވެ. ޝިމާން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިގެން  ޝިމާން ހޮސްޕިޓަލަކަށް ގެންދެވޭ ވަރުވީ އިރުއޮއްސި 6 ޖަހަން އުޅެނިކޮށެވެ. އަދި އައިޖީއެމްއެޗް އިން ހެދި ޓެސްޓް ތަކުން ޝިމާން އަށް ސްޓްރޯކެއް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ.

- ކޮމެންޓް