ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 10:46
އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ
އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ
ރޮއިޓާސް
އެތުލެޓިކޯ މެޑްރިޑު
އެތުލެޓިކޯ އަކީ ތިން ވަަނައިގައި އޮންނަން ޖެހޭ ޓީމުކަމަށް ސިމިއޯނޭ ޤަބޫލެއް ނުކުރޭ!
ތިން ވަނައިގައި އެތުލެޓިކޯ އޮންނަން ޖެހޭ ސަބަބެއް ވެސް ނުވިސްނޭކަން ފާހަގަ ކުރަމުން ސިމިއޯނޭ ބުނީ، އެތުލެޓިކޯ އޮތީ އެއަށްވުރެ ރަނގަޅު ހިސާބެއްގައި ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑަކީ، ސްޕެނިޝް ލީގުގެ ތިން ވަނައިގައި އޮންނަން ޖެހޭ ޓީމު ކަަމަށް ޤަބޫލު ނުކުރާ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ލީގު ރޭހުގެ ވާދަވެރިކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ވަނީ ސިމިއޯނޭއާ ސުވާލުކޮށްފަ އެވެ. އެގޮތުން ލީގު ރޭހުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އަދި ބާސެލޯނާ އަށް ވުރެ ފަހަތުގައި އެތުލެޓިކޯ އޮންނަން ޖެހިދާނެ ކަމަށް ޤަބޫލު ކުރަންތޯ ނޫސްވެރިޔާ ވަނީ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ސިމިއޯނޭ ބުނެފައި ވަނީ، އެތުލެޓިކޯ އަކީ ތިން ވަނަ ޓީމުގެ ގޮތުގައި އޭނާ ޤަބޫލު ނުކުރާ ކަމަށެވެ. އަދި ތިން ވަނައިގައި އެތުލެޓިކޯ އޮންނަން ޖެހޭ ސަބަބެއް ވެސް ނުވިސްނޭކަން ފާހަގަ ކުރަމުން ސިމިއޯނޭ ބުނީ، އެތުލެޓިކޯ އޮތީ އެއަށްވުރެ ރަނގަޅު ހިސާބެއްގައި ކަމަށެވެ.

މީގެ އިތުރުން ސިމިއޯނޭ ބުނީ ބާސެލޯނާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުން އެޓޭކު ކުރުމުގައި ވަރަށް ރަނގަޅު ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކަމަށާއި، އެ ކުޅުންތެރިންގެ ދުވެއްޔާއި، ކުޅުމާއި ކަންކަން ހުރީ ރަނގަޅު ފެންވަރެއްގައި ކަމަށް ޤަބޫލު ކުރެވޭ ކަމަށް ސިމިއޯނޭ ބުންޏެވެ. ސިމިއޯނޭ ބުނީ ލީގު ރޭސް ކުރިއަށްދާ އޮތް ބަލަން ޝައުޤުވެރިވާ ކަމަށާއި، އަދި ނޫސްވެރިން އެފަދަ ސުވާލުތައް އަމާޒު ކުރުމަކީ ވެސް ގަޔާވާ ކަމެއް ކަމަށެވެ.

ރެއާލް މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިމިއޯނޭ ބުނީ މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މެޗުގެ ފަހު ހާފަށް ދިޔައިރު، އެތުލެޓިކޯ އަށް ލިބުނު ފުރުސަތުތައް ނިންމާލުމަށް އެ ޓީމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު ކަމަށް ވެސް ސިމިއޯނޭ ޤަބޫލު ކުރެ އެވެ. އަދި އެތުލެޓިކޯ އަށް އެއަށް ވުރެ ރަނގަޅަށް އެކަންކަން ކުރެވުނީސް ކަމަށާއި، ދެ ވަނަ ހާފުގައި ތަފާތުތަކެއް ފެނުނު ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ހާފުގެ ކުރީ ކޮޅު ރެއާލުން ލަނޑެއް ޖެހުމާއި، އޭގެ ފަހުން ރަނގަޅު ފެންވަރެއްގައި ކުޅެމުން ދިޔަ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ސިމިއޯނޭ ބުނީ މެޗުން މޮޅުވުމުގެ ފުރުސަތުތަކެއް އެތުލެޓިކޯ އަށް ލިބުނު ކަމަށެވެ. ނަމަވެސް ޔަޤީނުން ވެސް މެޗުން މޮޅުވާނެ ކަމަށް ބުނަން ދަތި ކަމަށް އޭނާ ބުންޏެވެ. އޭގެ މާނަ އަކީ އެ މެޗުން ހައްޤީ ޕޮއިންޓެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް މެޗުން މޮޅުވެވިދާނެ ފަދަ ވަގުތުތަކެއް އައިކަން އިޙުސާސް ކުރެވޭ ކަމަށް ސިމިއޯނޭ ވަނީ ބުނެފަ އެވެ.

ރެއާލް މެޗުން މޮޅުވެ، ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ވެސް އެތުލެޓިކޯ އަށް އޮތެވެ. މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު އެތުލެޓިކޯ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 49 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ރެއާލަށް އެއް ވަނައިގައި 50 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

- ކޮމެންޓް