ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 10:45
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑު
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު، އެކަމުން ހިތްވަރު ލިބި ގަންނަން: އަންޗެލޮޓީ
އަންޗެލޮޓީ ބުނީ އެ މެޗުގައި ރެއާލަށް މޮޅުވުން ޙައްގު ކަމަށާއި، ޚާއްސަކޮށް ދެ ވަނަ ހާފުގައި ރެއާލުން އެވަރަށް މަސައްކަތް ކުރި ކަމަށެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ރެއާލް މެޑްރިޑުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެކަމުން ހިތްވަރު ލިބިގަންނަ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި އެތުލެޓިކޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ރެއާލުން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ފަހުން ރެއާލުން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މެޗުގައި ރެފްރީގެ ނިންމުންތައް އައި ގޮތާ ގުޅޭ ގޮތުން އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަންޗެލޮޓީ ބުނީ އެ މެޗުގައި ރެއާލަށް މޮޅުވުން ޙައްގު ކަމަށާއި، ޚާއްސަކޮށް ދެ ވަނަ ހާފުގައި ރެއާލުން އެވަރަށް މަސައްކަތް ކުރި ކަމަށެވެ. މެޗުގެ ދެ ވަނަ ހާފުގައި ރެއާލުން ފުރިހަމަ ކޮންޓްރޯލްގައި އޮވެ ކުޅެމުން ދިޔަކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ދެ ވަނަ ހާފުގައި ރެއާލް އޮތީ މެޗަށް ފުރިހަމަ އަށް ވަދެ ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީގެ އަސަރު ރެއާލަށް ކުރި ކަމަށާއި، އޭގެ ފަހުން އެކަމުގެ އަސަރު ޓީމުގެ ކުޅުމަށް ވެސް ކޮށްފައިވާ ކަމަށެވެ. ފުރަތަމަ ހާފަށް ފަހު ރެއާލުން ނިކުތީ ވަރަށް ރަނގަޅަށް ވިސްނުން ބިނާކޮށްގެން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަދި ރޮޑްރީގޯ ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާކަން އޭނާ ފާހަގަ ކުރި އެވެ.

މީޣެ އިތުރުން އަންޗެލޮޓީ ބުނީ އެ މެޗަް ނިކުތީ ވަރަށް ބޮޑަށް މޮޅުވާން ބޭނުންވެގެން ކަމަށާއި، ނަމަވެސް މެޗުން މޮޅު ނުވެވުމުން މުޅި ޓީމު އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އެހެން ނަމަވެސް ވާދަވެރި ލީގުގައި އަދިވެސް ރެއާލް އޮތީ އެއް ވަނައިގައި ކަމަށާއި، ރެއާލަށް މިދިޔަ ހަފްތާ އަކީ ވަރަށް ޕްރެޝަރު ހަފްތާއެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް ދެން އަންގާރަ ދުވަހާ ހަމައަށް ރެއާލުން އޮންނާނީ ހަމަޖެހިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެޗު އެއްވަރުވެ ރެއާލް އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 23 މެޗުން ރެއާލަށް ލިބެނީ 50 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެތުލެޓިކޯ އަށް ލިބެނީ 49 ޕޮއިންޓެވެ. ދެން ރެއާލަށް އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް