ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 09:02
މެޗުގައި ލަނޑު ޖެހުމަށްފަހު މުއާނީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މުއާނީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ފަހު ވަގުތު ކޯމޯ ބަލިކޮށް، ޔުވެންޓަސް ހަތަރު ވަނަ އަށް
މޮޅާއެކު ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ.

އިޓާލިއަން ލީގުގައި ކޯމޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އިން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ކޯމޯގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ޔުވެންޓަސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކޯމޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޔުވެންޓަސް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ އެވެ. އެއީ ނިކޮލަސް ގޮންޒާލޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މުއާނީ ޖެހި ލަނޑެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ކޯމޯ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަސާން ޑިއާއޯ އެވެ. މެޗުން ޔުވެންޓަސް މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަަކަށް ވެފައި ވަނިކޮށް، އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް މެޗުން ޔުވެންޓަސް މޮޅު ކޮށްދިނީ ވެސް މުއާނީ އެވެ.

މޮޅާއެކު ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ފަސް ވަނައިގައި ފިއޮރެންޓީނާ އަށް ލިބެނީ 42 ޕޮއިންޓެވެ.

- ކޮމެންޓް