ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 14:44
ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑު ވަޒީރު
ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑު ވަޒީރު
ރޮއިޓާސް
އެމެރިކާ-އިސްރާއީލު ގުޅުން
އިސްރާއީލުން ޓްރަމްޕްގެ ޕްލޭނަށް ތާއީދުކޮށް، ޣައްޒާއިން ފަލަސްތީނުގެ މީހުން ނެރުމަށް ތައްޔާރުވާން ސިފައިންނަށް އަމުރުކޮށްފި
މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ދުނިޔެއަށް ކުއްލި ސިހުމެއް ގެނައި މި ޕްލޭނަކީ ޒަމާންތަކެއް ވަންދެން އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތް އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތުގެ ހައްލު އާ މުޅިން ޚިލާފު ވިސްނުމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ "ހިފުމުގެ" ހުށަހެޅުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދުކުރައްވައިފިއެވެ.

އަދި އެއާ އެކު އިސްރާއީލްގެ ސިފައިންނަށް ގިނަ އަދަދެއްގެ ފަލަސްތީނުގެ މީހުން އެ ސަރަޙައްދުން ނެރުމުގެ ޕްލޭންތައް ތައްޔާރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޓްރަމްޕްގެ މި ޕްލޭނާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ގޮތުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. މެދުއިރުމަތީގެ އަދި އެހެން ސަރަހައްދުތަކުގެ ލީޑަރުން ގެންދަވަނީ މި ޕްލޭނަކީ ޢަމަލީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.

ނަމަވެސް ޣައްޒާގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ފޮނުވާލައި އަދި އެ ސަރަޙައްދުގެ "ދިގު މުއްދަތެއްގެ މިލްކުވެރިކަން" ނެގުމަށް ޓްރަމްޕް ހާމަ ކުރެއްވި ޕްލޭނަށް ނަތަންޔާހޫ ވަނީ ތައުރީފު ކުރައްވާ، އެއީ "ފާހަގަކޮށްލެވޭ މޮޅު ޚިޔާލެއް" ކަމަށް ވިދާޅުވެފައެވެ.

"ފުރަތަމަ ކަމަކަށް ޣައްޒާ އިން ނުކުންނަން ބޭނުންވާ މީހުންނަށް ނުކުތުމުގެ ފުރުޞަތު ދިނުމުގައި، ކޮބާ މައްސަލައަކީ؟" އޭނާ ބުދަ ދުވަހު ފޮކްސް ނިއުސް އަށް ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުން ނުކުންނަ މީހުންނަށް "އަނބުރާ އައުމުގެ" ފުރުޞަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އަހަރެން އަޑުއެހި ރަނގަޅު ފުރަތަމަ ޚިޔާލެވެ. މިއީ ފާހަގަކޮށްލެވޭ މޮޅު ޚިޔާލެކެވެ. އަދި އަހަރެން ދެކޭގޮތުގައި މިކަން ޙަޤީޤަތުގައި ކުރިއަށް ގެންދަން ޖެހޭނެއެވެ. ބަލައި، ދިރާސާކޮށް، ކުރިއަށް ގެންގޮސް، ތަންފީޒު ކުރަން ޖެހޭނެއެވެ. އެއީ އަހަރެން ދެކޭގޮތުގައި މިއީ އެންމެންނަށް ރަނގަޅު މުސްތަޤުބަލެއް އުފައްދައިދޭނެ ކަމެއް ކަމަށްވާތީއެވެ،" ނަތަންޔާހޫ އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕް މި ހުށަހެޅުން ހާމަކުރެއްވީ އަންގާރަ ދުވަހު ވައިޓް ހައުސްގައި ނަތަންޔާހޫ އާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިކަމާ ގުޅިގެން ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެ ފަރާތްތަކުން ބުނާގޮތުގައި މި ޕްލޭން ތަންފީޒުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެކެވެ - އަދި މިއީ ޣައްޒާގައި ނަސްލު ނައްތާލުން ކަމަށް ވެގެންދާނެއެވެ.

ވޮޝިންގްޓަންގެ ހުޅަނގުގެ އެކުވެރިން ވެސް ޣައްޒާއިން މީހުން ނެރުމުގެ ޚިޔާލާ ވަނީ ދެކޮޅުކަން ހާމަ ކޮށްފައެވެ. އަދި މެދުއިރުމަތީގެ ލީޑަރުންނާއި، ޣައްޒާގެ އޮފިޝަލުންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކުރާ ސިޔާސަތު ދަމަހައްޓާ ކަމަށް ކަށަވަރުކަމާ އެކު ބުނެފައިވެއެވެ.

ޤަޠަރުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ބުދަ ދުވަހު ވިދާޅުވީ ޢަރަބި ޤައުމުތަކުން ރާވަމުންދަނީ ފަލަސްތީނުގެ މީހުން ޣައްޒާގައި ތިއްބާ އެ ސަރަޙައްދު އަލުން ބިނާކުރުމަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ. އުރުދުން ވަނީ ޓްރަމްޕްގެ މި ޕްލޭނަށް ވަރަށް ހަރުކަށި ގޮތެއްގައި އިންކާރުކޮށްފައެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ދުނިޔެއަށް ކުއްލި ސިހުމެއް ގެނައި މި ޕްލޭނަކީ ޒަމާންތަކެއް ވަންދެން އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތް އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތުގެ ހައްލު އާ މުޅިން ޚިލާފު ވިސްނުމެއް ކަމަށެވެ.

- ކޮމެންޓް