ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 13:10
ގއ. ވިލިނގިލީ
ގއ. ވިލިނގިލީ
މޯލްޑިވްސް ނިއުސް ނެޓްވޯކްސް
ވިހާފައި ދަރިފުޅާއި މަންމަ މަރުވި މައްސަލަ
ވިލިނގިލީގައި ދެމައިން މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ
ހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ
މި ހާދިސާގައި މަރުވީ ވިލިނގިލީ، ޒަމާނީވިލާ ޝިއުނާ ތައުފީގާއި، އޭނާގެ ތިން ވަނަ ދަރިފުޅު
އެއާ އެމްބިއުލާންސްގައި ފަރުވާ ދެވޭނެ އެއްވެސް އިންތިޒާމެއް ނެތް ކަމަށް އާއިލާއިން ބުނޭ

ގއ. ވިލިނގިލީގައި ދެމައިން މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުމާލުން ދެ މައިން މަރުވީ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މިހާދިސާއަށް ވަނީ ލިބިފައެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ ވިލިނގިލީގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް އަންގާފައިވާ ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ހިންގުމަށް އަންގާފައިވާއިރު، ހެލްތް މިނިސްޓްރީން ވެސް ދަނީ މިމައްސަލަ ބަލަމުންނެވެ. އަދި އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި ހާދިސާގައި މަރުވީ ވިލިނގިލީ، ޒަމާނީވިލާ ޝިއުނާ ތައުފީގާއި، އޭނާގެ ތިން ވަނަ ދަރިފުޅެވެ.

މިހާދިސާ ހިނގި ގޮތް ޝިއުނާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ސުނިލް ތައުފީގު ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

ސުނިލް ކިޔައިދިން ގޮތުގައި ޝިއުނާ ގއ.އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 4 ވީ އަންގާރަ ދުވަހުގެ ރޭ ކަމަށާއި އަރިދަފުސް އަޅައި ނޭވަޔަށް އުނދަގޫ ވާތީ ކަމަށެވެ. ޝިއުނާގެ ބަނޑަށް ކިރިޔާ 8 މަސް ވެފައިވާތީ، އެޑްމިޓް ކޮށްގެން ފަަރުވާ ދިނުމަށް އާއިލާއިން ޑޮކްޓަރުންގެ ކިބައިން އެދުނެއެވެ. ނަމަވެސް އެތެރެ ހަށީގެ ޑޮކްޓަރު ބެލުމަށްފަހު މާ ބޮޑު މައްސަލައެއް ނެތް ކަމަށް ބުނެ، އެކަށީގެންވާ ފަރުވާ ނުދީ ޝިއުނާ ދޫކޮށްލި ކަމަށާއި، މާބަނޑު ނަމަވެސް ގައިނީ ޑޮކްޓަރަށް އަންގާފައިނުވާކަމަށް އޭނާ ބުންޏެވެ. ޝިއުނާއަށް ފަރުވާ ދޭން ފަށާފައިވަނީ ނޭވާނުލެވި، ހޮސްޕިޓަލަށް ވެއްޓުމުންނެވެ.

އޭގެފަހުން އިތުރަށް ހާލު ސިރިއަސްވެ، ގދ.ތިނަދޫއިން ޑޮކްޓަރަކު އައުމުން ބުދަ ދުވަހުގެ ހަވީރު ސިޒޭރިއަން ހަދައި ދަރިފުޅު ނެގިއެވެ. ނަމަވެސް ހޮސްޕިޓަލްގައި ދަރިފުޅަށް ދޭނެ ފަރުވާ ނެތް ކަމަށާއި، އެއިރުން ފެށިގެން ވީހާވެސް އަވަހަށް މާލެއަށް ފޮނުވާ ދިނުމަށް އާއިލާއިން ދިޔައީ އެދެމުން ދިޔަ ކަމަށް ސުނިލް ބުންޏެވެ.

އަވަހަށް ފުރޭނެ ގޮތެއް ނުވެ ލަސްވަމުންދާތީ އާއިލާއިން ގިނަ މަސައްކަތްތައްކޮށް، ބުދަ ދުވަހުގެ ރޭ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްގެން ގެންނަކަމުގެ މައުލޫމާތު ލިބުނެއެވެ. އެ ދެމައިން ފޮނުވާލުމުގެ މަސައްކަތްކޮށް، ބުދަ ދުވަހުގެ ރޭ ސިއްހީ ޚިދުމަތްތެރިންނާއެކު ކޫއްޑޫއަށް ގެންދިޔައެވެ. ނަމަވެސް އައީ އެއަރ އެމްބިއުލޭންސްއެއް ކަމަށާއި، އޭގައި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ ގޮތެއް، އޮކްސިޖަން ދެވޭނެ ގޮތެއް އަދި އެހެނިހެން ވެސް ބަލި މީހާއަށް ފަރުވާ ދޭވޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައިނުވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ޝިއުނާ ވެސް އޭނާގެ ދަރިފުޅު ވެސް މަރުވެފައިވަނީ ރަންވޭގައި އޮކްސިޖަން ހުސްވުމުންނެވެ. އަދި އެކަން އާއިލާއަށް ސިއްރުކޮށްފައިވާ ކަމަށް ވެސް ސުނިލް ބުނެފައިވެއެވެ.

- ކޮމެންޓް