Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 11:13
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން
އެމްޑީޕީ
ހުސެއިން ހަސަން
ސިޔާސީ ބޭނުމަކަށް ހުސައިން ހައްޔަރުކުރުން ރައީސް ޞާލިހު ކުށްވެރިކުރައްވައިފި
ހުސެއިން ހައްޔަރު ކުރީ ފުލުހުންގެ ހަރަކާތެއް ވީޑިއޯ ކުރުމުގެ ސަބަބުން ކަމަށް ބުނެފައިވޭ
ހުސެއިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ އެކްޓިވިސްޓުން ދަނީ ގޮވާލަމުން
ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން ކުރާކަމަކަށް އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މުއައްސަސާ އަށް އޮންނަ އިތުބާރު ހީނަރުވެގެންދާ ކަމެއް

އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސެއިން ހަސަން ސިޔާސީ ބޭނުމަކަށް ފުލުހުން ހައްޔަރު ކުރި މައްސަލަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގއ. ވިލިގިނލި ދާއިރާ ތަމްސީލު ކުރާ ހުސެއިން ހައްޔަރު ކުރީ، ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރުމުގެ ސަބަބުންނެވެ. އޭނާ ހައްޔަރު ކުރީ ވަރަށް ހަރުކަށިކޮށް އަނިޔާވެރިކަމާއެކު ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

މިކަމާއި ގުޅީގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޕޯސްޓެއްގައި ވަނީ ވަގުތުން ވަގުތަށް ހުސައިން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ރޭގައި ހައްޔަރުކުރުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން ކުރާކަމަކަށް އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މުއައްސަސާ އަށް އޮންނަ އިތުބާރު ހީނަރުވެގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ހުސައިން ހަސަން ހައްޔަރުކުރުން ކުށްވެރިކުރައްވާފައެވެ. ނައިބު ރައީސް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރު ކުރި ކުރުމާމެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ހުސައިން އަވަހަށް މިނިވަން ކުރުމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހުރިހާ މުއައްސަސާއަކުން ވެސް ކަށަވަރު ކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.

ހުސެއިން ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އަނިޔާ ކުރުމަށް ފަހު ހުސައިން ހަސަން ހައްޔަރުކުރުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ވުރެ މަތީގައި ތިބޭ ބަޔަކަށް ފުލުހުން ވަމުންދިޔުމަކީ ބިރުވެރި ސިގުނަލެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"ވަގުތުން ވަގުތަށް އެއްވެސް ޝަރުތަކާ ނުލައި ހުސައިން މިނިވަން ކުރުމަށް ގޮވާލަން." ފައްޔާޒު ވިދާޅުވިއެވެ.

ހުސެއިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ އެކްޓިވިސްޓުން މީސްމީޑިއާ ގައި އަންނަނީ ގޮވާލަމުންނެވެ. ޝާހިދު ވިދާޅުވީ އެއްވެސް ޝަރުތަކާއި ނުލާ ހުސައިން ދޫކޮށްލުމަށާއި، އިދިކޮޅު ފަރާތްތަކުގެ މައްޗަށް ފާޅުގައި ބިރުދެއްކުމާއި ސިޔާސީ ގޮތުން ދައުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ވަގުތުން ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި، ހުސެއިން އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ފާހަގަ ކުރެވޭ ޒުވާނެކެވެ.

ޙުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭނާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.

- ކޮމެންޓް