ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 14:17
ޝެއިޚް މުޖީބުއްރަހްމާނުގެ ގެކޮޅުގައި ހުޅުޖަހާފައި
ޝެއިޚް މުޖީބުއްރަހްމާނުގެ ގެކޮޅުގައި ހުޅުޖަހާފައި
ރޮއިޓާސް
ބަންގްލަދޭޝްގެ ހަމަނުޖެހުން
ޝެއިޚް ހަސީނާގެ ބައްޕާފުޅު، ބަންގްލަދޭޝްގެ މިނިވަންކަން އިއުލާނު ކުރެއްވި މުޖީބުއްރަހްމާންގެ ގެކޮޅުގައި ހުޅު ޖަހައިފި
ވެރިރަށް ޑާކާގައި ހުރި މި ގެއަކީ ހަސީނާގެ އަވަހާރަވެފައިވާ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ މިނިވަންކަމުގެ ލީޑަރު ޝެއިޚް މުޖީބުއްރަޙްމާނުގެ ގެކޮޅެވެ. 1971 ގައި ޕާކިސްތާނުން ވަކިވެ ބަންގްލަދޭޝްގެ މިނިވަންކަން ރަސްމީކޮށް އިޢުލާނުކުރީ މި ގޭގައެވެ. 1975 ގައި އޭނާ އަވަހާރަކޮށްލީވެސް މި ގޭގައެވެ. ފަހުން ހަސީނާ ވަނީ މިގެ ދާރުލް އާސާރަކަށް ހައްދަވާފައި

ރުޅި އައިސްފައި ތިބި އެތައް ހާސް ބަންގްލަދޭޝް މީހުން ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އާއިލީ ގޭގައި ހުޅުޖަހާ އަންދާލައިފިއެވެ.

ހަސީނާގެ ބައްޕާފުޅު، ބަންގްލަދޭޝްގެ މިނިވަންކަން އިއުލާނު ކުރެއްވި ޝެއިޚް މުޖީބުއްރަހްމާނުގެ ގެކޮޅުގައި ރޯކޮށްލި އިރު އެއީ މިހާތަނަށް އެ ގައުމުގެ މިނިވަންކަމުގެ ނިޝާނެއްގެ ގޮތުން ބަލަމުން އައި އިމާރާތެކެވެ.

ނަމަވެސް މިހާރު އެމީހުން ބުނާގޮތުގައި އެ ގެއަކީ ހަސީނާ ވެރިކަން ކުރިގޮތުގެ އަނިޔާވެރިކަމުގެ ނިޝާނެކެވެ.

ރުޅި އައިސްފައިތިބި މުޒާހަރާ ކުރާ މީހުން އެ ގޭ ދޮށަށް ޖަމާވީ ހަސީނާ، އޭނާ އަށް ތާއީދުކުރާ ފަރާތްކާ މުޚާޠަބުކޮށް ތަގުރީރެއް ދެއްވަން ނިންމެވުމާ ގުޅިގެންނެވެ.

މި ތަޤުރީރު ދެއްވަން ނިންމެވީ އިންޑިއާގައި ހުންނަވައިގެންނެވެ. އިންޑިއާއަށް އޭނާ ފިއްލަވައިގެން ވަޑައިގަތީ ފާއިތުވި އަހަރު ދަރިވަރުން އިސް ނަގައިގެން އޭނާގެ ވެރިކަމާ ދެކޮޅަށް ހިންގި އެތައް ބަޔަކު މަރުވި މުޒާހަރާތަކާ ގުޅިގެންނެވެ. މުޒާހަރާތައް ހޫނުވެ އޭނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައި އިރު ފާޑުކިޔާ ފަރާތްތަކުން އޭނާ އަށް ތުހުމަތު ކޮށްފައިވަނީ އިދިކޮޅު ފަރާތްތައް ނައްތާލުމަށް މަސައްކަތްކުރި އަނިޔާވެރި ވެރިއެއް ކަމަށެވެ.

ވެރިރަށް ޑާކާގައި ހުރި މި ގެއަކީ ހަސީނާގެ އަވަހާރަވެފައިވާ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ މިނިވަންކަމުގެ ލީޑަރު ޝެއިޚް މުޖީބުއްރަޙްމާނުގެ ގެކޮޅެވެ. 1971 ގައި ޕާކިސްތާނުން ވަކިވެ ބަންގްލަދޭޝްގެ މިނިވަންކަން ރަސްމީކޮށް އިޢުލާނުކުރީ މި ގޭގައެވެ. 1975 ގައި އޭނާ އަވަހާރަކޮށްލީވެސް މި ގޭގައެވެ. ފަހުން ހަސީނާ ވަނީ މިގެ ދާރުލް އާސާރަކަށް ހައްދަވާފައެވެ.

ހަސީނާ ގައުމުން ފިއްލަވައިގެން ވަޑައިގެންނެވި ފަހުން، އޭނާ އަށް ތާއީދު ކުރާ ބައެއް މީހުން ގެންދިޔައީ އެ ގެއަށް ޖަމާވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ގެއަށް ޖަމާވާ މީހުންނަށް ވެސް ހަސީނާ ދެކެ ރުޅި އަންނަ ފަރާތްތަކުން ގެންދިޔައީ ހަމަލާ ދެމުންނެވެ. ހަސީނާގެ ވެރިކަން ވައްޓާލުމާއެކު ހަސީނާގެ ސަރުކާރާއި ޕާޓީގެ އެހެން ނިޝާންތަކަށްވެސް ހަމަލާދީ، އެތައް އިމާރާތެއް ވަނީ ފަނާކޮށް އަންދާލާފައެވެ.

ބުދަ ދުވަހު، މުޒާހަރާ އަށް ނުކުތް ބައެއް މީހުން ބުނެފައިވަނީ ކުރީގެ ބޮޑުވަޒީރު ތަޤުރީރު ކުރިއަށް ގެންދަވައިފި ނަމަ އެ އިމާރާތް "ބުލްޑޯޒަރުން ފުނޑާލާނެ" ކަމަށެވެ.

ހަސީނާގެ ތަޤުރީރަކީ އޭނާގެ އަވާމީ ލީގު ޕާޓީން ހިންގަން ރާވާފައިވާ އެއްމަސްދުވަހުގެ އިހުތިޖާޖެއްގެ ފެށުމެވެ. އެ ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީގެ މެންބަރުންނަށާއި ހަސީނާ އަށް ތާއީދުކުރާ މީހުންނަށް ހަމަލާ ދޭކަމަށް ބުނެ އެފަދަ އަމަލުތަކާ ދެކޮޅަށް ތާއީދު ހޯދުމަށެވެ.  

ހަސީނާ ވާހަކަފުޅު ދައްކަވަން ފެށުމާއެކު، މުޒާހަރާ ކުރާ މީހުން ގެއަށް ވަދެގަނެ، ފާރުތައް ތަޅަން ފެށިއެވެ. ފަހުން ކްރޭނަކާއި އެކްސްކަވޭޓަރެއް ގެނެސް އިމާރާތް ތެޅުން ކުރިއަށް ގެންދިއައެވެ. 

"ބުލްޑޯޒަރުން ޤައުމުގެ މިނިވަންކަން އެމީހުންނަކަށް ނައްތައެއް ނުލެވޭނެ. އެމީހުންނަށް އިމާރާތެއް ހަލާކުކޮށްލެވިދާނެ، އެކަމަކު ތާރީޚު ފޮހެއެއް ނުލެވޭނެ،" އިމާރާތް ތަޅާލަމުންދަނިކޮށް ހަސީނާގެ ތަގުރީރުގައި ވިދާޅުވިއެވެ.

ހަސީނާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ގޮވާލެއްވީ އައު ސަރުކާރާ ދެކޮޅަށް ތެދުވުމަށެވެ. އަދި އެމީހުން ވެރިކަމަށް އައީ "ޤާނޫނު އަސާސީއާ ޚިލާފަށް" ކަމަށް ހަސީނާ ވިދާޅުވިއެވެ.

ދަރިވަރުންގެ ލީޑަރެއްކަމަށްވާ ހަސްނަތް އަބްދުﷲ، މީޑިއާގެ ވަސީލަތްތަކަށް އިންޒާރުދީ ހަސީނާގެ ތަޤުރީރާ ދެކޮޅަށް ވާހަކަދައްކައި، ފޭސްބުކްގައި ލިޔެފައިވަނީ "މިރޭ ބަންގްލަދޭޝް ގޮއްމުށުގެ ޒިޔާރަތުގެ ކިބައިން މިނިވަންވާނެ" ކަމަށެވެ.

މުޒާހަރާކުރާ ގިނަ މީހުން ގޮވަމުން ދިޔައީ ފާއިތުވި އަހަރު އޭނާއާ ދެކޮޅަށް ހިންގުނު މުޒާހަރާގައި މަރުވި އެތައް ސަތޭކަ މީހުންގެ މަރުގެ ބަދަލުގައި ހަސީނާގެ މައްޗަށް މަރުގެ އަދަބު ދިނުމަށެވެ.

މުޒާހަރާ ކުރި މީހުން އިންޑިއާއާ ދެކޮޅަށްވެސް އަޑުއުފުލާފައިވެއެވެ.

ނޮބެލް ޞުލްޙައިގެ އިނާމު ލިބިފައިވާ މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ހަސީނާ އަނބުރާ ގެނައުމަށް އެދިފައި ވީނަމަވެސް، އިންޑިއާ އިން އެކަމަށް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ޑެއިލީ ސްޓާރުން ބުރާސްފަތި ދުވަހުގެ ފަތިހު ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭގަނޑުގެ ވަގުތުތަކުގައި ހަސީނާގެ އަވާމީ ލީގަށް ތާއީދުކުރާ މީހުންގެ އެތައް ގެއަކަށާއި ވިޔަފާރިތަކަކަށް ހަމަލާދީފައިވެއެވެ.

- ކޮމެންޓް