ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 13:23
އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު
އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު
ރާއްޖެއެމްވީ ގްރެފިކްސް
ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ހޯދުން
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި
ފައިސާ އަނބުރާ ދީފައިވަނީ ތަހުގީގު ފުރިހަމަކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަނުކުރޭ
ފައިސާއާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވޭ

ބިންވެރިޔާ ސްކީމުގެ ދަށުން ވަގަށް ގޯތިތަކެއް ދޫކުރި މައްސަލައިގައި ތުހުމަތު ކުރެވޭ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފިއެވެ.

ފުލުހުން މީޑިއާށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެޗްޑީސީގެ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފައިސާ އަނބުރާ ދީފައިވަނީ ބަލަންޖެހޭ ކަންކަން ބަލާފައި ކަމަށް ފުލުހުން ބުނެއެވެ.

ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ފެނިފައިވަނީ އެޗްޑީސީގެ ވަގު ގޯތި މައްސަލަ ފަޅާ އަރާފައިވަނިކޮށެވެ. ނަމަވެސް ފުލުހުން އެކަމަށް ރަސްމީ ޖަވާބެއް ނުދެއެވެ. ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމާއި އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ދެކެވޭ ވާހަކައަށް މިވަގުތު އެއްވެސް ކޮމެންޓެއް ދެވެން ނެތްކަމަށް ފުލުހުން އެއިރު ބުނެފައިވެއެވެ.

ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސްކުރީ, ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން, މިދިޔަ މަހުގެ 22, ގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އަދި އޭރު އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ފުލުހުން އޭރު އެހެން ވިދާޅުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅުއްވާ އެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ. 

ނަމަވެސް ފަހުން މި މައްސަލައާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތެއް ކަމަށްވާ ރިލެކްސް ފެރީ ސާވިސްއިން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކުންފުންޏަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދީފައިވާނެކަމަށް ވަނީ ބުނެފައެވެ.

ރިލެކްސް އިން ކުރި ޕޯސްޓުގައި ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ. އަދި އެ ކުންފުނިން ބަން ލޯންޗުގެ ފެންވަރު ރަނގަޅުވެ ދެވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މަޝްވަރާ ކޮށްފައި ވާކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ކުރީ ކޮޅު ކުރެވުނު މަޝްވަރާއަށް ފަހު އެ އަހަރު ޑިސެމްބަރުމަހު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް ރިލެކްސް އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވަގު ގޯތި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ އަދި މިހާރު ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.

މި ތުހުމަތުތައް މިހެން ހުރި ނަމަވެސް، މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ. އެ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ މި މައްސަލައިގެ ތެރޭގައި ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށާއި އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ޖެހުނު ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަށާފާރު ރޭނުމުގެ ހުއްދަ ނުދޭ ކަމަށް ބުނި ނަމަވެސް މި ބުނާ ގޯތީގައި ވަށާފާރު ހުރީ ރާނާފަ އެވެ. ވަށާފާރު ރޭނި ކަމަށް ތުހުމަތުކުރެވެނީ ފަޒުލްގެ ބޭބެ، ފަޒީލަށެވެ.

ގޯތިތަކުގެ މައްސަލައިގެ އިތުރުން އެޗްޑީސީގައި ހުންނަވާ، މަގާމުގެ ބޭނުންކޮށްގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގައިގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުގެ ތުހުމަތު ވެސް ފަޒުލްގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން މި ހިޔާނާތުގެ އަމަލުތައް ފާހަގަކޮށް، އެޗްޑީސީގެ ކުރީގެ ޗެއާޕާސަން އަހުމަދު ޒުހޫރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މީގެ ފަސް މަސް ކުރިން ސިޓީއެއް ފޮނުއްވާފަ އެވެ.

- ކޮމެންޓް