ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ، "ކެރަމް ވެޓަރަންސް ޗެމްޕިއަންޝިޕް" ގެ ދެ ވަނަ މުބާރާތުގެ ސިންގަލަސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު ހޯދައިފި އެވެ.
ހޯމަ ދުވަހު ކުރިއަށް ދިޔަ ސިންގަލްސް އިވެންޓުގެ ފައިނަލްގައި ހާމިދު ވާދަކޮށްފައި ވަނީ އިބްރާހީމް ލިފާއުއާ އެވެ. ފައިނަލް މެޗު ހާމިދު ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ހާމިދު ކާމިޔާބު ކުރީ 22-20 އިންނެވެ. ނަމަވެސް ލިފާއު ވަނީ ޖެހިގެން ކުޅުނު ދެ ވަނަ ސެޓު 05-15 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ތިން ވަނަ ސެޓު 24-22 އިން ކާމިޔާބުކޮށް ހާމިދު ވަނީ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސިންގަލްސް އިވެންޓުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ބައްދަލު ކުރީ ޢަބްދުﷲ އިސްމާއީލް އަދި ސަރާހު އެވެ. އެ މެޗު ޢަބްދުﷲ އިސްމާއީލް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ޢަބްދުﷲ އިސްމާއީލް ކާމިޔާބު ކުރީ 25-07 އަދި 22-17 އިންނެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ދެ އިވެންޓަކަށެވެ. އެއީ އޯޕަން ސިންގަލްސް އަދި އޯޕަން ޑަބަލްސް އެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޙަސަން ލަޠީފް އަދި އިބްރާހީމް ލިފާއު އެވެ.