ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 01:59
2025 ފެބްރުއަރީ 2 - ފަލަސްތީންގެ ޖެނިން ކޭމްޕަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބޯ ދުން އަރަނީ
2025 ފެބްރުއަރީ 2 - ފަލަސްތީންގެ ޖެނިން ކޭމްޕަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބޯ ދުން އަރަނީ
އޭއެފްޕީ
ޖެނިން ކޭމްޕް
އިސްރާއީލުން ޖެނީންގައި އެއް ފަހަރާ 20 އިމާރާތް ގޮއްވާލައިފި
އިސްރާއީލާއި ފަލަސްތީނުގެ ހަމާސް އާ ދެމެދު ހިނގަމުން އައި 15 މަސްދުވަސްވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ޖެނުއަރީ 21 ވަނަ ދުވަހު އިސްރާއީލުން ޖެނީންގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ވަނީ ފަށާފައި.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވާފާ އިން ބުނާ ގޮތުގައި އިސްރާއީލުގެ ބާރުތަކުން "އެއްފަހަރާ 20 އާ ގާތްކުރާ އަދަދެއްގެ އިމާރާތްތައް" އާދީއްތަ ދުވަހު ޖެނީން ރެފިއުޖީ ކޭމްޕްގެ އިރުމަތީ ސަރަޙައްދުގައި ގޮއްވާލައިފިއެވެ.

އެ އޭޖެންސީން ބުނެފައިވަނީ "ގޮވުންތަކުގެ އަޑު ޖެނީން ސިޓީ އާއި އަވައްޓެރި އަވަށްތަކުގެ ބައެއް ސަރަޙައްދުތަކުން އިވުނު" ކަމަށެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަމާސް އާ ދެމެދު ހިނގަމުން އައި 15 މަސްދުވަސްވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ޖެނުއަރީ 21 ވަނަ ދުވަހު އިސްރާއީލުން ޖެނީންގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

އިސްރާއީލުން ބުނެފައިވަނީ މި ޙަމަލާއަކީ ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުގައި "ޓެރަރިޒަމް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންގެ ބައެއް" ކަމަށެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ޖެނީންގެ ދެކުނު އިރުމަތީގައި އޮންނަ ތޫބާސް އަދި ތަމޫން އަވަށްތަކުގެ ވަށައިގެން ވާ ސަރަހައްދު ތަކަށް އިސްރާއީލުގެ ބާރުތަކުގެ ގިނަ އަދަދެއްގެ ސިފައިން އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޒަރު ދުށް މީހުން ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ކައިރީގައިވާ ފަރާ ރެފިއުޖީ ކޭމްޕަށް ވަންނަން އޮންނަ މަގުތައް ބަންދުކޮށް، ގޭގެއަށް ވަދެ، މީހުން ނެރެމުންދާ ކަމަށެވެ.

ޑްރޯންތައްވެސް އެ ސަރަހައްދުން އުދުހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފަލަސްތީނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގައި ވަކިވަކި ދެ ހާދިސާއެއްގައި އިސްރާއީލުގެ ބާރުތަކުން ދެ މީހަކު މަރާލާފައިވެއެވެ.

ޖެނީން ގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް އިތުރުވެ އޭގެ ސަބަބުން މަރުވަމުންދާ މީހުން ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާ ގައި ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމަ އާއެކު ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ބާރުތަކާއި އެ ޤައުމުގެ ރަށްވެހިން ދިން ހަމަލާތަކުގައި މަދުވެގެން 883 ފަލަސްތީނު މީހުން މަރާލާފައިވާ ކަމަށް ފަލަސްތީނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

- ކޮމެންޓް