ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 09:40
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ މުޒާހަރާތައް
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު
ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށް ވެސް އެއްވެ އަޑު އުފުލުމުގެ ހައްގު ލިބިފައިވޭ
ކުރިއަށް އޮތްތަނުގައި މަޖީދީ މަގުން ވެސް ހިނގާލަން ޖެހޭނެ
މަސައްކަތް ކުރަމުންދަނީ ޑިމޮކްރެޓިކް ސިސްޓަމެއްގެ ތެރެއިން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ވަނީ ފުދިއްޖެ-ފުނޑިއްޖެ ނަމުގައި ސުލްހަވެރި ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމާއި ގުޅޭގޮތުން އާދިއްތަ ދުވަހުގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ހިނގާލުން ވަރަށް ކާމިޔާބު ކަމަށާއި، ވަރަށް ބޮޑު ހިތްހަމެޖެހުމެއް ލިބިގެން ދިޔަ ކަމަށެވެ.

ހިނގާލުން ކުރިއަށް ގެންދިޔަ ސަބަބާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ މަގުމަައްޗަށް އެމްޑީޕީން ނުކުތީ ސަރުކާރަށް އަޑު ނީވޭތީ ކަމަށާއި، މުއައްސަސާތައް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. އަދި މިސަރުކާރުގައި ރައްޔިތުންގެ މަޖިލިސް ވެސް ތަޅުއަޅުވާފައިވާ ކަމަށާއި، މިނިވަންމުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހިނގާލުމަށް ސަރުކާރުން ފުރުސަތު ދީފައިވާ ކަމަށް ބުނެ، ކްރެޑިޓް ނެގުމަށް ކުރާ މަސައްކަތަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ އެއީ އެމްޑީޕީން ބަލާނެ ކަމެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ ހެޔޮ ކަމުން ލިބުނު ފުރުސަތެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށް ވެސް އެއްވެ އަޑު އުފުލުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިސަރުކާރުގައި އެމްޑީޕީން މަގުމައްޗަށް ނުކުތް މިއީ ފުރަތަމަ ފަހަރު ކަމަށާއި، ހިނގާލުން ކުރިއަށް ގެންދިޔައީ ފުލުހުން ކުރި ރިކުއެސްޓާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މަޖީދީ މަގުން ވެސް ހިނގާލަން ޖެހޭނެ ކަމަށާއި، އެފުރުސަތު ވެސް ފުލުހުން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖީދީމަގުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމުން ރައްޔިތުންނަށް ވެސް ބައެއް ދަތިތައް ކުރިމަތިވާނެ ކަމަށާއި، ނަމަވެސް އެހަރަކާތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންނޫން ކަމަށްވާނަމަ ރައްޔިތުންނަށް މާ ބޮޑު ގެއްލުން ލިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ރޭވިގެން ވަކި ގޮތަކަށް ކަމަށާއި، މިއީ ސަރުކާރަށް ދައްކާލި މަގުމަތީގެ ހަރަކާތެއް ކަމަށެވެ. މަސައްކަަތް މިކުރަނީ ގާނޫނުގެ ބޭރުން ސަރުކާރެއް ވައްޓާލުމަށް ނޫން ކަމަށާއި، ބައެއް ބޭފުޅުން އެގޮތަށް މަސައްކަތް ކުރަން ބޭނުންވި ނަމަވެސް އެމްޑީޕީން އެގޮތަށް މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމަކީ ލޮނުމަޑު ހިނގާލުމެއް ކަމަށް ބުނެ ފާޑު ކިޔާ ފަރާތްތަކަށް ވެސް ރައްދު ދެއްވާފައެވެ.

ފައްޔާޒު ވިދާޅުވީ މީގެ ކުރިން އެމްޑީޕީން ކުރި މުޒާހަރާތަކާއި، މިހާރުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. އަދި ހާޑުވުމުގެ ހިސާބަށް ދާނީ އަދިވެސް ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މުޒާހަރާތައް މީގެ ކުރިން ކޮށްފައި ހުންނާނީ ފުރަތަމަ ކަމަކަށް އައު ގާނޫނު އަސާސީ ހޯދުމަށް އޭރު ކުރެވުނު އެތައް މުޒާހަރާއެއް. އެއީ ވަރަށް ހާޑުކޮށް ދިޔަ އެއީ ގަދަބާރުން ހޯދަންޖެހުނު އެއްޗެހި ތަކެއް ހޯދަން އޭރު އުޅުނީ އިނގޭތޯ. އޭރު ގާނޫނީ ގޮތުން ހުއްދަ ނެތް ކަންތައްތަކެއް ކުރަން އުޅުނީ. އެހެންވީމަ އޭރު އެކުރެވުނީ އެހާ ހާޑުކޮށް. ދެން އެހެން އައި ބަގާވާތަކުން ވެރިކަން ބަދަލުވުމާއި ގުޅިގެން އެއާ އިދިކޮޅަށް އަޅުގަނޑުމެން ނުކުތް ނުކުތުން. އެއީ ހަމަވަރަށް ބޮޑަށް ގާނޫނާ ހިލާފު ސަރުކާރަކާ ދެކޮޅަށް އަޅުގަނޑުމެން ނުކުމެ ކުރި އިހުތިޖާޖެއް. އެހެންވީމަ އޭގައި ވަނީ ހާޑުކޮށް، އޭތި ދާނީވެސް އެގޮތަށް އިނގޭތޯ. ދެން ތިބޭފުޅުން ބައްލަވާ 2018 ގެ އިންތިޚާބާ ކައިރިވެގެން އައިރުގައި އަމީނީ މަގުގައި ގިނައިން ހިނގާފައި ހުންނާނީ ވެސް ހަމަ މިގޮތަށް. ބޮޑަށް އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު އަޅުގަނޑުމެން ބޮޑު ހިނގާލުމެއް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ވަރަށް ސުލްހަވެރިކަމާއެކު އެއްވެސް ކަހަލަ މައްސަލަތަކެއް ނުޖެހި ހަމަ ކޮންމެ ދުވަހެއްގެ ހަވީރު ކަހަލަ ގޮތަކަށް. އަޅުގަނޑުމެން އެ މިކުރީ. އަޅުގަނޑުމެން ހާޑުވުމާއި ނުވަތަ އެހިސާބަށް ދާނީ އަދިވެސް ސަރުކާރުގެ އަމަލުތައް ހުންނަ ގޮތަކުން އިނގޭތޯ.
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރުމަށް، ކުރިމަތިލާ ހިސާބަށް އަދިނުދާ ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ޑިމޮކްރެޓިކް ސިސްޓަމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް