ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން އެއްވެސް ހާލެއްގައި ބަދަލުކުރުމާ ދެކޮޅު ހައްދަވާ ކަމަށް ހޮނިހިރު ދުވަހު އަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފިއެވެ.
ޣައްޒާ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރު ކޮށް ގޮވާލެއްވުމާ ދެކޮޅަށް އެއް އަޑަކުން އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޤާހިރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މިޞްރު، އުރުދުން، ސައޫދީ އަރަބިއްޔާ، ޤަޠަރު، އެމިރޭޓްސް، ފަލަސްޠީނު އޮތޯރިޓީގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ފިޔަވަޅަކުން ސަރަޙައްދުގެ ހަމަޖެހުމަށް ނުރައްކާވެ، ހަނގުރާމަ ފެތުރި، ސުލްޙައަށް އޮތް ފުރުޞަތުތައް ނެތިދާނެ ކަމަށެވެ.
"އެއްވެސް ސިފައެއްގައި ނުވަތަ އެއްވެސް ހާލަތެއްގައި ނުވަތަ އެއްވެސް ސަބަބަކާހުރެ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމާއި، ހައްގުތަކަށް އަރައިގަތުމަށް [އެއްވެސް މަސައްކަތެއް] ކުރުމާމެދު އަޅުގަނޑުމެން ދެކޮޅު ހަދަމެވެ. އެއީ ގެދޮރުވެރި ކަމާބެހޭ ކަމެއް ކަމުގައި ވިޔަސް، ނުވަތަ އެހެން ތަނަކަށް ފަލަސްތީނު މީހުން ބަދަލު ކުރުން ކަމުގައި ވިޔަސް، ނުވަތަ ބިން އަތުލުމުން ނުވަތަ ބިން ހުސްކުރުވުމުން ކަމުގައިވިޔަސް މެއެވެ..." ޚާރިޖީ ވަޒީރުންގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ޚާރިޖީ ވަޒީރުން ވިދާޅުވީ، ދެ ދައުލަތުގެ ޙައްލެއްގެ މައްޗަށް ބިނާކޮށް، މެދުއިރުމަތީގައި އަދުލުވެރި އަދި ފުރިހަމަ ސުލްޙައެއް ޤާއިމުކުރުމަށް ޓްރަމްޕްގެ ސަރުކާރާ އެކު މަސައްކަތްކުރުމަށް އެ ގައުމުތަކުން އުއްމީދު ކުރާ ކަމަށެވެ.
މި ބައްދަލުވުން ބޭއްވުނީ، ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން އެމީހުންގެ ގެދޮރުން މަޖުބޫރުން ނުކުންނަން ޖެހުނު 15 މަސްދުވަހުގެ އިސްރާއީލުގެ ހަމަލާތަކަށް ފަހު، ޣައްޒާ އަކީ "ވީރާނާވެފައިވާ ސަރަޙައްދެއް" ކަމަށް ޓްރަމްޕް ވިދާޅުވެ، ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރަންވާނެ ކަމަށް ވިދާޅުވެފައިވަނިކޮށްނެވެ.
ފާޑުކިޔާ ފަރާތްތަކުން މިއީ ނަސްލު ނައްތާލުމާ އެއްފަދަ ހުށަހެޅުމެއް ކަމަށް ބުނެފައިވެއެވެ.
މިޞްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ބުދަ ދުވަހު ވިދާޅުވީ ޣައްޒާގެ ރައްޔިތުން ބަދަލުކުރުމަށް މިޞްރުން ދެކޮޅު ކަމަށާއި އެ ޚިޔާލު ބަލައި ނުގަންނާނެ ކަމަށާއި، މިޞްރުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ އެކަމާ ދެކޮޅު ހަދާނެ ކަމަށެވެ.
ނަމަވެސް، ބުރާސްފަތި ދުވަހު ޓްރަމްޕް އަނެއްކާވެސް މި ޚިޔާލު ތަކުރާރުކުރައްވާ، މިސްރާއި އުރުދުން އަށް ވަރަށް ގިނަ އެހީތައް ދެއްވާ ކަމަށާއި "އެމީހުން މިކަން ކުރާނެ" ކަމަށް ވިދާޅުވެ، މިޞްރާއި އުރުދުނަށް އެމެރިކާއިން ދޭ ގިނަ އެހީ އާއި، އޭގެ ތެރޭގައި ހިމެނޭ އަސްކަރީ އެހީއަށް އިޝާރާތް ކުރެއްވިއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދޭ އިރު އެ ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނެން ޖެހޭ ޣައްޒާ އިން އެތަނުގެ އަސްލު ވަޒަންވެރިން ނެރެ އެހެން ތަނަކަށް ގެންދިއުމުގެ ކޮންމެ ހުށަހެޅުމަކަށް ފަލަސްތީނުގެ ރައްޔިތުން ދެކޮޅު ހަދަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. އަދި އެއީ ތަކުރާރުކޮށް އަރަބި ގައުމުތަކުން ވެސް ދެކޮޅު ހަދާފައިވާ ކަމެކެވެ.