އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަންކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ފައްޔާޒް ވިދާޅުވީ އެ އެއްވުމުން ރައްޔިތުން ތިބި ގޮތް ސަރުކާރަށް ސާފުކޮށް ދައްކާ ދީފައިވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ އެއްވުމާއެކު ސަރުކާރު ބަދަލުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ފޫގަޅައިގެން ނުކުންނަން ޖެހުމުގެ މެސެޖު އާއްމުން ދީފައިވާ ކަަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ 2010 ވަނަ އަހަރު ފެހި ޤާނޫނުއަސާސީ އަށް 16 އަހަރުވި އިރު، ލިބުނު އެންމެ ބޮޑު ޔަޤީންކަމަކީ ބޭސްފަރުވާ އަށް ސަލާންޖަހަން ނުޖެހުމުގެ ޔަޤީންކަންކަމަށެވެ. އެ ހިސާބުން ބޭސްފަރުވާ އާއި މެދު ކަންބޮޑުވުމެއް ނެތި އުޅެމުން އައި އުޅުން މިއަދު ބަދަލުވެ ގެއްލިފައިވާ ކަމަށާއި އެކަން އެހެންވީ ސަރުކާރުގެ ތަންދޮރު ނުދަންނަ ސިޔާސަތުގެ ސަބަބުން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވަނީ އާއްމުންނަށް ލިބެމުން އައި އަސާސީ ހައްގުތައް މި ސަރުކާރުން ނަގާލާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވާފައެވެ. އެމްޑީޕީން މަސައްކަތްކޮށްގެން ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދާދިން ހައްގުތައް ހޯދާފައި ވަނީ ބިރު ފަހަނައަޅާ ގޮސްގެން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން މިއަދު މި ސަރުކާރުން އެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު ބަލަން ދިވެހިން ނުތިބޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މި ބަހުލޫލު ސަރުކާރުން ވެރިކަމާ ހަވާލުވެ އަނެއްކާވެސް ދިވެހިރައްޔިތުން ހޯދާފައިވާ ހައްގުތައް ނިގުޅައިގަންނަން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ. މިއީ ބޮޑު މަސައްކަތެއް. އެބަ ޔަޤީންކުރަން ޖެހޭ ޤާނޫނުއަސާސީ އަށް ހައްގު ގެނެސްގެން ވެސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންނަން ކުރާ މަސައްކަތް އިއާދަނުވާނެ ގޮތަކަށް މަސައްކަތްކުރަން. ޕީޕީއެމްގެ ފިކުރާ އަބަދު މިޖެހެނީ ތަޅާ ފޮޅަން.(އެމްޑީޕީ)ގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
ފައްޔާޒް ވަނީ ކުރިއަށް އޮތްތަނުގައި އެމްޑީޕީން މަސައްކަތް ކުރާނީ ސަރުކާރު ބަދަލުކޮށް ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިހާރު މިނިވަންކޮށް އޮތް ހަމައެކަނި މުއައްސަސާއަކީ ސުޕްރީމްކޯޓުކަމަށް ފާހަގަކުރައްވާ ފައްޔާޒް ވަނީ ދިވެހިރައްޔިތުން ކުރި ޑިމޮކްރަސީގެ ދަތުރަށް ސުޕްރީމްކޯޓުން ވިސްނާ، ފަސް ނުޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުން ތިބީ ކަންކަން ހިނގާ ގޮތް ބަލަން ކަމަށާ ރައްޔިތުންގެ ހައްގު ހިމާޔަތްކުރާ ބަޔަކު ރައްޔިތުން ބަލާން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.