ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ފުލުހުން ބުނީ 1 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ހެނދުނު 8:19 ގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގެ ސޯލަރ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ދުވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ވި މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާއަށް ފަރުވާ ދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ހެނދުނު 9:05 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސިނާމާލެ ބްރިޖާއި، ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީގެ ކުރިން ވެސް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. ބްރިޖުން ދުއްވާފައިދާއިރު، މާބަރަށް ދުއްވުމާއި، ކުއްލިއަކަށް ލޭނު ބަދަލު ކުރުމާއި، އޯވަރ ޓޭކް ކުރުމުގައި ގަވާއިދާ ހިލާފަށް އޯވަރޓޭކް ކުރުމުގެ ސަބަބުން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެއެވެ.