ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި މިއަހަރު ކުލަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ، ހއ. ހޯރަފުށީގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ބުދަ ދުވަހުގެ ރޭ ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް މުއިއްޒު ވަނީ، އަނެއްކާވެސް ވައުދު ތަކެއް ވެވަޑައިގެންފައެވެ. .
ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ވަރަށް ބޮޑަށް ސަމާލުވެވަޑައިގެން ހުންނެވިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ވައުދުތަކަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުމަށް ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ މަނިކުފާނުގެ ސަރުކާރުގެ މަސައްކަތްތައް ތަރުތީބުކުރައްވާފައި ވާނީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެންމެ ބާރު ދުވެލީގައި އެ ކަންކަން ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ރާއްވަވައިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހޯރަފުށީގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ތަރައްގީކުރަން އިއުލާންކުރެވުނު ހައުސިންގް ޔުނިޓްތަކުގެ ތެރޭގައި، ހޯރަފުށީގެ 200 ހައުސިންގް ޔުނިޓްގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ހަމަ މިއާއެކު ބިން ހިއްކުމުގެ މަޝްރޫއާއި، ކުނި ނައްތާލުމުގެ ނިޒާމު ތަރައްގީ ކުރުމާއި، އަދި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރު ކުޅުމަށް ޚާއްސަ ފެސިލިޓީތަކެއް ތަރައްގީކޮށްދެއްވާން ވެވަޑައިގެންނެވި ވައުދާއި، ބަނދަރުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވަން ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ މަސައްކަތްތައް މިއަހަރުގެ އެކި ހިސާބުގައި ފައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު ދެއްވިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ހޯރަފުއްޓަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.
އިގްތިސާދީ ފުރުސަތުތައް ތަނަވަސް ކުރުމުގެ ގޮތުން ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް އިކޮނިމް ގޭޓްވޭ މަޝްރޫއުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ މެދަކާ ހިސާބަށް ދެވޭއިރު ޢަމަލީ ސިފައެއްގައި މަސައްކަތްތައް ފެނިގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް އިގްތިސާދީ ދާއިރާއިން ގިނަ މަސައްކަތްތަކެއް މިދިޔަ 14 މަހެއްހާ ދުވަހުގެ ތެރޭގައި ކުރައްވާފައިވާނެކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.