މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި މެންބަރު ޒިޔާދު ވިދާޅުވީ ތަފްސީލު ނޭނގޭ ގޮތަށް މިފަދަ ބަޖެޓެއް ފާސްކޮށްފައި ކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މި ގޮތަށް ބަޖެޓް ފާސްކޮށްފައިވަނީ އޮޅުވާލައިގެން ސިއްރުން އަމިއްލައަށް ފައިދާވާ ގޮތަކަށް ކަންތައްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން ފުށިދިއްގަރުފަޅަށް މި ބަޖެޓުން ފައިސާ ހޭދަކުރުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެއާޕޯޓުތައް އެޅުމަށް، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އަދިވެސް ތަރައްގީގެ އެކިކަންކަމަށް އެކި އަދަދުތައް ބަޖެޓުގައި ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެމަޝްރޫއެއް ކުރިއަށް ގެންދާނެ ރަށެއް ހަރަދު ކުރާނެ ވަރު ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު ޒިޔާދު ވިދާޅުވީ މިގޮތަށް ބަޖެޓް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކުޑަކުދިންގެ އަތުން ދިއްކޮށްލާ ނޯޓާއެކު އެރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއު ގެނޭވޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ކަންކަން ކުރުމަށް، ނުވަތަ ބޭނުންވާ ތަރައްގީ ގެނައުމަށް ނޯޓު ލިޔެގެން ރައީސް މުއިއްޒަށް އަރުވަންޖެހޭ ކަމަށާއި، އެނޫން ގޮތަކަށް މިގައުމުގައި އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށެވެ.
މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތައް ތިންފަށްވެފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ދަނީ އިތުރުވައުދުފުޅުތައް ވަމުން ކަމަށެވެ.
މިގޮތަށް ބަޖެޓް ހަދާފައި މިއޮންނަނީ ވެސް މިއީ ބަހުލޫލު ބަޖެޓް. މަކަރާއި ހީލަތްތެރިކަމުގެ ބަޖެޓެއް. މިއީ އެބަޖެޓުގެ ބޭނުމަކީ. އެއިރެއްގައި އެންމެ ބާރުބޮޑުވާ ދިމާލަކަށް އެކަމެއް ކޮށްލަން. ބުނަންތާ މިޖެހެނީ. ބައެއް ވައުދު އެބުނާހެން ތިން ފަށް ވެސް ވަނީ. އެގޮތަށް އޮންނަ ކަމެއް މިއީ.ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
މެންބަރު ޒިޔާދު ވިދާޅުވީ ބަޖެޓު ފާސްކޮށްފައިވާ ގޮތުން މިސަރުކާރުގެ މިނިސްޓަރުން ޖަވާބުދާރީ ކުރެވެން ނެތް ކަމަށެވެ. އަދި މިއަދު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ބާރުކަނޑުވާލައި، މެންބަރުންގެ ބޭނުން ނެތް ގޮތަށް ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ކަންކަން ރަނގަޅުކޮށް، ސަރުކާރު ހަމަ މަގަށް އެޅުވުމަށް މަގުމައްޗަށް ނުކުތުން ނޫން ގޮތެއް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.