ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ އަމުރަށް ޣައްޒާގެ އުތުރުން ދެކުނަށް ހިޖުރަ ކޮށް ވަގުތީ ކޭމްޕްތަކުގައި ދިރިއުޅެމުން އައި ދުވަސްތަކަށް ނިމުމެއް އައިސް، އެމީހުން ދިރިއުޅުނު ތަނަށް އެނބުރި ދިއުމުގެ ދަތުރު ފަށައިފިއެވެ.
ހާމަ ވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ހޯމަ ދުވަހުގެ ފަތިހު އަލިވުމާއެކު، އެތައް ހާސް ބަޔަކު އަތުން ފޮށިތަންމަތި ހިފައިގެން ކުޑަކުދިން އުރައިގެން އަނެއް ބަޔަކު ކުދިން އިނގިލިކޮޅުގައި ލައިގެން ފައިމަގުގައި ވަނީ ދަތުރު ފަށާފައެވެ.
އެނބުރި އެމީހުންގެ ގެދޮރަށް ފެށި ދަތުރަށް އެންމެ ފަހު ވަގުތު ވެސް އެތައް އުނދަގޫތަކާ ދަތިތައް އިސްރާއީލުން ވަނީ ކުރިމަތި ކުރުވާފައެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޗެކްޕޮއިންޓް ހުޅުވާނެ ކަމުގެ އިންތިޒާރުގައި، މަގުމަތީގަ އާއި ގޮނޑުދޮށުގައި ގެންގުޅޭ ސާމާނާ އެކު މީހުން ތިބޭތާ އެތައް ދުަވަހެއް ވަނީ ވެފައެވެ.
ވަގުތީ ޓެންޓު ތަކުގައި 470 ދުވަސް ހޭދަ ކުރުމަށް ފަހު އެމީހުންގެ ވަޒަނަށް އެނބުރި ދާން ދަތުރުފެށި ތަނުން ޣައްޒާގައި ހިފަހައްޓާފައިވާ އަރްބެލް ޔެހުދު ނަމަކަށް ކިޔާ ރަހީނެއް އެއްބަސްވެފައިވާ ގޮތައް ދޫކޮށްލާފައި ނުވާ ކަމަށް ބުނެ އަދި އެއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސް އިން ޚިލާފު ވީ ކަމަށް ބުނެ ޣައްޒާގެ ހުރަހަށް އޮންނަ ނެޓްޒަރިމް ކޮރިޑޯ ހުޅުވުން 48 ގަޑިއިރަށް އެންމެ ފަހު ވަގުތު ލަސްވެގެން ދިޔައެވެ.
ކޮރިޑޯ އިސްރާއީލުން ހުޅުވަން އެއްބަސްވީ އިތުރު ރަހީނުން ދޫކޮށްލުމަށް ހަމާސް އިން އެއްބަސްވުމުން ކަމަށާއި އޭގެ ތެރޭގައި އަރްބެލް ޔެހުދު ވެސް ހިމެނޭ ކަމަށާއި، އިތުރު މީހުން ދޫކޮށްލުން ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން އާދީއްތަ ދުވަހު ބުނެފައިވެއެވެ.
ފަހުން މި ކުރެވުނު މަޝްވަރާ ތަކަށް ފަހު ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ޣައްޒާގެ މީހުންނަށް އުތުރަށް އެނބުރި ދިއުމުގެ ހުއްދަ އިސްރާއީލުން ދީފައިވާ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުންޏެވެ.