ދިވިެރާއްޖޭގެ ރައްޔިތުންނަށް މިވަގުތު މިއޮތީ ބޮޑު ކާރިސާއަކާއި ކުރިމަތިވެފައި ކަމަށާއި މި ކާރިސާއިން އަރައިގަތުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ، އަޑު އުފުލާ، މި ސަރުކާރު ހަމައަކަށް އަޅުވަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީޕީން ވެރިކަމުގައި ތިއްބަސް، އަދި ވެރިކަން އެހެން ބަޔަކާއި ހަވާލުކޮށްގެން ތިއްބަސް ކުރިމަތިލާން މިޖެހެނީ ކޮންމެވެސް ބާވަތެއްގެ ކާރިސާއަކާއި ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު އޮތް އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބޮޑު އިގްތިސާދީ ކްރައިސިސް އަކާއި ކުރިމަތިވެ، އުންދަގޫތަކަކައި ކުރިމަތިލާން ޖެހުނު ކަމަށާއި އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިމަތިވި އަނިޔާވެރިކަމުގެ ވާހަކަ ދައްކާ ނަމަ، އަދި އެ ހަނދާންތައް އައު ކޮށްލާ ނަމަ އެއީ ވަރަށް ވެސް ބިރުވެރި ދުވަސްތަކެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އޭރުގެ ހާލަތު ހުރި ގޮތުން އަމިއްލަ ފޯނުން ފޯނުކޯލެއްގެ ހިސާބުވެސް ކޮށްނުލެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މައުރޫފް ވިދާޅުވީ އޭރު މީހަކަށް ފޯން ކޯލެށް ކޮށްލަން ޖެހުނަސް ކުރަން ޖެހެނީ ވަޓްސް އެޕް ނޫނީ އެހެންވެސް އެޕްލިކެޝަނެއް މެދުވެރިކޮށް ވަގަށް ކަމަށެވެ.
މައުރޫފް ވިދާޅުވީ އޭގެ ފަހުން އައި އެމްޑީޕީ ވެރިކަމުގައި ކުރިމަތިލާން ޖެހުނީ ކޮވިޑްގެ ކާރިސާއާކަމަށެވެ. އަދި އެ ކާރިސާގެ ސަބަބުން މުޅި ގައުމު ވެއްޓިގެން ދިޔައީ އިގްތިސާދީ ބޮޑު ވަޅުގަނޑަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ ފަހުން މިވަގުތު އެމްޑީޕީ ވެރިކަމުގައި ނެތް އިރު، ޕީއެންސީގެ މިހާރު އުފެދިފައި މި އޮތް ވެރިކަމުގެ ތެރެއިން ވެސް މިއޮތީ ބޮޑު ކާރިސާއަކާއި ކުރިމަތިލާން ޖެހިފައިކަމަށް މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޭރު ކުރިމަތިވި ކޮވިޑްގެ ވަބާހަކަލަ ނުރައްކާތެރި ބޮޑު ކާރިސާއަކަށް ނުވި ނަމަވެސް ޕީއެންސީގެ މި ވެރިކަމުގައި ވެސް ރައްޔިތުންނަށް ކުރިމަތިވެފައި މިވަނީ ބޮޑު ކާރިސާއަކާއި ކަމަށެެވެ. އަދި މި ކާރިސާއިން އަރައިގަތުމަށް ޓަކައި ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމެ، އަޑުއުފުލާ، މި ސަރުކާރު ހަމަމަގަށް ގެނައުމަށް މަސައްކަތް ނުކޮށްފި ނަމަ، ދިގުދެމިގެން ހިނގައިދާނެ ނިކަމެތި ކަމަކާއި ހިތާމައެއް ރައްޔިތުންނަށް ކުރިމަތިވެދާނޭ ކަަމަށް މައުރޫފް ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމުގައި ތިއްބަސް، އަދި އެހެން ބަޔަކާއި ވެރިކަން ހަވާލުކޮށްގެ ތިއްބަސް، ކުރިމަތިލާން މި ޖެހެނީ ކާރިސާ އަކާ. 2008 ވަނަ އަހަރުގެ އެމްޑީޕީގެ ވެރިކަމުގައި ކުރިމަތިވީ އިގްތިސާދީ ކްރައިސިސް އަކާ. އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިމަތިވި އަނިޔާވެރިކަމުގެ ވާހަކަ ދައްކާ ނަމަ އޭރު ނޯވޭ ފޯނުކޯލެއްގެ ވަރުވެސް ކޮށްލެން. މީހަކަށް ގުޅިޔަސް މި ގުޅަން ޖެހެނީ ވަޓްސް އެޕް ނޫނީ އެހެންވެސް ކޮންމެވެސް އެޕެއް މެދުވެރިކޮށް. އޭގެ ފަހުން އައި އެމްޑީޕީ ވެރިކަމުގައި ކުރިމަތިލާން ޖެހުނީ ކޮވިޑްގެ ކާރިސާއާ. އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓުނު. އޭގެ ފަހުން ޕީއެންސީގެ މިހާރު އުފެދިފައި މި އޮތް ވެރިކަމުގެ ތެރެއިން ވެސް މިއޮތީ ބޮޑު ކާރިސާއަކާއި ރައްޔިތުންނަށް ކުރިމަތިލާން ޖެހިފަ.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މައުރޫފް ވިދާޅުވީ މިހާރުވެސް މި ސަރުކާރުން ދަނީ މަސްވެރިންނަށާއި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށާއި ވިޔަފާރިވެރިންގެ އިތުރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންކަމަށެވެ. ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ކަންނެލި މަސްވެރިކަން ފުނޑާލުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި މި ސަރުކާރުން އެކަން ކުރަމުން މިދަނީ ކީއްވެތޯ މިއަދު ގިނަ ބައަކަށް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ހަމަ ރަނގަޅަށް ހިނގަހިނގައި އޮތް ކަންނެލި މަސްވެރިކަން ފުޑާލަން މި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ކޮމާޝަލް ފިޝިންގ އަށް ގެންގޮސް އޭގެން ބޮޑު ސިންގާ ވައްކަމެއް ކުރުމަށް ރާވާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މި ސަރުކާރުން 100 ދުވަސްތެރޭގައި 80 ރުފިޔާއާއި 100 ރުފިޔާއާއި ދެމެދުގެ އަގަކަށް ކަންނެލި ގަންނާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް ވެރިކަމަށް އަރައި ވިއްދާލީ މުޅި ކަންނެލި މަސްވެރިކަން ފުނޑާލުމަށް ޓަކައި ލޭނު އަޅަން ބޭރުގެ ބޯޓުތަކަށް ހުޅުވާލަން ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދަޅުވި ރާއްޖޭގެ ރައްޔިތުންނަށް ފައިދާއެއް، އަދި މަންފާއެއް ހުރި ކަމެއް ކޮށްދީފައި އޮތީ އެމްޑީޕީ ސަރުކާރުން ކަމަށާއި އަދި ކޮށްދޭނީ ވެސް އެމްޑީޕީ ސަރުކާރަކުން ކަމަށެވެ.