މުޅި ރާއްޖެ މިހާރު ދަނީ ނޯތް ކޮރެއާ އަށް ބަދަލުވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ މަޖިލީހަށް ބަލާލާއިރު މަޖިލީހުގައި ތިބި އެމްޑީޕީ މެމްބަރުން ފިޔަވާ ހުރިހާ ގޮނޑިއެއްގައި ހުންނެވީ ރައީސް މުއިއްޒު އޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ. ހަމައެހެންމެ ފަނޑިޔާރުގޭގެ ގޮނޑިތަކުގައި ވެސް އެ އިންނަވަނީ ރައީސް މުއިއްޒު ކަމަށް ސިފަކުރައްވާ މާރިޔާ ވިދާޅުވީ އެކަން އެހެން ސިފަވަނީ ފަނޑިޔާރުން އައްޔަންކޮށް ވަކިކުރަނީ ރައްޔިތުންގެ މަޖިލީހުންކަމަށް ވެފައި މަޖިލީހުގެ ފުރިހަމަ ބާރު ރައީސް މުއިއްޒު އަށް އޮތުމުން ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން ވެސް ރައީސް މުއިއްޒު ވަނީ ނަންގަވާފައި ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީވެސް އަދި ފަނޑިޔާރުގައި އިންނަވަނީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މާރިޔާ ވަނީ ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވައްދާ މައްސަލަ އަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސާފުކޮށް ޑީއެންއާރު މެދުވެރިކޮށް ވަޒީރުން އިސްވެ ތިއްބަވައި އައިޑެންޓިޓީ ވަގަށް ނަގަމުންދާއިރު ވެސް ފިޔަވަޅެެއް ނޭޅޭ ކަމަށް ފާހަގަކުރައްވާ މާރިޔާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.
ނަފްސުތައް ވަގަށް ނަގަނީ ވަޒީރުން އިސްވެ ތިއްބަވައިގެން. އެއީ ވެސް އެތާގައި ރައީސް މުއިއްޒު ހުންނަވައިގެން އެކަން ހިނގާތީ. އިލެކްޝަންސް ކޮމިޝަންގަ ތިއްބަވާ ބޭފުޅުން ބައްލަވަނީ ސަފީރުކަން ލިބޭތޯ. ނޫނީ އެހެން ވަޒީފާ އެއް ލިބޭތޯ. ފޮތް ލިސްޓަށް ސަލާން ޖަހަން ޖެހޭ ހިސާބަށް މިދަނީ. އަނެއްކާ ބިޑި ސިނގެރެޓް އެމްޑީޕީން ނުކުންނަން ބުނާ އިރަށް އެ ސިއްހަތަށް ރަނގަޅު އެއްޗަކަށްވޭ. އެހެން އޮންނަ ކަމެއް ނޫން އެއީކީ. ސިއްހަތަށް ރަނގަޅިއްޔާ ރަނަގަޅު ގޯހިއްޔާ ގޯސް. އެހެން އޮންނަ ކަމެއް ނޫން އެއީ. މުޅި ރާއްޖެ މިދަނީ ނޯރތް ކޮރެއާ އާއި ދިމާލަށް. އަޅުގަނޑުމެންނަށް އިނގޭ ރައީސް މުއިއްޒުގެ އައިޑޮލްއަކީ ވެސް ނޯރތް ކޮރެއާކަން. ބޭނުން ވަނީ ރައްޔިތުން ފަގިރުކޮށްލަން. ދޮގުހަދާ މީހާ ވައްކަން ކުރާނެ އޭ މައިންބަފައިން އަޅުގަނޑުމެންނަށް ނަސޭހަތްދޭ. ހަމަދިމާއަށް ދަނީ ދޮގު ހަދަމުން. ޖެހިލުމެއް ނެތި. ވަކިވަރަކަށް ނޫން ދޮގުހަދަނީ.އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ
ރައީސް މުއިއްޒު ގެންދަވަނީ ރާއްޖެ ނިކަމެތިކުރަމުން ކަމަށް މާރިޔާ ވިދާޅުވިއެވެެ. އަދި ދޮގު މައްޗަށް މި ސަރުކާރުން ދޮގު ހަދަމުންދާ ކަމަށް ފާހަގަކުރައްވާ މާރިޔާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައްޔިތުން އެދެނީ ސަރުކާރު ބަދަލުކުރަން ކަމަށާއި މަގުމަތިން އިވޭހާވެސް އަޑަކީ އެއީ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ނުބެލުމަކީ އާއްމުން އެކަމާއި އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ހިތްހަމަނުޖެހުންތައް ސަރުކާރަށް އަޑު އިއްވަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.