ގައުމުގެ ހުރިހާ ދިމާލެއްގައި ވެސް އޮތީ ކޮރަޕްޝަން ކަމަށާއި އެކަންކަން ތަހުގީގު ނުކުރަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނަން އެ ތަހުގީގުގެ ތެރެއިން އަންނާނެތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ ކޮރަޕްޝަންގެ ކަންކަން ހިނގަނީ ރައީސް މުއިއްޒުގެ ބައިވެރިވުމާއި އެކުގައި ކަމަށް ބުނަމުން ދަނީ އެކަންކަމާއި މެދު އަޅާ ނުލާ ދޫކޮށްލައްވައިގެން ހުންނަވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެ ކަންކަމާއި ރައީސް މުއިއްޒު ހާސްވެގެން އުޅުއްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ނޫންނަމަ ކޮރަޕްޝަނާއި ގުޅުން ހުރި ކަންކަން ބަލާ ފިޔަވަޅު އަޅާނެ ނޫންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ނޫމަޑި މައްސަލައިގައި ކަނޑައެޅިގެން ދޮގު ހައްދަވާފައިވާ ކަމަށާއި އެކަން ކުރެއްވީ ރައީސް މުއިއްޒުގެ ނަން ކްލިއަރކުރުމަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ ހިސާބުން ކޮރަޕްޝަންގެ މައްސަލަ އާއި ރައީސް މުއިއްޒު އާއި ގުޅިފައިވާކަން އެނގޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެން މުލިއާގެ ބޮޑު ޚަރަދުތައް ކުރައްވައިގެން މަރާމާތުކުރުމުން ފައިސާ އާއި ޖެހުމުން މުރުތްވަތްތެރިކަން ނެތް މިންވަރު ހާމަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަން މުލުން ލުހެލާނެ ކަމުގެ ވައުދު ރައީސް މުއިއްޒު ވެވަޑައިގަތް ނަމަވެސް އެކަން ނުކުރެވޭނެ ކަމުގެ ދަލީލުތައް ވަރަށް ކައިރިން ފެންނަން އޮތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ވަނީ ވަޒީރުންގެ ފެންވަރުގައި މަޤާމަށް އައްޔަންކުރައްވާފައިވާ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވައްކަން ކުރަމުން ގެންދެވީ ރައީސް މުއިއްޒު އަށް އެނގިވަޑައިނުގެން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެކަމާއި މެދު ފިޔަވަޅެއް ނޭޅުމުން ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުއިއްޒުއަށް ނުބެއްލެވޭ މިންވަރު ހާމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން އަރައިގަތީމަ ކުޅަދާނަ ނުވެގެން ފަޒުލް ވަޑައިގަތީ. ފަޒުލްގެ މައްސަލައިގައި ފުލުހުން ބަލަނީ ކޮރަޕްޝަންގެ މައްސަލަ އެއް ނޫން. ދައުލަތުގެ ލިޔުންތަކެއް ނައްތާލިކަމުގެ މައްސަލަ. ކޮންކަމެއްތޯ މި ކުރަނީ. މުއިއްޒު އަށް އެނގޭނެ ނޫންތޯ ބޮޑު އަގުގަ ގޯތިތައް ސާޖިދާ ބޭނުންހާ ބަޔަކަށާ މިގޮތަށް ދީފަ މިހުރީ. ދެން ދިޔައީ ރަޓަމީހާ މުއިއްޒު. އޭނަ ބުނަނީ ތިމަންނައާ ބެހިލާށޭ، މުއިއްޒު ބަރަހަނާކޮށްލާނަމޭ. އެހެންވީމަ ލޮޖިކާ އެތީ އެކަން އޮތީ އެހެންނޭ. ހުރިހާ ތަނެއްގައި ހުރި ކޮރަޕްޝަން. އެކަން ކުރަނީ މުއިއްޒު ރުހިގެން ހިތްވަރު ދީގެން.ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.