ކ. މާލެ
|
23 ޖެނުއަރީ 2025 | ބުރާސްފަތި 19:46
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
އެމްޑީޕީ ޓްރެއިނިން އެކެޑެމީ
އެމްޑީޕީ ޓްރެއިނިން އެކެޑެމީ ވެގެންދާނީ ޕާޓީ ބަދަލުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަށް - ފައްޔާޒް
އެއް ޖީލުން އަނެއް ޖީލަށް ގުޅުވާލަ ދިނުމުގައި ވެސް އެމްޑީޕީ ޓްރެއިނިން އެކެޑެމީ އިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި
މީގެ އިތުރުން އެ އެކެޑެމީއަކީ އެމްޑީޕީ ކުރިއަށް ގެންދިއުމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން މުސްތަޤްބަލަށްޓަކާ މުހިއްމު ބަދަލެއް ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓްރެއިނިން އެކެޑެމީ ވެގެންދާނީ ޕާޓީ ބަދަލުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަށް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޓްރެއިނިން އެކެޑެމީގެ ހަރަކާތްތަކުގެ ތެރެއިން، ބުދަ ދުވަހުގެ ރޭ ބޭއްވި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދޭ ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒް ވަނީ އެމްޑީޕީ ޓްރެއިނިން އެކެޑެމީގެ ދައުރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

އެއް ޖީލުން އަނެއް ޖީލަށް ގުޅުވާލަ ދިނުމުގައި ވެސް އެމްޑީޕީ ޓްރެއިނިން އެކެޑެމީ އިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ތަނުގެ ބޭނުމަކަށް ވެގެންދާނީ ހަމައެކަނި ބަހުގެ ހަމަތައް ދަސްކޮށްދިނުން ނޫން ކަަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެތަން ރަޖިސްޓްރީކޮށް ނިމުމުން ޕީއެންސީ ހިމެނޭހެން ސިޔާސީ އެންމެންނަށް އެ އެކެޑެމީން ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އެތަނުން ހިންގާ ކޯސްތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ޢިލްމީ އެކިއެކި ކޯސްތައް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެ އެކެޑެމީ މެދުވެރިކޮށް ސޯޝަލް މީޑިއާގެ ބޭނުން ހިފުމަށާއި ސިޔާސީ ހަރަކާތް ހިންގުމުގައި ކަންކުރެވިދާނެ ގޮތް އެނގިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އަކީ އެންމެ ވަރުގަދަ އެއް ޕާޓީކަމަށް ވުމާއި އެކު އެ އެކެޑެމީ މެދުވެރިކޮށް ރައްޔިތުންނާއި މުޚާތަބުކުރާ އިރު ލިބެން ޖެހޭ ތަމްރީންތަކެއް ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ޚުދު އަޅުގަނޑަށް ވެސް ދިވެހިބަހުގެ ދަރަޖަ ބޭނުންކުރާ އިރު އެބަ ހުރި ގޮންޖެހުންތަކެއް. އަޅުގަނޑު ދެކޭގޮތުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ދިވެހިރާއްޖޭގެ އެކި އެކި އިރުގާ އޮތް ސަރުކާރުތަކުން. އަޅުގަނޑަށް އެނގިފަވާ ގޮތުން ދިވެހި ބަހުގެ މުޤައްރިރު ސްކޫލްތަކުގަ ކިޔަވާދޭއިރު ދަރަޖަ ކިޔަވައެއް ނުދޭ. މިޖެހެނީ ދަރަޖަތައް ދެނެގަންނަން. އެހެންވީމަ އަޅުގަނޑު ވިދާޅުވީ ވެސް އަމިއްލަ އަށް ވެސް ބުނެވެނީ. އެހެންވީމަ ކަރިކިއުލަމް ތެރޭގަ ދިވެހި ބަސް ބޭނުންކުރާނެ ގޮތް ސްކޫލްތެރޭގަ ކިޔަވާދޭން ޖެހޭ. އެހެން ނޫނީ އިންސާފުވެރި ގޮތެއް ނޫން ރަށްރަށުގެ ކައުންސިލަރުންނަށް ބަސް ބޭނުންކުރުމުގަ ނުބައިކޮށް ބޭނުންކޮށްގެން މަލާމާތްކުރުމަކީ. މިއީ ވަރަށް ބޮޑު ޢިލްމެއް.
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

ފައްޔާޒް ވަނީ ކުރިއަށް އޮތްތަނުގައި އުންމީދަކީ ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އެ އެކެޑެމީ މެދުވެރިކޮށް ތަމްރީންވުންކަމަށް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެ އެކެޑެމީއަކީ އެމްޑީޕީ ކުރިއަށް ގެންދިއުމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން މުސްތަޤްބަލަށްޓަކާ މުހިންމު ބަދަލެއް ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް