ތިންވަނަ ފަހަރަށް ވަޒީރަކަށް ރުހުންދޭންޖެހުމުން އެނގެނީ ދައުލަތަށް އެ ވަޒީރެއްގެ ބަލަދު އަރާފައިވާކަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީތަކަށް ގެނެވުނު ބަދަލާއެކު އަލުން 4 މިނިސްޓަރެއްގެ ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ބާރު ކެނޑިގެންދާނެ އިސްލާހެއް ކަމަށެވެ. އަދި ހަމަ އެއާއެއްކޮށް އޭގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ޖަވާބުދާރީކުރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރުހުން ހޯދަން ފޮނުވާފައިވާ ވަޒީރުންގެ ތެރެއިން އެއް ވަޒީރަކަށް ތިންވަނަ ފަހަރަށް ރުހުން ދިނުމަށް ފޮނުވާފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ އެއީ ދައުލަތަށް ބަލަދުއަރާފައިވާ ވަޒީރުން ކަމަށެވެ.
މީގެ ތެރެއިން އެއް ވަޒީރަށް އަޅުގަނޑުމެން މި ޖެހެނީ ތިންވަނަ ފަހަރަށް ރުހުންދޭން. އަޅުގަނޑަށް ހީވަނީ ދައުލަތަށް ބަލަދުއަރާފައި ތިއްބެވި ވަޒީރުންހެން. ރައީސުލްޖުމްހޫރިއްޔާއަކަށް މިއިން ބޭފުޅުންގެ ކިބައިން ނެއްޓެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލަން އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ އަޚު ލަޠީފްބެ ފާހަގަކުރެއްވިހެން، އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި ފަދައިން ވަޒީރަކު ގާނޫނާ ޚިލާފުވެއްޖެ ކަމުގައި ވާނަމަ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ދޫކޮށްލައިގެންނުވާނެ. ވަޒީރަކު ޖިނާއީ ކުށެއް ކުރިކަމުގެ އަޅުގަނޑުމެންނަށް ކޮންމެފަދަ ގޮތަކަށް ތުހުމަތުކުރެވިގެން އައި ކަމުގައި ވީނަމަވެސް، އެކަން އަޅުގަނޑުމެން ބަލަންޖެހޭނެ.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މައުރޫފް ވިދާޅުވީ މިއަދު މި ފެނިގެންދަނީ އައްޔަންކޮށްފައިވާ ވަޒީރެއްގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވިގެން އުޅޭތަން ކަމަށެވެ. އަދި ގައުމެއްގައި ކުރެވޭނެ އެންމެ ބޮޑު އެއް ކުށަކީ ގައުމެއްގެ ރައްޔިތުންގެ ޒާތީ މައުލޫމާތުން ޑާޓާއިން ވައްކަންކުރުން ކަމަށެވެ. މައުރޫފް ވިދާޅުވީ އެފަދަ ކަމެއް ފެންމަތިވެގެން އުޅޭއިރުގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ އެ ވަޒީރަކު ޖަވާބުދާރީކުރުވައި އެ ވަޒީރަކާ އެންމެ ކުޑަމިނުން ސުވާލުކޮށް އެކަން ހިނގާފައިވާ ގޮތް ބެލުން ކަމަށެވެ.
އެކަން ކުރުމަށް ޓަކައި އަޅުގަނޑުމެން އެމްޑީޕީން ފަހަށް ނުޖެހޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން. އަދި އަޅުގަނޑު އެދެން ދެންމެ އަޅުގަނޑުމެންގެ އަޚު އިއްޒަތްތެރި މެންބަރު ލަޠީފްބެ އެ ފާހަގަކުރެއްވި ފަދައިން މި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ތުހުމަތުކުރެވިއްޖެ ކަމުގައި ވާނަމަ، އެކަން ބެލުމަށް ޓަކައި، އަޅުގަނޑުމެންނަށް އިއްޔެ ފެނިގެންދިޔަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ކުރީގެ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކާ މެދު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމިފައި ހުރި ނިންމުންތައް އަލުން އަނބުރާ އިޔާދަކޮށް އަލުން އެ މައްސަލަތައް ބަލަން ނިންމެވި ވާހަކަ. ހަމަ އެއާއެއްކޮށް ވަޒީރަކު ޖިނާއީ ތުހުމަތުކުރެވޭ ފާޑުގެ ކަންކަން ކުރީމާ އަޅުގަނޑުމެން އެކަން ބަލަންޖެހޭނެ.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މައުރޫފް ވަނީ މިކަމުގައި މަޖިލީހުގެ ހުރިހާ މެންބަރުން އެމްޑީޕީގެ މަސައްކަތަށް އެއްބާރުލުންދެއްވާ އެކަންކަން ބެލުމަށް އެދިވަޑައިގެންފައެވެ.