އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑުގެ ޙާލަތު ގޯސް ވެއްޖެ އެވެ.
ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބްރައިޓަން އިން ޔުނަައިޓެޑުގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. މެޗުގައި ބްރައިޓަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ބްރައިޓަން އިން ވަނީ އިތުރު ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޔުނައިޓެޑު ކޮޅަށް ލަނޑު ޖަހައި ބްރައިޓަން އަށް ކުރި ހޯދައިދިނީ، ޔަކުންބާ މިންޓޭ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގައި ދެ ވަނަ ފަހަރަށް ބްރައިޓަން އިން ލީޑު ނެގީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިޏި ކޯރު މިޓޮމާ އެވެ. މެޗުގައި ބްރައިޓަންގެ ތިން ވަނަ ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ ޖޯޖީނިއޯ ރުޓާ އެވެ.
ބްރައިޓަން އަތުން ބަލިވެ ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 22 މެޗުން 26 ޕޮއިންޓާ އެކު އެވެ. މި ބައްޔަކީ މި ސީޒަންގެ ލީގުގައި ޔުނައިޓެޑުގެ 10 ވަނަ ބައްޔެވެ. ޔުނައިޓެޑު އަތުން މޮޅުވެ، ބްރައިޓަން އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. އެއީ 22 މެޗުން 34 ޕޮއިންޓު ހޯދައިގެންނެވެ.