ކ. މާލެ
|
20 ޖެނުއަރީ 2025 | ހޯމަ 05:47
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ހިޔާނާތް
ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްވާނީ ތުހުމަތުކުރެވޭ ފަރާތްތަކާއިމެދު ހަމަހަމަ ކަމާއެކު އަމަލުކުރެވިގެން - ރައީސް
އެއްބަސްވުން އުވާލީ އަޙްމަދު އަދީބުގެ އިތުރުން އަޙްމަދު އިޝްފާޙް ޢަލީ، މުޙައްމަދު ޢައްލާމް ލަޠީފްއަދި މުޙައްމަދު ޙުސައިން އާއެކު
މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަން ވެސް ވަނީ އަންގާފައި
ރައީސް ވަނީ އަދީބުގެ މައްސަލަ އަލުން ބަލަން ނިންމުން މަރުހަބާ ކިޔާފައި

ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްވާނީ ތުހުމަތުކުރެވޭ ފަރާތްތަކާއިމެދު ހަމަހަމަ ކަމާއެކު އަމަލުކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް (ޕީޖީ) ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި ޕީޖީ އަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވާ ކަމަށެވެ.

އަދި ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނުތެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އިތުރު 3 މީހަކާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނައިކަން ޕީޖީ އޮފީހުން ހާމަކުރުމާއި ގުޅިގެންނެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާއި ގުޅިގެން ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް އިން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެ އޮފީހުން، 4 ފަރާތަކާއެކު އެކުލަވާލާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 19 ޖަނަވަރީ 2024 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވާ ކަމަށެވެ.

އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ހެދި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ އިތުރުން މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީ، މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް، ގ. އޮއިވާލި، މުޙައްމަދު ޙުސައިންއެވެ.

މީގެ އިތުރުން، ހ. އާހަމަ، ޢަބްދުﷲ ޒިޔާތު އާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވާނީ ނިމުމަކަށް ގެނެސްފައެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތަކުން މަޢުލޫމާތުދީފައިވާ ކަމަށް ބުނެއެވެ.

އަދި މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް އެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

- ކޮމެންޓް