ވަގު ފޯމު ފުރައިގެން އެހެން ޕާޓީތަކަށް ވެއްދި އިތުރު 27 މީހެއްގެ ފަރާތުން އެމްޑީޕީ އިން ޕޮލިހަށް މައްސަލަ ހުށަހަޅައިފިއެވެ.
ހޮނިހިރު ދުވަހު މައްސަލަ ހުށަހެޅިކަން އެންމެ ބޮޑު އިދިކޮޅު ޕާޓީ – އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެހެން ޕާޓީތަކަށް ނިސްބަތްވާ އަދި އެއްވެސް ޕާޓީއަކަށް އަމިއްލަ އަށް ދުވަހަކުވެސް ވަދެފައި ނުވާ އެތައް ބަޔަކު އެމީހުންނަށް ނޭގި ރައީސް މުއިއްޒުގެ ރިޔާސަތުގެ ދަށުން ހިންގާ ޕީއެންސީ އަށް ވައްދާފައިވާ މައްސަލަ ބޮޑުވެ ސޯޝަލް މީޑިއާ ގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މި މައްސަލަ ބޮޑުވެފައިވަނިކޮށް ޕީއެންސީ އަށް މެމްބަރުން އިތުރު ކުރަން ފޯމު ފުރުމުގެ މަސައްކަތް ސަރުކާރުގެ އޮފީހެއްގެ ތެރޭގައި ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯ ތަކެއް ސޯޝަލް މީޑިއާ ގައި ވަނީ ލީކު ކޮށްލާފައެވެ.
ގަބޫލު ކުރެވޭ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަގު ފޯމު ފުރައިގެން ޕިއެންސީ އަށް ވައްދާފައިވަނީ ހޯމް މިނިސްޓަރ އިހްސާނުގެ ބައިވެރިވުން އޮވެގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ވެފައިވާ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާބޭސް އިން ވަގަށް މައުލޫމާތު ނަގައިގެން އެ އޮފީހުގެ ތެރޭގައެވެ.
މިބޮޑު ޚިޔާނާތް ހިންގުމުގައި ހޯމް މިނިސްޓަރުގެ ސީދާ ބައިވެރިވުން އޮތް ކަމަށް ބެލޭތީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
މިއީ ޑރ މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.
މެމްބަރޝިޕް ފޯމުތައް ފުރާފައިވަނީ ސޮއި ފޯޖުކޮށް ވަގު ހެކިދީގެން މީހުންގެ ފޮޓޯ ބަދަލު ކޮށްގެން ކަމަށް ވާތީ އެކަންކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ވެސް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.
އޭގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާތީ އެމައްސަލަ ތަހުހީގު ކުރުމަށް އެންޓި ކަރަޕްޝަން ކޮމިޝަނަށްވެސް އެމްޑީޕީ އިން ވަނީ ހުށަހަޅާފައެވެ.
ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން އެމީހުންނަށް ނޭގި ވަގު ފޯމު ފުރައިގެން ޕިއެންސީ އަށް ވައްދާފައިވާ މައްސަލަ އެމްޑީޕީ އިން ވަނީ ކުށްވެރި ކޮށްފައެވެ.
ކުރީގެ ރައީސް ސޯލިހް މި ކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހޭ ކަމަށެވެ. އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީ އަށް ވައްދަމުންދާ ކަމަށް ވެސް ކުރީގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި އެމީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާފައިވާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުން ކުރީގެ ރައީސް ޔާމީން ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި މި ކަމާ ގުޅިގެން ހޯމް މިނިސްޓަރުގެ މައްސަލަ ނުބެލޭ ނަމަ ރައީސް މުއިއްޒު މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައ ބޭނުންކޮށް ލޯންޑަރ ކުރަމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އެމަނިފާނު ވިދާޅުވީ ޒާތީ މައުލޫމާތުންވެސް މި ސަރުކާރުން ވައްކަން ކޮށް ރައްޔިތުންގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށެވެ. އަދި މި ވައްކަމުގެ އިސް މޭސްތިރިއަކީ ރައީސް މުއިއްޒު ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޕީއެންސީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުންނެވި އިރު، ވަގު ފޯމު ފުރާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށް ޕީއެންސީ އަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އަސްމާ ވިދާޅުވި ކަމަށް ވަނީ މެންބަރުން އިތުރުކުރަން ފޯމުތައް ތައްޔާރު ކުރީ އައިޑީ ކާޑުގައި ހުންނަ މީހުންގެ ފޮޓޯތައް ބަދަލުކޮށް ގަމީސް ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.