ކ. މާލެ
|
18 ޖެނުއަރީ 2025 | ހޮނިހިރު 15:03
ހަސަން އަލީ ގއ. އަތޮޅު ހޮސްޕިޓަލުގައި
ހަސަން އަލީ ގއ. އަތޮޅު ހޮސްޕިޓަލުގައި
ފަޔާޒް
ސިއްހީ ޚިދުމަތް
ބައްޕަ އަކީ އުމުރުން ދުވަސްވީ ނުކުޅެދޭ މީހެއް، ހޮސްޕިޓަލުން ކަންތައް ކުރީ ވަރަށް އިހާނެތިކޮށް: ދަރިފުޅު
ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ބަލި މީހާ ގެންދަން ޖެހުނީ އިމަރޖެންސީ ވެގެން
ހޮސްޕިޓަލުން އެންގީ ފަރުވާ ނިމިއްޖޭ ބަލިމީހާ ގެންދާށޭ، އެއީ އެއްޕައި ނެތް ނުކުޅެދޭ މީހެއް ކަމަށާއި ރަށަށް ދެވޭނެ ގޮތް ހަމަ ޖެހެންދެން މަޑުކޮށްލެވޭނެ ގޮތް ހަދައިދޭން ދަރިފުޅު އެދުނު
މަޖުބޫރުވެގެން ގެއަކަށް ގެންދިޔަފަހުން އައިވީ ގުޅަން ޖަހާފައި ހުރި ކަށި ނައްޓަން ނަރުހުން އައީ ގެއަށް

ބައްޕަ އަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށާއި ބައްޕަ އާ މެދު ގއ. ވިލިނގިލީ ގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށް ބަލިމީހާގެ ދަރިފުޅު އަހްމަދު ހުސެއިން ފަޔާޒް ބުނެފިއެވެ.

ފަޔާޒް ވަނީ އޭނާގެ ބައްޕަ ހަސަން އަލީ އާ މެދު ހޮސްޕިޓަލުން ކަންތައް ކުރި ގޮތް ވަރަށް ތަފްސީލު ކޮށް މި ނޫހަށް ހިއްސާ ކޮށްފައެވެ.

"އަޅުގަނޑު އަޑުއެހިން އަތޮޅު ހޮސްޕިޓަލުން އަޅުގަނޑު ފޭސްބުކް ގައި ޖެހި ޕޯސްޓު ދޮގުކުރި ވާހަކަ، ބައްޕަގެ ވާހަކަ އަޅުގަނޑު ލިޔެފައިވާނީ ކަން ހިނގި ގޮތައް،" ކަމަށް ފަޔާޒް ބުންޏެވެ.

ވިލިނގިލީ ހޮސްޕިޓަލަށް އޭނާގެ ބައްޕަ ގެންދަން ޖެހުނީ އޭނާގެ އުފަން ރަށް ގއ. ނަޑެއްލާ އަށް ދަތުރު ކުރި މަގުމަތީގައި ބައްޕަ އަށް ނޭވާލާން އުނދަގޫވެ، އިމަޖެންސީ ކޮށް ކަމުގައި ފަޔާޒު ބުންޏެވެ.

"ބައްޕަގެ ބަލީގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުން ބައްޕަގެ އެއްފައި ބުރިކޮށްލަން ޖެހުނީ، ހޮސްޕިޓަލުން ދޫކޮށްލުމުން، ރަށަށް ދިޔަ މަގުމަތީގައި ބައްޕަގެ އޮކްސިޖަން ލެވެލް ދަށްވެގެން އިމަރޖެންސީކޮށް ކޫއްޑޫގައި ޖައްސާ ވިލިގިނލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދަން ޖެހުނީ،" މިކަން ހިނގި ގޮތް ކިޔައިދެމުން ފަޔާޒު ބުންޏެވެ.

ފަޔާޒް ބުނީ ޖެނުއަރީ މަހުގެ 11ން 15ށް އޭނާގެ ބައްޕަ ހަސަން އަލީ އޮތީ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށެވެ.

މި މުއްދަތު ހިނގިފަހުން "ނަރުސް ކުދިންތަކެއް އައިސް މި ބުނަނީ، ފަރުވާ ނިމުނީއްޔޭ، ބަލިމީހާ 24 ގަޑިއިރު ތެރޭ ހޮސްޕިޓަލުން ގެންދާށޭ."

ހޮސްޕިޓަލުން އޭނާގެ ބައްޕަ ގެންދިއުމަށް އެންގުމުން ބައްޕަ އަކީ މިހާރު ނުކުޅެދޭ މީހެއް ކަމަށާއި، ބަލި ހާލަތު ހުރި ގޮތުން ރަށަށް ދެވެން ދެން ހޮސްޕިޓަލުގައި މަޑު ކޮށްލުމަށް އެދޭ ކަމަށް ފަޔާޒު ބުންޏެވެ.

"އަޅުގަނޑު ބުނިން ވިލިގިނލިން ރަށަށް ދާން އެންސްޕާގެ އެހީ ހަމަޖެހޭތޯ ވާނީ އެދިފައޭ، އެންސްޕާގެ ޚަބަރެއް ވަންދެން ބައްޕަ ބޭއްވޭނެ ގޮތެއް ހަދައިދޭށޭ."

ފަޔާޒު އިތުރަށް ކިޔައިދިން ގޮތުގައި ބައްޕަގެ ބަލިހާލަތުގެ އިތުރުން، އަތްމަތި ދަތި ކަމުންނާއި، އެމީހުންނަކީ އެ ރަށު މީހުންނަށް ނުވާތީ ބައްޕަ ހޮސްޕިޓަލުގައި ބާއްވައި ދިނުމަށް ހޮސްޕިޓަލުގައި "އާދޭސް" ކުރި ކަމަށެވެ.

"އަޅުގަނޑު ބުނިން ދާނެ ތަނެއް ނެތޭ، ބައްޕައަކީ ނުކުޅެދޭ މީހެކޭ."

ފަޔާޒް ބުނީ އެކަންކަން އެހެން ހިނގަމުން ދިޔައިރު އޭނާ އެންސްޕާ އިން އެހީ ހަމަޖެހޭތޯ އެތަނަށް ވެސް ގުޅަމުން ދިޔަ ކަމަށާއި އެހީ ހަމަޖެހޭނެ ކަމަށް އެތަނުން އޭނާ އަށް އެންގި ކަމަށެވެ.

"ދެން ނަރުސް ކުއްޖަކު އައިސް ބުނަނީ 24 ގަޑިއިރު ހަމަ ވެއްޖޭ، ބަލިމީހާ ހޮސްޕިޓަލުން ނެރޭށޭ."

ނަރުހުން އެހެން ބުނުމުން "އަޅުގަނޑު އާދޭސް ކޮށްފައި ބުނިން ބައްޕަ މިހާލުގައި އޮއްވާ އެންސްޕާގެ އެހީ ހަމަ ނުޖެހެނީސް ބައްޕަ ގެންދެވޭނެ ގޮތެއް ނެތޭ."

ފަޔާޒް ބުނިގޮތުގައި ނަރުހުން ދިން ޖަވާބަކީ އެއީ ހޮސްޕިޓަލުގެ މެނޭޖުމަންޓުން އެންގި ގޮތް ކަމަށެވެ. އޭގެ އިތުރުން އެމީހުންގެ ވާހަކަ އަކީ ހޮސްޕިޓަލުގައި އެހެން މީހުންނަށް ފަރުވާދޭނެ ޖާގަ ބޭނުންވާނެ ކަމަށް ވެސް ފަޔާޒު ގާތު ނަރުހުން ބުނި ކަމަށް އޭނާ ބުންޏެވެ.

"އޭރު ވޯޑުގައި އޮތީ އަޅުގަނޑުގެ ބައްޕަގެ އިތުރުން އެންމެ މީހެއް،" ކަމަށް ވެސް ފަޔާޒް ބުންޏެވެ.

ފަޔާޒް ބުނީ އޭރު ބައްޕަ ހޮސްޕިޓަލުން އެމީހުން އޮތީ އެމްބިއުލާންސް ވެސް ހަމަ ޖައްސާފައެވެ.

"ދެން ކޮންމެ އަކަސް އަޅުގަނޑަށް މަޖުބޫރުވީ ބައްޕަ ހޮސްޕިޓަލުން ނެރެން، ބައްޕަ ގޮވައިގެން ގެއަށް ވަދެ ބަލާލިއިރު، ބައްޕަގެ އަތުގައި އައިވީ ގުޅަން ޖަހާފައި ހުރި ކަށިވެސް ހުރި، އެވެސް ނުނައްޓާ ބޭރުކޮށްލީ،" ފަޔާޒް ބުންޏެވެ.

ފަޔާޒް ކިޔައިދިން ގޮތުގައި، ގެއަށް ގެނައި ފަހުން ހޮސްޕިޓަލުން ނަރުހަކު އައިސް ހަނދާން ނެތިގެން ކަށި ނުނައްޓާ ހުރުމުން މިއައީ ކަށި ނައްޓަން ކަމަށް ބުންޏެވެ.

"އަޅުގަނޑު ބުނިން ނައްޓާ އެއްޗެއް ނައްޓާށޭ." ފަޔާޒް ބުންޏެވެ.

ފަޔާޒް މި ހާދިސާ އާ ބެހޭ ގޮތުން ފޭސްބުކް ގައި ލިޔެފައިވާ ޕޯސްޓުގައި "ބައްޕަ ހޮސްޕިޓަލުން ބޭރުކޮށްލުމުން ބައްޕަގެ ލޮލުން ފޭބި ކަރުނަތައް ފެނިފައި ނިކަމެތިކަން އިހުސާސް ވެގެން ދިޔަ،" ކަމަށް ބުނެފައިވެއެވެ.

ފަޔާޒް ގެ ބައްޕަ އަށް ދިމާވި ހާދިސާގެ ވާހަކަ މި ނޫހަށް ހިއްސާ ކުރަމުން އޭނާ ބުނީ، އޭނާ މިވާހަކަ ހިއްސާ ކުރަން ބޭނުންވީ މީހަކު ކުށްވެރިކުރަން ނޫން ކަމަށެވެ.

އޭނާ ބުނީ ބަލިމީހަކަށް މިހެން ވާން އެއްވެސް މީހަކު ނޭދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އޭނާގެ ބައްޕަ އަށް ދިމާވި ކަންތައް އެހެން މީހަކަށް ދިމާވާން އޭނާ ނޭދޭތީ އެ ވާހަކަ ހިއްސާ ކުރަން ބޭނުންވީ ކަމަށެވެ.

"އަޅުގަނޑުގެ އޮތީ ދެ މައްސަލަ އެއް، އެއީ ބައްޕަ ހޮސްޕިޓަލުން ބޭރުކޮށްލި ގޮތާއި، ބައްޕަގެ މެޑިކަލް ހިސްޓްރީ އެތަނުގެ ބައެއް މީހުން ޖޯކަކަށް ހަދައިގެން އެތައް ބަޔަކު ގާތުގައި ދެއްކުން،"

ފަޔާޒް ބުނީ ޖެހިގެން އައި ދުވަހު ރަށަށް ދެވޭނެ ގޮތް ހަމަ ޖެހުމުން، ހޮސްޕިޓަލަށް ގުޅުމުން އެމްބިއުލާންސް ފޮނުވައިދިން ކަމަށެވެ.

އެމްބިއުލާންސް އައުމުން ބައްޕަ އެމްބިއުލާންސް އަށް އަރުވައިގެން އަޅުގަނޑުމެން ދިޔައީ، ސީއެމްބިއުލާންސް އޮތް ތަނަށް، ދިޔައިމާ އެމީހުން ބުނަނީ ކޮބާހޭ ނަރުހުން؟ އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނޭގެޔޭ، ދެން އަޅުގަނޑުމެން އަނެއްކާ ބައްޕަ އާ އެކު އެމްބިއުލާންސް ގައި ދިޔައީ ހޮސްޕިޓަލަށް ނަރުހުން ބަލައި، ގޮސް ނަރުހަކު ލައިގެން ފުރީ،" ފަޔާޒް ބުންޏެވެ.

ފަޔާޒް އާއި އޭނާގެ ބައްޕަ މިހާރު ތިބީ އެމީހުންގެ އުފަން ރަށުގައެވެ.

ހޮސްޕިޓަލުގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

- ކޮމެންޓް