އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެ ގައުމުގައި ޓިކްޓޮކް މަނާކުރުމުގެ ގާނޫނު ދަމަހައްޓަން ހުކުމް ކޮށްފިއެވެ.
ފަނޑިޔާރުންގެ ރައުޔަކީ އެ ގާނޫނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ޤާނޫނެއް ނޫން ކަމަށެވެ.
މި ނިންމުމާއެކު ޓިކްޓޮކްގެ ޗައިނީޒް މައި ކުންފުނި ކަމުގައިވާ ބައިޓްޑާންސް އިން އެ އެޕް ވިއްކާލުން ނޫނީ އެމެރިކާގައި އާދީއްތަ ދުވަހުން ފެށިގެން އެ އެޕް ބޭނުން ކުރުން މަނާކުރުން ލާޒިމްކުރާ ޤާނޫނުން ޔޫއެސް ސުޕްރީމް ކޯޓުން ޓިކްޓޮކް ސަލާމަތްކޮށް ނުދޭނެ ކަން މިވަނީ ކަށަވަރުވެފައެވެ.
މިއީ އެމެރިކާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ބޭނުންކުރާ ޕްލެޓްފޯމަކަށް އެރި ބޮޑު ލޮޅުމެކެވެ.
ހުކުރު ދުވަހު ފަނޑިޔާރުން އިއްތިފާގުން ނިންމީ، މިދިޔަ އަހަރު ކޮންގްރެސްގައި ދެ ޕާޓީގެ ގިނަ މެންބަރުންގެ ތާއީދާއެކު ފާސްކޮށް، ޑިމޮކްރެޓިކް ރައީސް ޖޯ ބައިޑެން ސޮއިކުރެއްވި މި ޤާނޫނަކީ، އެމެރިކާގެ ޤާނޫނުއަސާސީގެ ފުރަތަމަ އިޞްލާޙުގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއެޅުން މަނާކުރާ މާއްދާއާ ޚިލާފު ޤާނޫނެއް ނޫން ކަމަށެވެ.
ފަނޑިޔާރުން މި ނިންމުން ނިންމީ، ޓިކްޓޮކް، ބައިޓްޑާންސް އަދި އެޕް ބޭނުންކުރާ ބައެއް ފަރާތްތަކުން މި ޤާނޫނަށް ގޮންޖަހައި ހުށަހެޅި މައްސަލައެއްގައި، އެ ޤާނޫނު ދަމަހައްޓާފައިވާ ދަށު ކޯޓެއްގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައިގެންނެވެ.
"170 މިލިއަނަށްވުރެ ގިނަ އެމެރިކާ މީހުންނަށް ޓިކްޓޮކް އަކީ ޚާއްޞަ އަދި ފުޅާ ދާއިރާއެއްގައި ޚިޔާލު ފާޅުކުރުމުގެ ވަސީލަތެއް، މުޢާމަލާތްކުރުމުގެ ޒަރީޢާ އެއް އަދި މުޖުތަމަޢުގެ މަސްދަރެއްކަން ޝައްކެއް ނެތެވެ. އެހެންނަމަވެސް، ކޮންގްރެސް އިން ނިންމާފައިވާ ގޮތައް ޓިކްޓޮކް އިން ޑޭޓާ އެއްކުރުމުގެ އާދަތަކާއި ބޭރުގެ އަދާވާތްތެރި ފަރާތަކާ އޮތް ގުޅުމާ ބެހޭގޮތުން އުފެދިފައިވާ ޤައުމީ ސަލާމަތާގުޅޭ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، މި އެޕް ވިއްކާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ،" ކޯޓުން ސޮއިނުކޮށް ނެރުނު ރައުޔުގައި ބުނެފައިވެއެވެ.
ކޯޓުން އިތުރަށް ބުނެފައިވަނީ "ގާނޫނު އަސާސީގެ ފުރަތަމަ އިޞްލާޙުގެ ޙައްޤުތަކަށް މި ގާނޫނު ހުރަސް ނާޅާކަމަށް އަހުރެމެން ނިންމަމެވެ."
ވައިޓް ހައުސްއިން މި ހުކުމާ ގުޅިގެން ނެރުނު ބަޔާނަކުން ދޭހަވަނީ، ޤާނޫނުގައި ކަނޑައަޅާފައިވާ އާދީއްތަ ދުވަހުގެ ސުންގަޑި އަށް ޓިކްޓޮކް ސަލާމަތް ކުރުމަށް ބައިޑެން އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ނެރުނު ބަޔާނެއްގައި، "ޓިކްޓޮކް އެމެރިކާ ރައްޔިތުންނަށް ލިބެން ހުންނަންވާނީ އެމެރިކާގެ މިލްކިއްޔާތުގެ ދަށުން ނުވަތަ މި ޤާނޫނު އެކުލަވާލުމުގައި ކޮންގްރެސް އިން ފާހަގަކޮށްފައިވާ ޤައުމީ ސަލާމަތާގުޅޭ ކަންބޮޑުވުންތައް ޙައްލުކުރެވޭނެ އެހެން މިލްކިއްޔާތެއްގެ ދަށުން" ކަމަށް ބައިޑެން ދެކެވަޑައިގަންނަވާކަން އަލުން ތަކުރާރުކޮށްފައިވެއެވެ.
މިހާރު އޮތް ވަގުތަށް ބަލާއިރު، މި ޤާނޫނު ތަންފީޒުކުރުމުގެ ފިޔަވަޅުތައް "އަޅަންޖެހޭނީ ދެން އަންނަ ސަރުކާރަކުން" ކަމަށް އެ ބަޔާނުގައި ވެއެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ ޓްރަމްޕް ވިދާޅުވެފައިވަނީ ޓިކްޓޮކް އެޕްގެ މުސްތަޤްބަލާމެދު ގޮތް ނިންމުމުގެ ބާރު އޮންނާނީ އޭނާއަށް ކަމަށެވެ. ނަމަވެސް އޭނާ އަޅުއްވާނެ ފިޔަވަޅަކާ ބެހޭ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.
"އެކަން އެންމެ ފަހުން އަންނާނީ އަޅުގަނޑަށް ކަމަށް ވާތީ، އަޅުގަނޑު ނިންމާ ގޮތް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ޓްރަމްޕް ވިދާޅުވިއެވެ. "ކޮންގްރެސް އިން އެ ނިންމުން ނިންމުމުގެ ބާރު ދީފައިވަނީ އަޅުގަނޑަށް. އެހެންވީމާ އަޅުގަނޑު ނިންމުން ނިންމާނަން."
ޓިކްޓޮކް އަކީ އެމެރިކާގައި އެންމެ ފާހަގަކޮށްލެވޭ މީސްމީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. ގާތްގަނޑަކަށް 170 މިލިއަން ނުވަތަ އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މި އެޕް ބޭނުންކުރެއެވެ. މީގެ ތެރޭގައި ޒުވާނުން ގިނަ އަދަދަކަށް ހިމެނެއެވެ.