ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 11:38
ޓިކްޓޮކް
ޓިކްޓޮކް
އިންޑިޕެންޑެންޓް
މޮންޓާނާގައި ޓިކްޓޮކް މަނާކުރުން
ޓިކްޓޮކް މަނާކުރި އެމެރިކާގެ ފުރަތަމަ ސްޓޭޓަކަށް މޮންޓާނާ
ގޫގުލް އާއި އެޕަލް އެޕްސްޓޯރުންވެސް އެ ސަރަހައްދުގައި ޓިކްޓޮކް އެޕް ޑައުންލޯޑް ކުރެވެން ހުރުމަކީ ގާނޫނީ ކުށަކަށް ވެގެންދާނެ
2024 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މޮންޓާނާގައި ޓިކްޓޮކް ބޭނުން ކުރުން މަނާވާނެ
މޮންޓާނާގެ ގަވަރުނަރ، ގްރެގް ޖިއަންފޯރޓް ވަނީ މޮންޓާނާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ފާސްކުރި ބިލު، މެއި 17 ވަނަ ދުވަހު ތަސްދީގު ކުރައްވާފައި

އެމެރިކާގެ މޮންޓާނާ ސްޓޭޓުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފިއެވެ.

މޮންޓާނާގެ ގަވަރުނަރު، ގްރެގް ޖިއަންފޯރޓް ވަނީ މޮންޓާނާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ފާސްކުރި ބިލު، މެއި 17 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. މިއާއެކު މޮންޓާނާ ވެގެންގޮސްފައި މިވަނީ އެމެރިކާގެ ސްޓޭޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓިކްޓޮކް ބޭނުންކުރުން މަނާކުރި ސްޓޭޓަށެވެ.

ގަވަރުނަރު ގްރެގް ވަނީ އެސްޓޭޓުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރީ ސްޓޭޓްގެ ޒާތީ އަދި އަމިއްލަ މައުލޫމާތުތައް ޗައިނާގެ ކޮމިއުނިސްޓް ޕާޓިގެ ކިބައިން ސަލާމަތްކުރުމަށް ކަމަށް ޓްވިޓަރގައި ވިދާޅުވެފައެވެ.

މިބިލު ތަސްދީގުކުރުމާއެކު 2024 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މޮންޓާނާގައި ޓިކްޓޮކް ބޭނުން ކުރުން މަނާވާނެއެވެ. އަދި ގޫގުލް އާއި އެޕަލް އެޕްސްޓޯރުންވެސް އެ ސަރަހައްދުގައި ޓިކްޓޮކް އެޕް ޑައުންލޯޑް ކުރެވެން ހުރުމަކީ ގާނޫނީ ކުށަކަށް ވެގެންދާނެއެވެ.

ޓިކްޓޮކަކީ އެމެރިކާގެ 150 މިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރަމުންދާ އެޕެކެވެ. ނަމަވެސް މި އެޕަކީ ޗައިނާ ސަރުކާރުން ޖާސޫސު ކުރުމަށާއި އެމީހުންގެ ޕްރޮޕަގެންޑާ ފެތުރުމަށް ބޭނުންކުރާ އެޕެއް ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ވަކާލާތުކުރަމުންނެވެ.

މާޗު މަހު، ކޮންގްރެސްގެ ކޮމިޓީއަކުން ވަނީ ޓިކްޓޮކްގެ ސީއީއޯ ޝޯ ޒީ ޗޫ ހާޒިރުކޮށް، ޗައިނާ ސަރުކާރުގެ ނުފޫޒު ޓިކްޓޮކް މެދުވެރިކޮށް ފަތުރަމުންދޭތޯ ގިނަ ސުވާލުތަކެއް ކޮށްފައެވެ. ނަމަވެސް ޓިކްޓޮކުން ވަނީ އެއްވެސް ބައެއްގެ ޒާތީ އަދި އަމިއްލަ މައުލޫމާތެއް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ހިއްސާކޮށްފައި ނުވާނެކަމަށް ބުނެފައެވެ. އަދި ޓިކްޓޮކްގައި ހުންނަ ޑޭޓާ ތަކަކީ ޗައިނާ ސަރުކާރާ ހިއްސާކުރާ ޑޭޓާ ނޫންކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް