ކ. މާލެ
|
17 ޖެނުއަރީ 2025 | ހުކުރު 19:05
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޕީއެންއެފް ޖަލްސާ
ރައްޔަތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްފި. މިނިސްޓަރ އިހުސާނުވެސް އަދި މުއިއްޒުވެސް އެބަޖެހޭ ގެއަށް ވަޑައިގަންނަވަން: ރައީސް ޔާމީން
މި ސަރުކާރުން ރައްޔިތުންގެ ޒާތީ މައުލޫމާތުން ކުރީ ބޮޑު ވައްކަމެއް. މިނިސްޓަރު އިހުސާނާއި އެކު މިވަގުތު ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް މަގާމުން ވަކިކުރަން ޖެހޭ
ރައީސް މުއިއްޒުވެސް މި މައްސަލަ ނުބެލޭ ކަމަށްވަންޏާ އަމިއްލަފުޅަށް މަގާމުން ދުރަށްދާން ޖެހޭނެ
މީހުންގެ ހައްގު ކަށަވަރުކުރުމަކީ މުއައްސަސާތަކުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް
މި ވައްކަމުގެ މައްސަލާގައި އީސީއަށް ބޯ ދަމައިނުގަނެވޭނެ

ޕީއެންސީއަށް މީހުން އިތުރުކުރަން ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްފި ކަމަށާއި އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުވެސް މަގާމުން ވަކިކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް 'ވަގު ފޯމު'ތަކެއް ފުރި މައްސަލަ ބޮޑުވެ، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ސިޔާސީ ޕާޓީއަށް މީހުން ވައްދާ ފޯމު ބަލައިގަތުން މެދުކަނޑާލައިފައެވެ. އީސީން ބުނީ، ދެން ޕާޓީ ބަދަލުކުރެވޭނީ އީ-ފާސް މެދުވެރިކޮށް، އެ މީހަކު އަމިއްލައަށް ކަމަށެވެ.

ޕީއެންއެފުން ސިލްސިލާ ގޮތެއްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި މައްސަލައިގައި ހޯމް މިނިސްޓަރު އިހުސާން ވެސް އަދި މިވަގުތު ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި، މި މައްސަލަ ނުބެލޭ ކަމަށްވަންޏާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

" މިއޮތީ ނިކަމެތި ރައްޔިތުންގެ ޒާތީ މައުލޫމާތުން ބޮޑު ވައްކަމެއް ކޮށްފަ. މީގެ ޒިންމާ ހަމައެކަނި އުފުލަންޖެހޭނީ އިހުސާނެއް ނޫން. މީގެ ޒިންމާ ރައީސް މުއިއްޒުވެސް އެބަ އުފުލަންޖެހޭ.
ރައީސް ޔާމީން ވިދާޅުވި

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ކުރާ ވައްކަމަށް ވުރެ ރައްޔިތުންގެ ޒާތީ މައުލޫމާތުން ކުރާ ވައްކަން އޭގެ ޒާތުގައި ރައްޔިތުންނަށް އިހުސާސްވާލެއް ބޮޑުވާނެ ކަމަށެވެ.

މި މައްސަލައިގައި ޔާމީން ވަނީ ހޯމް މިނިސްޓްރީއާއި ޑީއެންއާރާއި އީސީއަށް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނާ ދިމާއަށް އިސް އުފުލައި ބަލައިލަން ބޭނުންފުޅު ނަމަ، މި ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެއިން އެއްވެސް ބޭފުޅަކަށް މަގާމުގައި ނުހުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އީސީން މި މައްސަލަ ނަގަނީ މާ ލުއިކޮށް ކަމަށް ވިދާޅުވެ ވެސް އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ. އެގޮތުން މީހަކު އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުވާއިރު، އެކަން އެ ދަނީ އެންމެ ރަނގަލަށް ތޯ އީސީން ބަލަން ޖެހޭނޭ ކަމަށާއި މީހުންގެ ހައްގު ކަށަވަރުކުރުމަކީ މުއައްސަސާތަކުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އީސީއަށް މި ކަންކަމުން ބޯ ދަމައިނުގަނެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީއަށް 'ވަގަށް މެންބަރުން ވައްދާ'ކަމުގެ މައްސަލަ މީސްމީޑިއާގައި ފެންމަތިވެފައިވަނިކޮށް، ޕީއެންސީން ވަނީ ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅުނު ކަމަށް އެއްބަސްވެފައެވެ. އެ ޕާޓީން ބުނީ، އެހެން އެކަން މެދުވެރިވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ޕާޓީގައި ނެތުމުން ކަމަށެވެ.

އެކަމަކު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެއީ ޑީއެންއާރުގައި ހުންނަ ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ސަރުކާރު ތެރެއިން ގަސްތުގައި ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ހޯމް މިނިސްޓަރުކަމުން އިހުސާން ވަކިކުރަންޖެހޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

- ކޮމެންޓް