ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ބުދާ ދުވަހު އިއުލާނު ކޮށްފައި ވަނިކޮށް އިސްރާއީލުން ފަލަސްތީނުގެ މަދުވެގެން 20 މީހުން ޝަހީދު ކޮށްލައިފިއެވެ.
އެކަން ވަނީ ޣައްޒާގެ މަދަނީ ދިފާއީ އޭޖެންސީން ކަށަވަރު ކޮށްދީފައެވެ.
އޭޖެންސީގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީއަށް ބުނިގޮތުގައި، ޣައްޒާ އަށް އިސްރާއީލުން އެތައް ހަމަލާއެއް ދީފައިވެއެވެ. މިހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭން 18 މީހުންނަކީ ޣައްޒާ ސިޓީ އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ކަމަށްވެސް ބުނެފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ކަމަށް އިއުލާނު ކުރި ނަމަވެސް "ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ،" އޭނާ ވިދާޅުވިއެވެ.
ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 7 އޮކްޓޯބަރ 2023 އިން ފެށިގެން އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ޝަހީދުވެފައިވާ މީހުންގެ އަދަދު 46,707 އަށް އަރާފައިވެއެވެ. އަދި އިތުރު 110,265 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.