މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އައު ކޯޗަކަށް ހަމަޖެއްސި، ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ފަރިތަކުރުންތައް ފަށައިފި އެވެ.
އުމުރުން 52 އަހަރުގެ ލުއިސްމާ، މާޒިޔާގެ ކޯޗުކަމާ ހަވާލުވީ އަންގާރަ ދުވަހު އެވެ. އޭގެ ފަހުން ބުދަ ދުވަހުގެ ހަވީރު މާޒިޔާ އިން ވަނީ ރަސްމީކޮށް އެ ކުލަބުގެ ފަރިތަކުރުންތައް ފަށައިފަ އެވެ. ލުއިސްމާގެ އިރުޝާދުގެ ދަށުން މާޒިޔާގެ ފަރިތަކުރުންތައް ފަށާއިރު، އޭނާގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ މާޒިޔާ އިން ކުޅޭނީ އަންނަ ފެބްރުވަރީ މަހު އޮންނަ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތެވެ. އޭގެ ކުރިން ސީޒަން ހުޅުވުމަށް ކުޅޭ މެޗު އޮންނާނެ އެވެ.
ލުއިސްމާ ވަނީ މީގެ ކުރިން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާގެ އަދި ރެއާލްގެ މެޑްރިޑުގެ ބައެއް ޕްރޮޖެކްޓުތަކުގަައި ވެސް މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން ލުއިސްމާ މަސައްކަތް ކޮށްފައި ވަނީ ލިތުއޭނިއާގެ ދެ ވަނަ ޑިވިޝަންގެ ކުލަބެއްގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އުޒްބަކިސްތާން އަދި ކުވެއިތުގެ ކުލަބުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ލުއިސްމާގެ ކުރިން މާޒިޔާގެ ކޯޗުކަމުގެ މަގާމުގައި ހުރީ ސާބިއާގެ ޑްރަގަން ޑުކަނޯވިޗް އެވެ. މާޒިޔާގެ ކޯޗުކަމާ ޑުކަނޯވިޗް ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭނާ އާއެކު މާޒިޔާ އިން ހެދި އެއްބަސްވުން ހަމަވުމުން، މާޒިޔާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ލުއިސްމާ ހަމަޖައްސައިފަ އެވެ. ލުއިސްމާ އަކީ މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ ހަތް ވަނަ ކޯޗެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައި އޮތީ މިއަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފެށުމަށެވެ. އެންމެ ފުރަތަމަ އެފްއޭއެމް އިން އެކުލަވާލި ޑްރާފްޓުގައި ފުޓުބޯޅަ ސީޒަން ފަށަން ހަމަޖައްސާފައި އޮތީ މި ހިންގާ ޖަނަވަރީ މަހަށެވެ. ނަމަވެސް ކުލަބުތަކުގެ މަޝްވަރާ އާއެކު އެފްއޭއެމް އިން ވަނީ ފެބްރުވަރީ މަހު ސީޒަން ފަށަން ނިންމައިފަ އެވެ.