ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އިލާން އިމްރާން އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އިލާން ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.
އޭގެ ހަތް މިނެޓު ފަހުން މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ސާޖިއޯ އިގްލީސިއަސް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ އަޙުމަދު އައިހަމް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ އިގްލީސިއަސް އެވެ.
މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހުރިހާ މެޗަކުން ވެސް މޮޅު ވެގެންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ ހަ މެޗުން ވެސް މާޒިޔާ މޮޅުވެފައިވާއިރު، އެ ޓީމަށް ލިބެނީ 18 ޕޮއިންޓެވެ. ލީގުގައި މިހާތަނަށް ހުރިހާ މެޗަކުން މޮޅުވެފައިވާ ހަމައެކަނި ޓީމަކީ ވެސް މާޒިޔާ އެވެ.