ހޯމް މިނިސްޓަރ އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ނިންމައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ނިންމާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުޑައިރުކޮޅެއް ކުރިން ނިންމާފައިވަނީ މިހާރު ފެންމަތިވެގެން އުޅޭ ޕީއެންސީ އަށް މީހުން ވައްދަން ފުރާފައިވާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އިހުމާލުވެފައިވާތީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫއްޕުން އިހުސާންގެ އިތިބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައިވަނީ ބުރާސްފަތި ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށެވެ.
މިނިސްޓަރު އިހުސާނު ހިންގަވާފައިވާ މި މުޑުދާރު އަމަލުގެ މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މިނިސްޓަރު އިހުސާނަކީ ފުލުހުންގެ އިދާރާގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ވަޒީރުކަމަށްވާއިރު، އޭނާ އެ މަގާމުގައި ހުރެއްޖެނަމަ މިމައްސަލައިގެ އިންސާފުވެރި ތަހުގީގެއްކުރުމަކީ މުސްތަހީލުކަމަކަށްވާތީ، މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރު އިހުސާނު މަގާމުން އެކަހެރިކުރުމަށް ވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.
އެމްޑީޕީން ބުނީ މި އަމަލަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ އަމަލަކަށްވާތީ މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ގޮވާލާފައިވެއެވެ. އަދި ދިވެހިރައްޔިތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހިދުމަތްތައް ހޯދަނީ އެ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް އިތުރު ފަރާތަކަށް ހާމަނުވާނޭކަމުގެ ކަށަވަރުކަމާއެކުގައެވެ.
އެހެންނަމަވެސް، ޕާޓީގެ މެންބަރުންގެ ދަފުތަރު އިތުރުކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމަކީ އިންތިހާއަށް ނާތަހުޒީބު، އަދި ހިޔާނާތުގެ އަމަލެކެވެ. މިއީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮންނަންވާ އިތުބާރު ގެއްލިގެންދާފަދަ އަމަލަކަށްވާތީ މިފަދަ ކަންކަން އިތުރަށް ނުހިނގާނޭކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އަދި މިހާރު ޕީއެންސީގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ ފޯމުތަކަކީ ސައްހަ ނޫން ފޯމުތަކެއްކަން ސާފުވެފައިވާތީ މިމައްސަލަ ބަލައި، އެކަމުގައި ގޮތެއް ނިމުމުގެ ކުރިން އެއިން އެއްވެސް ފޯމެއް ރަޖިސްޓްރީ ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.